ޚަބަރު

ސިވިލް ކޯޓުގެ ޤާޟީ އިޙްސާން އިސްތިޢުފާދެއްވައިފި


  • އިހްސާން އިސްތިޢުފާ ދެއްވާފައިވަނީ އޭނާއާ ގުޅޭ މައްސަލައެއް ޖޭއެސްސީން ބަލަމުންދަނިކޮށް

ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަބްދުﷲ އިޙްސާން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ މަޤާމުން އިސްތިޢުފާ ދެއްވިކަން ޖޭއެސްސީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޖޭއެސްސީން ވިދާޅުވީ ޤާޟީ އިޙްސާން އިސްތިއުފާ ދެއްވައި އެކަން ކޮމިޝަނަށް ހުށަހަޅާފައިވަނީ މިއަދު ކަމަށެވެ. އެހެން ކަމުން ފަނޑިޔާރުކަމުގެ މަޤާމުން މިއަދުން ފެށިގެން ވަކިވެފައިވާ ކަމަށެވެ.

އިޙްސާން މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ އޭނާއާއި ގުޅޭ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދަނިކޮށެވެ. މިދިޔަ އޯގަސްޓް މަހުގެ 19 ވަނަ ދުވަހު ޖޭއެސްސީންވަނީ ޤާޟީ އިޙްސާން 60 ދުވަހަށް ސަސްޕެންޑް ކޮށްފައެވެ. އޭނާ ސަސްޕެންޑް ކުރުމާއި ގުޅޭގޮތުން ޖޭއެސްސީން ވިދާޅުވީ އިޙްސާން ސަސްޕެންޑުކޮށްފައިވަނީ ޤާޟީގެ މައްޗަށް ރައްދުވާގޮތަށް އެ ކޮމިޝަނަށް ހުށަހެޅި ތަޙްޤީޤުކުރަމުންދާ ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެންކަމަށެވެ.

ޤާޟީ އިޙްސާން މަޤާމުން އިސްތިޢުފާ ދެއްވާފައިވާއިރު، އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމާފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.