ޚަބަރު

ފިންގަރ ޖެޓީ: ފުރަތަމަ ޖެޓީގެ ކޮންކްރީޓް މަސައްކަތް ނިންމާލައިފި


  • 2 ޖެޓީގެ ރީއިންފޯސްމެންޓް މަސައްކަތްތައް ދަނީ ކުރަމުން

  • 15 މީޓަރު ދިގު 3 ފިންގާ ޖެޓީ ހަދާނެ

މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތުގެ ތެރެއިން، ފުރަތަމަ ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ ދަށުން އުތުރު ފަރާތު ބަނދަރުގައި 15 މީޓަރު ދިގު 3 ފިންގާ ޖެޓީ ހެދުމުގެ މަސައްކަތް މިވަގުތުވެސް ދަނީ ކުރަމުންނެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 1 ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި ބާކީ ހުރި 2 ޖެޓީގެ ރީއިންފޯސްމެންޓް މަސައްކަތްތައްވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެކުންފުނިން ފާހަގަކުރިއެވެ.

މިއީ މުޅި ޖުމްލަ 18.98 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި މަޝްރޫއު އެއްކޮށް ނިމުމުން އުތުރު ފަރާތު ބަނދަރު ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްސަކޮށް ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އަރަން މަގަތުގައި އޮންނަ އުޅަނދުތައް ހުރަސްކޮށް ދާންޖެހޭ ދަތި އުނދަގޫތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.

މީގެއިތުރުން، މި ޖެޓީތަކުގެ ސަބަބުން ކުޑަކުދިންނާއި އިސްރަށްވެހިންގެ އިތުރުން ލަގެޖު ހިފައިގެން ދަތުރުކުރާ ފަރާތްތަކަށް އަރައިފޭބުމުގައި ބޮޑު ލުޔެއް ލިބި، ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. އަދި ބަނދަރުގެ ޖާގަ ތަނަވަސްވެ، އެއްފަހަރާ ގިނަ އުޅަނދުތަކަކަށް ޖެޓީއާ ގާތްކުރެވޭނެ މަގު ފަހިވުމުން ދަތުރުތަކުގެ ދުވެލިވެސް އަވަސްވެގެންދާނެ ކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ.