ތަރައްްޤީ

މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި


މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުން ހިންގި ތަފާތު 2 އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި މި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނަކާއި ޢުމުރުން 22 އަހަރުގެ ފިރިހެނެކެވެ.

މި ދެ މީހުންގެ ތެރެއިން 22 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ ހިންމަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހެނދުނު 10:55 ހާއިރުއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އޭނާ އެވަގުތު ހުރި ތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. އަދި ޢުމުރުން 35 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެންގޮސްފައިވަނީ  ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގއ.ގެމަނަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 2016 ނޮވެމްބަރ 20 ވަނަ ދުވަހު 10:20 ހާއިރުކަމަށާ، އެ ދެމީހުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި އެދެމީހުން ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ޖައިދީފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. 

އެގޮތުން އުމުރުން 35 އަހަރުގެ މީހާއަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ  7 ދުވަހުގެ މުއްދަތެއް ދީފައި ކަމަށާ، ޢުމުރުން 22 އަހަރުގެ މިހާއަށް ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 12 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ހާމަކުރެއެވެ.