އިންތިޚާބުތަކުގައި ވޯޓުލާއިރު ވޯޓުލާ ކެނޑިޑޭޓުގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމަށްފަހު، އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ލިޔެފައިވާ ނުވަތަ ކުރެހުމެއް ކުރަހާފައިވާ ވޯޓު ކަރުދާހަކީ ބާތިލް ވޯޓެއް ކަމަށް ބަޔާންކޮށް، އިންތިޙާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިޞްލާޙް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އިބްރާޙިމް ދީދީ އިންތިޙާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށަހެޅުއްވި އިޞްލާޙް ރައްޔިތުންގެ މަޖިލީހަށް ބަލައިގަތީ 58 މެމްބަރުންގެ ވޯޓުންނެވެ. އެ އިޞްލާޙް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް ވޯޓް ދެއްވީ 11 މެމްބަރުންނެވެ.
އެ އިޞްލާޙް މަޖިލީހަށް ބަލައިގެންފައިވާއިރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިތުރު 3 އިޞްލާޙެއްވެސް މިއަދުގެ ޖަލްސާގައި ވަނީ ބަލައިގެންފައެވެ. އެގޮތުން ފޭދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އިބްރާޙިމް ދީދީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ހުށަހެޅުއްވި އިޞްލާހު މަޖިލީހަށް ބަލައިގެންފައި ވަނީ 44 މެމްބަރުންގެ ވޯޓުންނެވެ. އެ އިޞްލާޙް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް 23 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އެ އިޞްލާހުގައި ބުނެފައި އިދާރީ ދާއިރާއަކުން ނުވަތަ އިންތިޚާބު ކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެނޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅުފާހަގަ ޖަހާފައިވާ ކޮންމެ ވޯޓް ކަރުދާހަކީ ބާޠިލް ވޯޓް ކަރުދާހެއް ކަމަށެވެ.
ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމާބެހޭ ޤާނޫނަށް މާވަށު ދާއިރާގެ މެމްބަރު އަޙްމަދު އަޒްހާން ފަހުމީ ހުށަހެޅުއްވި އިޞްލާޙުވެސް މަޖިލީހަށް ބަލައިގަންފައިވެއެވެ. މި އިސްލާހު ބަލައިގަތުމަށް 54 މެމްބަރުން ވޯޓް ދެއްވާފައިވާއިރު އެ ބިލް ބަލައިގަތުމާ ދެކޮޅަށް 9 މެމްބަރަކު ވަނީ ވޯޓުދެއްވާފައެވެ.
އެ ބިލްގައި ބުނެފައި ވަނީ އިސްތިސްނާވާ ކަނޑު އުޅަނދުފަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާގައި ބޭނުންކުރާ އުޅަނދުފަހަރު ހިމެނިފައި ނުވާތީ އެ މުއައްސަސާގެ މެރިން ޕޮލިސްގެ ޚިދުމަތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް ޙައްލެއް ގެނައުމުގެ ގޮތުން ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގެ ބޭނުންތަކަށް ދުއްވާ އުޅަނދުފަހަރުތައް އިސްތިސްނާވާނެ ކަމަށެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ބަނދަރު ކުލި ނެގުމުގެ ޤާނޫނަށް އަޒްޙާން ފަހްމީ ހުށަހެޅުއްވި އިޞްލާޙް ވެސް މަޖިލީހަށް ވަނީ ބަލައިގެންފައެވެ. އެގޮތުން އެ އިޞްލާޙް މަޖިލީހަށް ބަލައިގެންފައި ވަނީ 53 މެމްބަރުންގެ ވޯޓުންނެވެ. އެ އިޞްލާޙް މަޖިލީހަށް ބަލައިގަތުމާއި ދެކޮޅަށް 10 މެމްބަރަކު ވޯޓުދެއްވާފައިވާއިރު އެ އިޞްލާޙްގައި ވަނީ ދިވެހިރާއްޖޭގެ ބަނދަރަކަށް ރާއްޖެއިން ބޭރުން އަންނަ 200 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 200 ރުފިޔާ ނަގަން ހުށަހަޅުއްވާ ކަމަށެވެ. އަދި 200 ގްރޮސް ޓަނުން ފެށިގެން 1000 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 300 ރުފިޔާ ނަގަންޖެހޭ ގޮތަށް އެ ޤާނޫނަށް ވަނީ އިޞްލާޙް ހުށަހަޅުއްވާފައެވެ. ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިޞްލާޙްގައި ވަނީ 1000 ގްރޮސް ޓަނުން ފެށިގެން 2000 ގްރޮސް ޓަން ހަމަނުވާ ކޮންމެ އުޅަނދަކުން 400 ރުފިޔާ ނަގަންޖެހޭނެ ކަމަށެވެ.