ޕާކިސްތާނުގެ ޕެޝާވަރުގައި އަމިއްލަ ފަރާތަކުން ހިންގާ އަލް-ޚައިރު އެޑިއުކޭޝަން ސެންޓަރުގެ ފުރާޅު ވެއްޓި، އުމުރުން 13 އަހަރުން ދަށުގެ 28 ދަރިވަރުންނާއި މުދައްރިސަކު މަރުވެއްޖެއެވެ. އޮކްޓޫބަރު 15 ވަނަ ދުވަހު މަދަރުސާގައި ކިޔަވައިދެމުން ދަނިކޮށް ހިނގި މި ހާދިސާގައި، އެ އިމާރާތުގެ މަތީ ފަންގިފިލާގެ ފުރާޅު ވެއްޓުމުގެ ސަބަބުން ދެ ފަންގިފިލާ ވަނީ އެއްކޮށް ސުންނާފަތިވެފައި ކަމުގައި މަޞްދަރުތަކުން ބުންޏެވެ. ޕެޝާވަރުގެ ކަމާބެހޭ ފަރާތްތަކުން ބުނީ، މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.
މީހުން ސަލާމަތްކުރާ ޓީމުތަކުން އިމާރާތުގެ ދަށުން ދަރިވަރުން ނެރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ޑިސްޓްރިކްޓް އިމަޖެންސީ އޮފިސަރު އިފްތިޚާރު ޚާން ވިދާޅުވީ، މިހާތަނަށް ގާތްގަނޑަކަށް 45 ކުދިން ސަލާމަތް ކުރެވިފައިވާ ކަމުގައެވެ. ނަމަވެސް، އިތުރު ދަރިވަރުން އަދިވެސް އިމާރާތުގެ ދަށުގައި ތާށިވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ އޮފިޝަލެއް ކަމުގައިވާ ބިލާލް ފާއިޒީ ވިދާޅުވީ، މަރުވެފައިވާ މީހުންގެ ހަށިތައް ނެރުމަށާއި ޒަޚަމުވި މީހުން ހަސްފަތާލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. މި ހާދިސާގައި ޒަޚަމުވި 20 މީހަކާއި މަރުވި ގިނަ މީހުން ގެންދިޔައީ އެ ސަހަރުގެ ލޭޑީ ރެޑިންގ ހަސްފަތާލަށެވެ.
ޕެޝާވަރުގެ ފުލުހުންގެ ވެރިޔާ މިޔާން ސަޢީދު ވެސް ވިދާޅުވީ، ހާދިސާ ހިނގި ވަގުތު ތިން ކިލާހެއްގައި ތިބި 110 ދަރިވަރުންގެ ތެރެއިން ސަލާމަތްކުރެވުނީ އެންމެ 47 ކުދިން ކަމަށްވުމުން، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ބިރު އެބައޮތް ކަމުގައެވެ. "އެއީ ބަލިކަށި އިމާރާތެއް، ބަލިކަށި އޮނިގަނޑެއްގެ މައްޗަށް ބަރުވާ ވަރަށް ފުރާޅު ހެދުމުގެ ސަބަބުން އިމާރާތް ވެއްޓުނީ،" މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަން ހާމަކުރައްވަމުން ސަޢީދު ވިދާޅުވިއެވެ.. މި ހާދިސާ ތަޙުޤީޤުކުރުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ އަންގާފައެވެ.