ސަޢޫދީ ޢަރަބިއްޔާގެ ޡަހްރާންގައި ހުންނަ ސަޢޫދީ އަރަމްކޯ ތެޔޮ ކުންފުނީގެ މައި އިދާރާއަށް އޮކްޓޫބަރު 13 ވަނަ ދުވަހު ޔަމަނުގެ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުން ދިން ހަމަލާތަކުގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަން ހާމަވެއްޖެއެވެ. މި ހަމަލާގެ ސަބަބުން އިމާރާތުގެ އެތައް ފަންގިފިލާއަކަށް އަލިފާންގަނޑު ފެތުރިފައިވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
އޮފީސް އިމާރާތުގެ ދެކުނު ފަރާތުގެ ނުވަވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު، ހަވަނަ ފަންގިފިލާއިން ފެށިގެން ދިހަވަނަ ފަންގިފިލާއާ ހަމައަށް ވަނީ ފެތުރިގެން ގޮސްފައެވެ. އަރަމްކޯގެ ސީއީއޯ އަމީން ނާޞިރުގެ އޮފީސް ހުންނަ އެންމެ މަތީ ތިން ފަންގިފިލާއަށް ވަރަށް ބޮޑަށް ގެއްލުންވެ، ސީލިންގުގެ ބައެއް ވެއްޓި އަދި ދޮރުތަކާއި ކުޑަދޮރުތައް ވަނީ ހަލާކުވެފައެވެ.
ސަޢޫދީ ޢަރަބިއްޔާގެ އިރުމަތީގައިވާ މި އިމާރާތުގެ ޢާންމު މަސައްކަތްތައް ކުރިއަށްދިޔަ ނަމަވެސް، ބައެއް މުވައްޒަފުންނަށް ގޭގައި ތިބެ މަސައްކަތް ކުރުމަށް ވަނީ އަންގާފައެވެ. އަދި، ކުންފުނީގެ ބައެއް މުހިންމު މަސައްކަތްތައް ދުނިޔޭގެ އެހެން ޤައުމުތަކުގައި ހުރި އެ ކުންފުނީގެ އޮފީސްތަކަށް ބަދަލުކޮށްފައިވާއިރު، އޮކްޓޫބަރު 14 ވަނަ ދުވަހުގެ ފަތިހާ ހަމައަށް ވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިނުވާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
މި އިމާރާތުގައި ހުންނަ އޮޕަރޭޝަންސް ސެންޓަރަކީ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނީގެ އެއްގަމާއި ކަނޑުގައިވާ ތެޔޮ ނަގާ ރިގުތަކާއި ކާރުޚާނާތައް ބަލަހައްޓާ މައި މަރުކަޒެވެ. މީގެ އިތުރުން އެކްސްޕޯޓްކުރާ ޓަރމިނަލްތަކާއި އެތައް ހާސް ކިލޯމީޓަރެއްގެ ދިގު ހޮޅިލައިންތައް ބަލަހައްޓަނީ ވެސް އެ މަރުކަޒުންނެވެ..
ޔަމަނުގައި ހަރަކާތްތެރިވާ އީރާންގެ މަދަދު ލިބޭ ޙޫޘީންނާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި ދިން މި ހަމަލާގައި އަރަމްކޯގެ އޮފީހުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ހަކަތައާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މިކަމާ ގުޅޭގޮތުން އަރަމްކޯއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.