މާލޭގައި ބަނގުރާ ދައުރުކުރާ ބޮޑު ނެޓްވޯކެއް ދިވެހި ފުލުހުންގެ ޚިދުމަތުން އަތުލައިގެންފައިވާއިރު އެ މައްސަލައާ ގުޅުންހުރި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މި ނެޓްވޯކް އަތުލައިގެންފައިވަނީ މިދިޔަ ހޯމަ ދުވަހު ހ. މާދޫގޭގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ވަނީ ފެނިފައެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ މިއީ ކައުންޓަރ ނާކޮޓިކްސް އިންޓަލިޖެންސާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ގުޅިގެން ކުރިއަށްގެންދާ އޮފަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަންގައި ފުޅާ ދާއިރާއެއްގައި ބަނގުރާ މާލެތެރޭގައި ފޯރުކޮށްދެމުންދާ ފަރާތްތަކެއް ދެނެގަނެވިފައިވާކަމަށް ވިދާޅުވިއެވެ.
މި މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރީ 3 ބިދޭސީންނެވެ. އެއީ ބަންގްލަދޭޝަށް ނިސްބަތްވާ 3 މީހުންނެވެ. މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހަކު 5 ދުވަހަށް އަދި އެކަކު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކުވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވިގޮތުގައި ތަހުގީގަށް މިހާތަނަށް ލިބުނު މައުލޫމާތުގެ އަލީގައި، ހައްޔަރުކޮށްފައިވަނީ ހ. ކަރޯގެ / މާލެ، އުމުރުން 53 އަހަރުގެ މުޙައްމަދު ރަޝްވާން ޢައްބާސްއެވެ.
އޭނާ ހައްޔަރުކުރީ ބަންގުރާ ވިއްކާ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހުއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2026 އޮކްޓޯބަރ 14 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ. އޭނާ ކޯޓަށް ހާޒިރުކޮށް ފުލުހުން ފާހަގަކުރައްވާފައިވާގޮތުގައި ކުރިން ހައްޔަރުކުރި 3 ބިދޭސީންގެ ތެރެއިން 2 މީހުންނަކީ އޭނާގެ މުވައްޒަފުންނެވެ. އަދި އެ ދެމީހުން އެކަން ކުރަނީ އޭނާ އަންގައިގެން ކަމަށް ތަހުގީގަށް ބުނެފައިވާ ކަމަށްވެސް ފުލުހުން ވަނީ ކޯޓުގައި ވިދާޅުވެފައެވެ.
މި އޮޕަރޭޝަންގައި، ފުލުހުން ވިދާޅުވީ، ޖުމްލަ 826 ފުޅި ބަނގުރާ އަތުލައިގެންފައި ވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.