ޚަބަރު

ޤައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ސިފައިންނަށް


  • ފަހު މެޗުގައި ސިފައިން ކުޅުނީ އެޗްޑީސީއާ ދެކޮޅަށް

  • މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ރައްޒާން

ސައްތައިންސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު ދިވެހި ސިފައިންގެ ކުލަބުން ޤައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދީ އެޓީމުގެ ފަހު މެޗުގައި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައްޗަށް 1-3 ސެޓުން ކުރިހޯދައިގެންނެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުުޅުނު މިމެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ އެންމެފަހުން ބޭއްވި ލީގުގެ ޗެމްޕިއަން، އެޗްޑީސީންނެވެ. އެޓީމުން މި ސެޓު ގެންދިޔައީ 24-26 އިންނެވެ. އެހެންނަމަވެސް ދެވަނަ ސެޓުން ފަށައިގެން ދިވެހި ސިފައިންގެ ކުލަބުން ކުޅުން ރަނގަޅުކޮށް ތަފާތު ދެއްކިއިރު، ދެވަނަ ސެޓު ސިފައިންގެ ކުލަބުން ގެންދިޔައީ 16-25 އިންނެވެ. އަދި ޖެހިގެން އައި ސެޓު 24-26 އިން ގެންދިޔައިރު ފަހު ސެޓު ދިވެހި ސިފައިންގެ ކުލަބުން ގެންދިޔައީ 21-25 އިންނެވެ.

ލީގުގައި ދިވެހި ސިފައިންގެ ކުލަބުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ފުރިހަމަ މޮޅުވުމުގެ ރެކޯޑަކާއެކު ޗެމްޕިއަންކަން ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބުގެ ޙުސައިން ރައްޒާނެވެ.

މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކުލަބުގެ އަޙްމަދު އިލްހާމެވެ. މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބުގެ ޖުނައިދު ޢަބްދުﷲއެވެ.

ގައުމީ ވޮލީ ލީގުގެ ފިރިހެން ޑިވިޝަނުގައި ޖުމްލަ ފަސް ޓީމު ބައިވެރިވެފައިވެއެވެ. އެއީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބު އެޗްޑީސީގެ އިތުރުން ލަޔަންސް ރެކްރިއޭޝަން ކުލަބާއި ޕޮލިސް ކުލަބު އަދި އެމްޓީސީސީއެވެ.

ލީގުގައި ކޮންމެ ޓީމަކުން ވެސް ކޮންމެ ޓީމަކާ މެޗެއް ކުޅެ، އެންމެ މަތިން ޕޮއިންޓު ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭގޮތަށް ކުރިއަށްދިޔަ މި ލީގުގައި ރަނަރަޕްކަން ހޯދީ ޕޮލިސް ކުލަބެވެ. ތާވަލުގެ ތިންވަނަ ލިބުނީ ތަށި ދިފާއުކުރަން ނިކުތް އެޗްޑީސީއަށެވެ. ހަތަރުވަނައިގައި އެމްޓީސީސީ އޮތްއިރު ފުލުގައި އޮތީ ލަޔަންސްއެވެ.