ޚަބަރު

ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކޮށްފި


  • ވަގުތީ އިމާރާތުން އާންމު ޚިދުމަތްތައް ލިބޭނެ

  • ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރާނެ

ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ ގޮތުން "އަމާން ހިޔާ" އަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މި މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އާރްޑީސީއާ ޙަވާލުކޮށްގެންނެވެ.

ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކޮށްފައިވަނީ ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށްޓަކައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލުން އާންމުކޮށް ފޯރުކޮށްދޭ ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކޮށް ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ. އެގޮތުން އިމަޖެންސީގެ ޚިދުމަތާއި ޑޮކްޓަރަށް ދެއްކުމުގެ ޚިދުމަތްތައް ވަގުތީ އިމާރާތުން ލިބިގެންދާނެކަމަށް ސީއީއޯ ވިދާޅުވިއެވެ.

ވަގުތީ އިމާރާތުގައި ލިފްޓް ހަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މި މަސައްކަތް ނިމުމުން ޑެންޓަލް ޚިދުމަތާއި ފިޒިއޮތެރަޕީގެ ޚިދުމަތުގެ އިތުރުން ޑައިލިސިސްގެ ޚިދުމަތް އެ އިމާރާތަށް ބަދަލުކުރާނެއެވެ. މި މުއްދަތުގައި އައިޖީއެމްއެޗްއިން އެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

ހުރިހާ ޚިދުމަތްތަކެއް ވަގުތީ އިމާރާތަށް ބަދަލުކުރުމާއެކު ވިލިމާލެ ހޮސްޕިޓަލްގެ އައު އިމާރާތް އަޅާ ބިން ހުސްކުރުމަށްފަހު ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ހަވާލުކުރައްވާނެކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ. ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ނުޖެހޭނެހެންކަން ސީއީއޯ ފާހަގަކުރެއްވިއެވެ.

ވިލިމާލޭގައި މިހާރު ޚިދުމަތް ދޭ ހޮސްޕިޓަލު ތަޅާލައި އެތަނުގައި 100 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މިހޮސްޕިޓަލުގެ އިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ، ޗައިނާ ސަރުކާރުންނެވެ.

100 އެނދުގެ މި ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ. މިހާރުގެ ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު، އިމަރޖެންސީގައި ބޭނުން ކުރަނީ 5 އެނދެވެ.