2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން، ޔަހޫދީ ސިފައިން ފަލަސްޠީނުގެ 2،000 އަށްވުރެ ގިނަ ކުޑަކުދިން ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން މަދުވެގެން 350 ކުދިން މިހާރުވެސް ތިބީ ޔަހޫދީންގެ ޖަލުތަކުގައި ނުރައްކާތެރި ޙާލަތެއްގައި ކަމަށް ރިޕޯޓުކޮށްފިއެވެ.
ފަލަސްތީނުގެ އަސީރުންގެ ޖަމިއްޔާއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ޔަހޫދީ އިސްތިއުމާރީ ބާރުތަކުން ދަނީ ފަލަސްޠީނުގެ ކުޑަކުދިންނަށް އަމާޒުކޮށް ހިންގާ ޖަރީމާތައް އިހުނަށްވުރެ އިތުރުކުރަމުންނެވެ. އެގޮތުން، ހުޅަނގު އައްސޭރީގެ އަލްޚަލީލް އިން އެކަނިވެސް އަންގާރަ ދުވަހު މަދުވެގެން 6 ކުޑަކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.
މީގެއިތުރުން، ޣައްޒާގައި ގެއްލިފައިވާ އެތައް ހާސް ބައެއްގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ސީދާ ޢަދަދު، ސާފުވާގޮތް ނުވާކަމަށްވެސް އެ ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެއެވެ. އެއްވެސް ދަޢުވާއެއް ނެތި އަދި މިނިވަންކުރާނެ ތާރީޚެއްވެސް ނޭނގޭ ގޮތަށް މި ކުދިން ބަންދުކޮށްފައި ބޭތިއްބުމަކީ، އެ ކުދިންގެ ޢާއިލީ ދިރިއުޅުމާއި ތަޢުލީމީ މުސްތަޤުބަލު ނަގާލައި ނުރައްކަލުގެ ތެރެއަށް ވައްޓާލުން ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ޔަހޫދީންގެ ޖަލުތަކުގައި ފަލަސްޠީނުގެ ކުދިން ތަހައްމަލުކުރަންޖެހޭ ލާއިންސާނީ ކަންކަމުގެ ތެރޭގައި، ބިރުދެއްކުމާއި، ހައްޔަރުކުރުމަށްފަހު އަނިޔާކުރުމާއި، ގަސްދުގައި ބަނޑަށް ޖެއްސުމުގެ އިތުރުން ޞިއްޙީ ފަރުވާއިން މަޙްރޫމުކުރުން ހިމެނެއެވެ.
އެގޮތުން، އޮފަރ ޖަލުގައި ބަންދުކޮށްފައި ހުރި އުމުރުން 15 އަހަރުގެ މުޙައްމަދު ޙާމިދުއަށް ހަންގަނޑު ހަލާކުވާ ނުރައްކާތެރި ބައްޔެއް ޖެހި، ޙާލަތު ގޯސްވެގެން ހިތުގެ އޮޕަރޭޝަނެއް ކުރުމަށްފަހު އައި.ސީ.ޔޫގައި ފަރުވާދެމުންދަނިކޮށް، އޭނާގެ ފައިގެ ބައެއް ބުރިކޮށްލަން ޖެހުނުކަން ވަނީ ހާމަވެފައެވެ.
މީގެއިތުރުން، މެގިޑޯ ޖަލުގައި 6 މަސްދުވަހު ބަންދުކޮށްފައި ހުއްޓައި މި އަހަރުގެ މާޗު މަހު ޝަހީދުވި އުމުރުން 17 އަހަރުގެ ވަލީދު އަޙްމަދު މަރުވީ ބަނޑުހައިހޫނުކަމުގެ ސަބަބުން ކަމުގެ ހެކި ހުރި ނަމަވެސް، ޔަހޫދީ ފަނޑިޔާރަކު ވަނީ އެ މައްސަލައިގެ ތަޙުޤީޤު ހުއްޓުވާފައެވެ.
ހަމައެއާއެކު، އެމެރިކާގެ ރައްޔިތުކަން އޮންނަ މުޙައްމަދު އިބްރާހީމާއި، ޢަބްދުލްކަރީމް ޢީސާ އަޙްމަދު ޞާފީ އަދި އާދަމް ޢަބްދުލްފައްތާޙު ކަރަކްރާ ފަދަ ޒުވާނުންވެސް، އެއްވެސް ދަޢުވާއަކާ ނުލައި ނުވަތަ ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމުމަށްފަހުވެސް ދޫނުކޮށް ޖަލުގައި ބަންދުކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ.
ޔަހޫދީ ޖަލުތަކުގައި ކުޑަކުދިންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާއި، ބަނޑަށް ޖެއްސުމާއި، ބޭސްފަރުވާއިން މަޙްރޫމުކުރުން ވަގުތުން ހުއްޓުވައި، ނުޙައްޤުން ހައްޔަރުކޮށްފައިވާ ކުދިން މިނިވަންކުރުމަށްޓަކައި ބައިނަލްއަޤުވާމީ މައިދާނުގައި ޢަމަލީ ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.