ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ކޯމޯ އާއި ދެކޮޅަށް މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު މެޗުން 4-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެއެވެ.
ސެސް ފެބްރިގާސްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ކޯމޯގެ ދަނޑުގައި ކުޅުނު މި މެޗުގެ 2 ވަނަ މިނިޓުގައި ކޯމޯއިން ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑްގެ ގޯލު ހުޅުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އާޖެންޓީނާގެ ފޯވަޑް ނިކޯ ޕަޒްއެވެ.
ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފުރަތަމަ ދެ މިނިޓުގެ ތެރޭގައި އެ ޓީމު ކޮޅަށްވަނީ ލަނޑު ޖަހާފައެވެ. އެހެންކަމުން ނިކޯ ޕަޒްގެ މި ލަނޑާއެކު ޔުނައިޓެޑް ވެފައިވަނީ ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ ދެ މެޗުގެ ފުރަތަމަ ދެ މިނިޓުގެ ތެރޭގައި ބައިކޮޅަށް ލަނޑުވަން އިނގިރޭސި ފުރަތަމަ ޓީމަށް ވެފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުނު ނިމުނުއިރު 1-0 ގެ ނަތީޖާއަކުން ކޯމޯ ކުރީގައި އޮތް ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ކޯމޯގެ ޓަސޮސް ޑޫވިކަސްވަނީ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ.
ކޯމޯއިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 57 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ނިކޯ ޕަޒްއެވެ. މި މެޗުގައި ޖެހި ދެ ލަނޑު ނިކޯ ޕަޒް ޖަހާފައިވާއިރު މިއީ އޭނާގެ ޕްރޮފެޝަނަލް ކެރިއަރގައި އެއް މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މި މެޗުގެ 76 ވަނަ މިނިޓުގައި ކޯމޯގެ ޖަކޯބޯ ރަމޮން އިތުރު ލަނޑެއް ޖެހި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ޔުނައިޓެޑް ޖޯޝުއާ ޒިރްކްޒީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފައެވެ.
މެންޗެސްޓަރ ޔުނައިޓެޑް އިން އެންމެ ފަހުން ޗެމްޕިއަންސް ލީގު 2008 ވަނަ އަހަރު ކާމިޔާބުކުރިއިރު ކޯމޯ އޮތީ އިޓަލީގެ ހަތަރުވަނަ ޑިވިޝަނުގައެވެ.
މި ނަތީޖާ އާއިއެކު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކްގެ މުސްތަގުބަލާއިމެދު ވަނީ އިތުރު ސުވާލުތަކެއް އުފެދިފައެވެ. ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން ބަލިވެފައިވާއިރު މޮޅުވެފައިވަނީ އެއް މެޗުންނެވެ.