ޚަބަރު

ދިއްދޫގައި އަޅާ ބައިނަލްއަޤްވާމީ ފެންވަރުގެ ފުޓުބޯޅަ ދަނޑު އަންނައަހަރު ނިމޭނެ


  • މި ދަނޑުގެ ބިންގާ އެޅީ މިދިޔަ އަހަރު

ހއ. ދިއްދޫގައި ޤާއިމްކުރާ ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްގީކުރާ ފުޓުބޯޅަ ދަނޑުގެ މަސައްކަތް، އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ދިއްދޫ އަކީ އަތޮޅު ފެންވަރުގައި ފުޓުބޯޅައިގެ އެންމެ ބޮޑު އެއް ރަށްކަން ފާހަގަކުރައްވައި، އެރަށުގައި ކުރިއަށްދާ ފުޓުބޯޅައިގެ ބިޔަބޮޑު މަޝްރޫޢާ ގުޅޭ އަދާހަމަ، "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން ވަޒީރު ރާފިއު ހިއްސާކުރެއްވިއެވެ.

"ދިއްދޫގައި މިހާރުވެސް ޑިވެލޮޕްކުރަމުން މިދަނީ އިންޓަނޭޝަނަލް މެޗު ކުޅެވޭ ފެންވަރުގެ، ޗޭންޖިން ރޫމް ފެސިލިޓީޒްއާ އަދި އެނޫންވެސް އެހެނިހެން ފެސިލިޓީޒް ޤާއިމްކުރެވިގެން އެ ލެވަލްގެ މެޗުތައް ކުޅެވޭ ފެންވަރުގެ ދަނޑެއް. ފީފާ ސްޓޭންޑާޑުގެ ދަނޑެއްގެ ބިންގާ މިދިޔަ އަހަރު އެޅުނު. މިއަހަރުގެ ކުރީކޮޅުން ފެށިގެން އެމަސައްކަތް ކުރެވެމުން އެބަދޭ. އެހެންވީމަ މިއީ އިރާދަކުރެއްވިއްޔާ އަންނައަހަރުގެ ތެރޭގައި މިދަނޑުގެ މަސައްކަތް އަޅުގަނޑުމެންނަށް ނިންމާލެވޭނެ". ވަޒީރު ރާފިއު ވިދާޅުވިއެވެ.

މި މަސައްކަތަށް އެކަނި ބެލިކަމުގައިވީ ނަމަވެސް، ރާއްޖޭގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރަމުން އަންނަ ކާމިޔާބު މަސައްކަތް ފެނި ހާމަވެގެންދާކަން ވަޒީރު ރާފިއު ފާހަގަކުރެއްވިއެވެ.

ހއ.ދިއްދޫގައި ބައިނަލްއަގުވާމީ ފުޓުބޯޅަދަނޑެއް ތަރައްގީކުރުމުގެ މަސައްކަތް އެރަށުގައި ފަށާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާނުކުރެއްވީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާޙަކަފުޅުދައްކަވަމުންނެވެ.

ދިއްދޫއަކީ ހއ. އަތޮޅުގެ އެންމެ ބޮޑެތި ފުޓުބޯޅަ މުބާރާތްތައް ބާއްވަމުން އަންނަ ދެ ރަށުގެ ތެރެއިން އެއް ރަށެވެ.

ފުޓުބޯޅަ އަލުން ކޮޅަށް ޖަހައި، ދިވެހިންގެ ހިތާއި ގާތް މި ކުޅިވަރަށް އޭގެ އަސްލު މަގާމު ހޯދައިދިނުމަށް ސަރުކާރާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގުޅިގެން ކުރަމުން އަންނަ ކާމިޔާބު މަސައްކަތުގެ ދަށުން ދިވެހި ޕްރިމިއަރ ލީގުގެ ފޯމެޓަށް ގެނައި ބަދަލުގެ ތެރެއިން ލީގުން ޖާގަ ހޯދި އަތޮޅު ތެރޭގެ ދެޓީމުގެ ތެރެއިން އެއް ޓީމަކީ ދިއްދޫ ސްޕޯޓްސް ކުލަބުކަން ފާޙަގަކޮށްލެވެއެވެ.

ދިވެހި ލީގުގެ ރަސްމީ މެޗުތައް ދިއްދޫގައި މިހާރު ވެސް ކުޅެފައިވާއިރު، ދިއްދޫ ސްޕޯޓްސް ކުލަބުގެ ހޯމް މެޗުތައް ކުޅޭނީ އެ ރަށުގައެވެ.

މީގެއިތުރުން، އެފްއޭއެމް އިން ކުރަމުން އަންނަ މަސައްކަތުގައި އުފައްދަން ނިންމާފައިވާ ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަންތަކުގެ އޮފީސްތައް ޤާއިމްކުރާނެ ހަތަރު ރަށުގެ ތެރޭގައި ވެސް ދިއްދޫ ހިމެނެއެވެ. ދިއްދޫގައި ގާއިމްކުރަނީ ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީހެވެ.