ޚަބަރު

ޔަހޫދީން ޣައްޒާއަށް ދިން ހަމަލާތަކެއްގައި އިތުރު 7 މީހުން ޝަހީދުވެއްޖެ


ފަލަސްޠީނުގެ ޣައްޒާގައި ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވެ، ޔަހޫދީންގެ ނިރުބަވެރި ސިފައިން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ޢުދުވާނީ ހަމަލާތަކެއްގައި، ދެ ކުޑަކުދިންނާއި ދެމަފިރިއަކު ހިމެނޭހެން ފަލަސްޠީނުގެ 7 މީހުން ޝަހީދުވެ، އިތުރު 10 މީހަކު ޒަޚަމްވެއްޖެއެވެ.

ޣައްޒާގެ ނުޞައިރާތު ރެފިއުޖީ ކޭމްޕުގެ ހުޅަނގުގައިވާ ގަބުރުސްތާނެއްގެ ކައިރިއަށް ދިން ހަމަލާގައި މީހަކު ޝަހީދުވެ، އިތުރު މީހަކު ވަނީ ޒަޚަމްވެފައިވާއިރު، ޔަހޫދީ ސިފައިން ދިން ބަޑީގެ ޙަމަލާއެއްގައި ކުޑަކުއްޖަކު ވަނީ ޝަހީދުވެފައެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ކޭމްޕުގެ ސަރަހައްދަށް ޔަހޫދީން ޑްރޯނަކުން ދިން ހަމަލާއެއްގައި ޒަޚަމްވި މީހަކު، ފަރުވާ ދެމުން ދަނިކޮށް ޝަހީދުވެފައިވާއިރު، ޣައްޒާ ސިޓީގެ ދެކުނު-އިރުމަތީ ޒައިތޫން އަވަށުން ވެސް އިތުރު މީހަކު ވަނީ ޝަހީދުވެފައެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ޣައްޒާ ސިޓީގެ ހުޅަނގުގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލް ކައިރީގައިވާ އާންމުންގެ ގެއަކަށް ޔަހޫދީންގެ އަސްކަރީ ހެލިކޮޕްޓަރަކުން ވަނީ މިސައިލް ހަމަލާއެއް ދީފައެވެ. މި ހަމަލާގައި އެ ގޭގައި ދިރިއުޅެމުންދިޔަ ދެމަފިރިން ޝަހީދުވެ، ތިން އަންހެނުން ހިމެނޭ ގޮތަށް ހަތަރު މީހަކު ވަނީ ޒަޚަމްވެފައެވެ. އަދި މި ހަމަލާގެ ސަބަބުން ރޯވި އަލިފާންގަނޑު މަދަނީ ދިފާއުގެ ޓީމުތަކުން ފަހުން ވަނީ ނިއްވާލައިފައެވެ.

މީގެއިތުރުން، ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް ވެސް ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ޚާން ޔޫނިސްގެ ދެކުނުގައި އޮންނަ ސަރަހައްދަށް ދިން ބަޑީގެ ހަމަލާއެއްގައި ކުޑަކުއްޖަކު ޝަހީދުވެފައިވާއިރު، ޙަމަދު ސިޓީއާއި ދެކުނުގެ އެހެން ސަރަޙައްދުތަކުގައި، އަންހެނަކާއި 2 ކުޑަކުދިން ހިމެނޭހެން 5 މީހަކު ވަނީ ޒަޚަމްވެފައެވެ.

ރޭގަނޑުގެ ވަގުތުތަކުގައި ޣައްޒާ ސިޓީގެ އިރުމަތީ ތުއްފާޙު އަވަށުގައި އާންމުން ދިރިއުޅޭ ގެތަކަށާއި ރެފިއުޖީންގެ ފޭލިގެތަކަށް ޔަހޫދީ ސިފައިންގެ ބަރު ހަތިޔާރާއި ޑްރޯންތަކުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ހަމައެއާއެކު، ޚާން ޔޫނިސްގެ އިރުމަތީގައި ޔަހޫދީން ހިސާރުކޮށްފައިވާ ސަރަހައްދުތަކުގައި ހުރި އާންމުންގެ އިމާރާތްތަކަށް ބޮން އަޅައި، ބިމާހަމަކުރުމުގެ ޖަރީމާތައް ވެސް ވަނީ ހިންގައިފައެވެ. މި ވަގުތުތަކުގައި ކަނޑުގެ އަސްކަރީ އުޅަނދުތަކުން އުތުރުގެ އައްސޭރިފަށަށް ބޮންއަޅަމުން ދިޔައިރު، ހަނގުރާމަމަތީ އުޅަނދުތަކުން ވަނީ ހުޅަނގު-އުތުރު ސޫދާނިއްޔާ ސަރަހައްދަށް ހަމަލާތައް އަމާޒުކޮށްފައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 10 އޮކްޓޫބަރު 2025 އިން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ދެމުންދާ ޙަމަލާތަކުގައި ފަލަސްޠީނުގެ 1،522 މީހުން ޝަހީދުވެ، 5،421 މީހުން ވަނީ ޒަޚަމްވެފައެވެ.

އަދި އޮކްޓޫބަރު 2023 އިން ފެށިގެން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ނަސްލުނައްތާލުމުގެ ލާއިންސާނީ ހަނގުރާމައިގައި މިހާތަނަށް 74،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 175،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މީގެއިތުރުން، ޣައްޒާގެ މުޅި އުމްރާނީ ވަސީލަތްތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ އެއްކޮށް ސުންނާފަތިކޮށްލައިފައެވެ.