ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ އެންމެ ބޮޑު އެއް މަސައްކަތަކީ ތިލަމާލެ ބުރިޖު ތަރައްޤިކުރުމުގެ މަޝްރޫޢުއެވެ.
މުޅި މި މަޝްރޫޢުގައި 6.7 ކިލޯމީޓަރު ތަރައްޤީކުރެއެވެ. އެއީ ކަނޑު ހުރަސްކޮށް ހަދާ 3 ބުރިޖާއި، ގުޅާލާ ރަށްތަށް ހުރަސްކޮށް ހަދާ ހައިވޭ މަގުތަކެވެ. މި މަޝްރޫޢުގެ ދަށުން މާލެއިން ވިލިމާލެއަށް ގުޅާލުމުގެ މަސައްކަތް އޮގަސްޓްމަހުގެ ފަހު ހަފްތާގައި ވަނީ ނިންމާފައެވެ.
މިހާރު ކުރަމުންދަނީ ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތެވެ. މިކަމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ޙިއްސާކުރައްވަމުން ވިދާޅުވީ ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަކީ މިހާރުގެ އަމާޒުކަމަށެވެ.
އެމަގުން މަސައްކަތްތައް ވަރަށް ބާރަށް ދަނީ ކުރިއަށްގެންދަމުންނެވެ. މިހާރު ގުޅާނުލެވި ވަނީ އެއް ސެގްމަންޓްގެ މަސައްކަތްތަކެވެ. ބުރިޖުގެ ތަނބުތައް އެއްތަނބާއި އަނެއްތަނބު ގުޅާލާ ސެގްމަންޓަކީ، ގުޅިފަޅުގެ ސައިޓްގައި ޕްރީ ފެބްރިކޭޓްކޮށް ގެނެސް ގުޅާލާ ބައިތަކެކެވެ.
ވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބުރިޖަކީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ ބުރިޖެކެވެ. އެ ބުރިޖު ތިލަފުއްޓާ ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހުއެވެ.
ގުޅިފަޅުން ތިލަފުއްޓަށް ހަދާ ބުރިޖަކީ ގާތްގަނޑަކަށް 600 މީޓަރުގެ ބުރިޖެކެވެ.
ބުރިޖުގެ ސްޓްރަކްޗަރަލް މަސައްކަތްތަކާ އެކުއެކީގައި ހައިވޭތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި މާލެއިން ވިލިމާލެއަށް ގުޅޭ ބުރިޖުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތްތަކެވެ.
މިގޮތުން ބުރިޖުން ދޮކޮޅަށް ދުއްވާ ލޭންތައް ވަކިކުރުމަށް ޖަހާ މީޑިއަން ބެރިއަރގެ މަސައްކަތާއި، ތާރު އެޅުމުގެ ކުރިން ޑެކްގައި ކުރަންޖެހޭ އެކިއެކި މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި ރެއިލިން ހަރުކުރުމާއި މަގު ބައްތި އަދި ސީސީޓީ ހަރުކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް ކުރިއަށްދާކަމަށް ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި މުޅި މަޝްރޫޢުގެ %77 މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. މުޅި މަޝްރޫޢު އަންނަ އަހަރުގެ ނިޔަލަށް ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.
މި މަޝްރޫޢުއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އަދި ދިވެހި ސަރުކާރުން ކުރިއަށްގެންދާ 500 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ.