ޚަބަރު

"ޤާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލެއް ނުވާނެ"


  • ޚިދުމަތުގެ ފެންވަރު ބިނާވަނީ ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން

  • މުޖުތަމައު ބޭނުންވާ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ނަސޭހަތްތެރިވި

ފުލުހުންގެ ޚިދުމަތް ރަށްރަށުގައި ބިނާވަނީ އެތަނެއްގައި ތިބި ފުލުހުންގެ އަދަދަށް ނޫން ކަމަށާއި ޤާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލު ނުވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ ހދ. ކުމުންދޫގައި ބިނާކުރި ފުލުހުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ސީޕީ އަޙްމަދު މުޙައްމަދު ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބިނާވަނީ ހަމައެކަނި ތިބޭ ފުލުހުންގެ އަދަދުގެ މައްޗަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި މުހިންމު ކަމަކީ ރައްޔިތުންނާ ގުޅިގެން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އޯގާތެރިކަމާއި ހިކުމަތްތެރިކަމާއެކު ޤާނޫނީ ޒިންމާ އަދާކުރުންކަމަށެވެ. އަދި އެ ޚިދުމަތާ ގުޅޭ އޮފިސަރުންގެ އަދަދު އިތުރުވަމުންދާ ވަރަކަށް ކުރިއަށް އޮތް ތަނުގައި ކުމުންދޫގައި މަސައްކަތްކުރާ ފުލުހުންގެ އަދަދުވެސް އިތުރުކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުލުހުންގެ އުމްރާނީ ތަރައްޤީއަށް ދެއްވާ ޚާއްސަ އިސްކަމާއި، މަރުކަޒުތައް ނެތް ރަށްރަށުގައި ފުލުހުންގެ އަމިއްލަ ބިމުގައި ޒަމާނީ ވަސީލަތްތަކާއެކު މަރުކަޒުތައް ޤާއިމުކުރުމަށް ފައްޓަވާފައިވާ މަޝްރޫއު ފާހަގަކުރައްވައި ކޮމިޝަނަރ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ ކުރިން ރަށްރަށުގައި ފުލުހުން ޚިދުމަތް ދެމުން ދިޔައީ ކައުންސިލް އިދާރާތަކާއި ކުލީ ކޮޓަރިތަކުން ޖާގަ ހޯދައިގެން ކަމަށާއި އޭގެ ސަބަބުން ދަތި އުނދަގޫތަކާ ކުރިމަތިވި ކަމަށާއި މިހާރު ފެށިފައިވަނީ ފުލުހުންގެ އަމިއްލަ ދާއިމީ މަރުކަޒުތަކުގައި ރައްޔިތުންނަށް ފުރިހަމައަށް ޚިދުމަތް ދެވޭނެ އައު ބާބެއްކަމަށް ސީޕީ ވިދާޅުވިއެވެ.

ވަކިވަކި އޮޕަރޭޝަންތަކަށް ފުލުހުން އިސްކަންދޭ ވަގުތުތަކުގައި އެހެނިހެން ޚިދުމަތްތަކަށް ބަދަލެއް އަތުވެދާނެ ކަމަށް އާންމުން ދެކޭ ދެކުމަށް އިޝާރާތްކުރައްވައި ކޮމިޝަނަރ ވިދާޅުވީ، އޮޕަރޭޝަންތަކަށް އިސްކަންދިން ނަމަވެސް ޤާނޫނުން މަތިކޮށްފައިވާ އެއްވެސް ޒިންމާއަކަށް ފުލުހުން އިހުމާލު ނުވާނެ ކަމަށެވެ. އަދި ކުމުންދޫއަކީ އާންމުކޮށް ކުށް މަދު ރަށެއް ނަމަވެސް ފަރުވާކުޑަނުކޮށް، މުޖުތަމައުގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކުވެސް ފާރަވެރިކަމާއެކު ކުށުގެ ވެށި ކޮންޓްރޯލްކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ރަށުގައި ތިބި ފުލުހުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމިޝަނަރގެ ވާހަކަފުޅުގައި ފުލުހުންގެ ތަރައްޤީގެ މަޝްރޫއުތަކަށާއި ދުވަހުން ދުވަހަށް ބޭނުންވާ ކަންކަން ވަރަށް ގާތުން ބައްލަވައި ދެއްވާ އެއްބާރުލުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރަށް ފުލުހުންގެ ލަނޑުދަނޑިތައް ކަނޑައަޅައި މަސައްކަތްތައް ބައްޓަންކުރުމުގައި، ކައުންސިލާއި ރައްޔިތުންނާ މަޝްވަރާކޮށްގެން މުޖުތަމައު ބޭނުންވާ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.