މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤަށް ލިބިވަޑައިގެންނެވި ޚާއްޞަ މަޢާފަކާ ގުޅިގެން ގޭބަންދަށް ބަދަލުވުމުގެ ފުރުޞަތު އޮތް ނަމަވެސް، 1އެމްޑީބީގެ ބޮޑު ޚިޔާނާތާ ގުޅިގެން އޭނާގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ޙުކުމް ތަންފީޒުކުރުން ފަސްކޮށްދެވެން ނެތް ކަމަށް އެ ޤައުމުގެ ކޯޓަކުން ނިންމައިފިއެވެ.
މެލޭޝިއާގެ ދަޢުލަތުގެ އިންވެސްޓްމަންޓް ފަންޑު، "1 ޕީޕަލްސް މެލޭޝިއާ ޑިވެލޮޕްމަންޓް ބަރހަދް" (1އެމްޑީބީ) އިން ބިލިއަން ޑޮލަރުގެ ޚިޔާނާތްތެރިވި މައްސަލަ ސާބިތުވެ، ނަޖީބު ރައްޒާޤު 2022 ވަނަ އަހަރުން ފެށިގެން ގެންދަވަނީ ޖަލު ޙުކުމް ތަންފީޒުކުރައްވަމުންނެވެ. ނަމަވެސް އޭނާ އަދިވެސް އެ ތުހުމަތުތަކަށް އިންކާރުކުރައްވައެވެ.
މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 2009 ގައި އޭނާ އުފެއްދެވި އެ ފަންޑުގެ މައްސަލައިގައި ނިމިދިޔަ ޑިސެމްބަރު މަހު ނަޖީބުގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ޙުކުމަކާއި، 2.8 ބިލިއަން ޑޮލަރުގެ ބޮޑު ޖޫރިމަނާއެއް ކަނޑައަޅާފައެވެ.
ނަޖީބުގެ ދިފާޢީ ވަކީލުން ކޯޓުގައި އެދިވަޑައިގެންފައިވަނީ، އޭނާގެ ޞިއްޙީ ޙާލަތު ދަށަށް ގޮސްފައިވުމާއި، ނުއުފުއްލޭވަރުގެ ބޮޑު ޖޫރިމަނާއެއް ދައްކަންޖެހިފައިވާތީ ޙުކުމް ތަންފީޒުކުރުން ވަގުތީގޮތުން ފަސްކޮށްދިނުމަށެވެ. ނަމަވެސް މި މައްސަލަ ބެއްލެވި ފަނޑިޔާރު ނޫރު ރޫވޭނާ މުޙައްމަދު ނޫރު ނިންމެވީ، އެ ޙުކުމް ފަސްކޮށްދޭންޖެހޭ ފަދަ ޚާއްޞަ ޤާނޫނީ ޙާލަތެއް ނެތް ކަމަށެވެ. އަދި ހިންގާފައިވާ ޖަރީމާގެ ބޮޑުކަމާއި ނުބައިކަމަށް ރިޢާޔަތްކުރާއިރު، މިފަދަ ކަންކަމުގައި ޢާންމު މަޞްލަޙަތު އިސްކުރަންޖެހޭނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ. މި ނިންމުމާ ގުޅިގެން ނަޖީބުގެ ވަކީލު މުޙައްމަދު ޝަފީޢު ޢަބްދުﷲ ވިދާޅުވީ، މި މައްސަލަ އިސްތިއުނާފު ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.
ދުނިޔޭގެ އެކި ޤައުމުތަކަށް ފެތުރިގެންދިޔަ މި މާލީ ޖަރީމާއާ ގުޅިގެން އެމެރިކާގެ ތަޙުޤީޤީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، 1އެމްޑީބީ ފަންޑުން 4.5 ބިލިއަން ޑޮލަރު ވަނީ ނަހަމަ ގޮތުގައި ބޭރުކޮށްފައެވެ. އަދި އޭގެ ތެރެއިން 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ޖަމާވެފައިވަނީ ނަޖީބާ ގުޅުންހުރި ބޭންކު އެކައުންޓުތަކަށެވެ. އެހެންނަމަވެސް ނަޖީބު ވިދާޅުވަމުން ގެންދަވަނީ އެ ފައިސާގެ އަޞްލާމެދު އޭނާއަށް އޮޅުންތަކެއް އަރާފައިވާ ކަމަށެވެ.
މެލޭޝިއާގެ ރަސްގެފާނު ދެއްވި ޚާއްޞަ މާފެއްފެ ދަށުން ނަޖީބުގެ ކުރީގެ ޙުކުމަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ. އެގޮތުން 50 މިލިއަން ރިންގިޓް ނުވަތަ 12.25 މިލިއަން ޑޮލަރު ގެ ޖޫރިމަނާއެއް ދެއްކުމަށްފަހު، ގޭބަންދަށް ބަދަލުވުމުގެ އިންތިޒާރުގައި އޭނާ ހުންނެވި ނަމަވެސް، އަލަށް އިއްވި 15 އަހަރުގެ ޖަލު ޙުކުމް ފެށޭނީ 2028 ވަނަ އަހަރުގެ އޮގަސްޓު މަހު ގޭބަންދުގެ މުއްދަތު ހަމަވުމުންނެވެ. ނަޖީބުގެ ބޭންކު އެކައުންޓުތައް ފްރީޒްކޮށްފައިވާތީ ޖޫރިމަނާ ދެއްކުމަށް ދަތިވެފައިވުމުން، އޭނާ ނިޞްބަތްވެވަޑައިގަންނަވާ ޔޫއެމްއެންއޯ ނުވަތަ އުމްނޯ ޕާޓީން މިހާރު ވަނީ އެ ފައިސާ ހޯދުމަށް ފަންޑު ހޯދުމުގެ ކެމްޕޭނެއް ފަށާފައެވެ.
ނަޖީބަށް ލިބުނު މަޢާފާ ގުޅިގެން ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އިއްތިޙާދީ ސަރުކާރުގެ ތެރޭގައި ވަނީ ސިޔާސީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު އެއް ޕާޓީ ކަމުގައިވާ ޑިމޮކްރެޓިކް އެކްޝަން ޕާޓީ (ޑީ.އޭ.ޕީ) ގެ ލީޑަރު އެންތަނީ ލޯކް ވަނީ ނަޖީބަށް މަޢާފުދިންކަން އިޢުލާނުކުރި ދުވަހުގެ އަނެއް ދުވަހު މަޤާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް، ނަޖީބު ގޭބަންދަށް ބަދަލުވަންދެން ވަޒީރުންގެ މަޖިލީހުގައި ދެމިހުންނަވާނެ ކަމަށް އޭނާ ފަހުން ވަނީ ވިދާޅުވެފައެވެ.