ދިވެހިރާއްޖެ ތަމްސީލުކުރުމަށް، އދ. ގެ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ، ސީ.ބީ.ޑީގެ މެންބަރު ޤައުމުތަކުގެ 17 ވަނަ ބައްދަލުވުން، ކޮޕް-17ގައި ދިވެހިރާއްޖޭގެ ވަފުދެއް ބައިވެރިވުމަށް ހަމަޖެހިއްޖެއެވެ.
2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 އިން 31 ގެ ނިޔަލަށް، އަރުމީނިއާގެ ޔެރެވާންގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ހިނގާ މަޝްވަރާތަކުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ވަފުދުގައި އިސްކޮށް ހުންނަވާނީ ޑިރެކްޓަރ، އެންވަޔަރަންމަންޓަލް ކޮންޒަވޭޝަން، ޑރ. އިލްހާމް އަޘޯ މުޙައްމަދެވެ. އަދި މީގެ އިތުރުން ޕޮލިސީ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް މިދުހަތު ޢަބްދުއްރަޝީދާއި، ޕްރިންސިޕަލް އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ ފާޠިމަތު ޢުސްރާއާއި، ޕްރޮޓެކްޓެޑް އޭރިއާސް މެނޭޖްމަންޓް އެނަލިސްޓް ޢާއިޝަތު އަމަލް އަދި ކޮންޒަވޭޝަން އެނަލިސްޓް ޙައްވާ ނަބާހާ ނާޝިދު މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެވަޑައިގަންނަވާ ވަފުދުން، މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ، ބައްދަލުވުމުން ނިންމާ ނިންމުންތަކުގައި ދިވެހިރާއްޖެއިން ދެކޭގޮތާއި، ތިމާވެށްޓާއި ދިރުންތަކުގެ ނަސްލުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަން އެންމެ ފުރިހަމައަށް ހިމެނުމަށް ބާރުއެޅުމަށް ކަމަށެވެ.
ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮންނަ ޖަޒީރާ ޤައުމަކަށް، ދުނިޔޭގެ ދިރުންތަކުގެ ސިންދަފާތު ރައްކާތެރިކުރުމަށް ބާއްވާ މި ބައްދަލުވުމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އަޑުއުފުލުމަށް ލިބޭ ވަރަށް މުހިންމު ފުރުޞަތެއްގެ ގޮތުގައި އެ ވުޒާރާއިން ދެކެއެވެ.