ޚަބަރު

ޕާކިސްތާން-ރާއްޖެ: ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވައިފި


  • ޕާކިސްތާން ރައީސް ވިދާޅުވީ މިދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެކަމަށް

  • ރައީސް ވިދާޅުވީ ވިޔަފާރި، ތަޢުލީމު، ޞިއްޙީ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާކުރެވޭނެކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު، އައިވާން-އީ-ސަދްރުގައެވެ

ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދަށް މަރުޙަބާ ދަންނަވާފައިވަނީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އާއި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޫ ޒަރްދާރީއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ޕާކިސްތާނުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޕާކިސްތާނުގެ ފަސްޓް ލޭޑީއާއެކުވަނީ ވަކިވަކި ބައްދަލުވުންތައް ބާއްވަވާފައެވެ.

ރައީސް އާސިފް ޢަލީ ޒަރްދާރީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަށް ހޫނު މަރުޙަބާއެއް ދަންނަވާ، އެޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރަވާފައެވެ. އަދި، މިދަތުރުފުޅަކީ އޭގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭ ދަތުރުފުޅެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ވަފުދަށް ޕާކިސްތާނުން އެރުވި މެހެމާންދާރީއަށް ޝުކުރުދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެޤައުމުގެ މެދުގައި އޮތް ތާރީޚީ އަދި އަޚުވަންތަ ގުޅުމަށް ބައްލަވާލެއްވިއެވެ. އަދި، ވިޔަފާރި، ތަޢުލީމު، ޞިއްޙީ، އަދި ތަމްރީނުގެ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާކުރެވިގެންދާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދެބޭފުޅުންވެސް ވަނީ ދޭދޭ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.

ރައީސް ޒަރްދާރީގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެފައިވާ މިންވަރަށް ބައްލަވާލައްވާފައިވެއެވެ. އަދި، މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވިގެންދާނޭކަމުގެ ޔަޤީންކަން އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގިނަ ދުވަހެއްގެ މެދުކެނޑުމަކަށްފަހު، ދެޤައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މިފަދަ ދަތުރުފުޅެއް ކުރެއްވުމުގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުން އެކަމާ އުފާކުރާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަޤީންކަން އައުކުރައްވަމުންނެވެ.