ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައޫދީ އަރަބިއާއަށް ދިން ހަމަލާތަކާ ގުޅިގެން ސައޫދީ ޕްރޯ ފުޓުބޯޅަ ލީގުގެ ބައެއް މެޗުތައް ފަސްކޮށްފިއެވެ.
މި ގޮތުން މާ ފަހުން ކުޅެން ހަމަޖައްސާފައިވަނީ ތިން މެޗެކެވެ. ސައޫދީ ލީގުން ބުނީ މި ބަދަލާއެކު ފަސްކުރި މެޗުތައް ކުޅެން ހަމަޖައްސާފައިވަނީ ކުޅުންތެރިންނަށް ދެ މެޗު ދެތެރޭގައި އަރާމު ކުރަން ލިބޭ އެންމެ މަދު މިންވަރު ލިބޭ ގޮތަށް ކަމަށެވެ.
ފަސްކޮށްފައިވާ މެޗުތަކުގެ އައް ރިޔާދް އާއި އަލް ހިލާލް ކުޅޭ މެޗާއި އަލް އިއްތިހާދާއި އައްޝަބާބްގެ އަންނަ ހުކުރު ދުވަހު ކުޅެން އޮތް މެޗު މިހާރު ކުޅޭ ގޮތަށް ހަމަޖައްސާފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަދި އަލް އަހްލީ އާއި އައް ނަސްރު މިއަދު ކުޅެން އޮތް މެޗު މިހާރު ކުޅޭ ގޮތަށް ހަމަޖައްސާފައިވަނީ އަންނަ މާޗު ހަ ވަނަ ދުވަހު އެވެ. މި ނޫން ހުރިހާ މެޗެއް ޝެޑިއުލާ އެއްގޮތަށް ކުޅޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ސައޫދީ ލީގުން ބުނީ މި ބަދަލުތައް ގެންނަން ޖެހުނީ ސައޫދީ އަރަބިއާގެ އެއާޕޯޓްތަކަށް އަމާޒުކޮށް ހޫތީން ދިމް ހަމަތަކާ ގުޅިގެން ދިމާވި މައްސަލަތަކާހެދިއެވެ. މި ހަމަލަތަކާ ގުޅިގެން މިދދިޔަ ހޯމަ ދުވަހު އޭއެފްސީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި އައް ނަސްރާއި އުޒުބަކިސްތާނުގެ ފެރްގާނާ ސައޫދީ އަރަބިއާގެ ވެރިރަށް ރިޔާދްގައި ކުޅެން އޮތް މެޗު ވަރަށް ބޮޑަށް ފަސްވެގެން ދިޔައެވެ.
ހޫތީން ދަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މައްކާ އާއި މަދީނާ ފިޔަވައި ސައޫދީ އަރަބިއާގެ އެހެން ސިޓީތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ސައޫދީ އަރަބިއާއާ ގުޅިފައިވާ ކޯލިޝަނުން މިހާރު ވަނީ ހޫތީންގެ ބާރު ކަނޑުވާލެވޭނެ ގޮތްތަކާއި ސައޫދީ އަށް ދިފާއީ ގޮތުން އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައެވެ. ހޫތީންގެ އެންމެ ފަހުގެ ހަމަލާހގައި 13 މީހުން މަރުވެފައިވާއިރު މިއީ 2015 ވަނަ އަހަރުގެ ފަހުން ސައޫދީ އަށް އަމާޒުވި އެންމެ ވަރުގަދަ ހަމަލާތަކެވެ.