ޚަބަރު

ފަލަސްޠީނުގެ ދެ އެންޖީއޯއަކަށް އަމާޒުކޮށް ޔަހޫދީންގެ ރޭޑުތަކެއް


ފަލަސްޠީނުގައި މަސައްކަތްކުރާ ދެ އެންޖީއޯއެއްގެ އޮފީސްތަކާއި، ޕަލަސްޓައިން މެޑިކަލް ކޮމްޕްލެކްސްގެ ގޯތިތެރެ ޔަހޫދީ އަސްކަރިއްޔާއިން ރޭޑުކޮށްފިއެވެ.

ޔަހޫދީ ސަލާމަތީ ބާރުތަކުން ވަނީ ހުޅަނގު އައްސޭރީގެ ރާމަاللهގައި ހުންނަ ޔޫނިއަން އޮފް ޕަލެސްޓީނިއަން ވިމެންސް ކޮމިޓީސް (ޔޫޑަބްލިޔުޕީސީ) އާއި އަދަމީރް ޕްރިސަނަރ ސަޕޯޓް އެންޑް ހިޔުމަން ރައިޓްސް އެސޯސިއޭޝަންގެ އޮފީސްތަކަށް ވަދެގަނެ އެ ތަންތަން ބަލައި ފާސްކޮށްފައެވެ. އޭގެ އިތުރުން ހަމަ ރާމަاللهގައި ހުންނަ ޕަލަސްޓައިން މެޑިކަލް ކޮމްޕްލެކްސްގެ ދޮރާށިތައް ކައިރީގައި ބަޑި ހިފައިގެން ތިބި ސިފައިން ވަނީ ފޯރިމެރުމަށް ބައިތިއްބާފައެވެ. އެ ހަސްފަތާލަކީ ހުޅަނގު އައްސޭރީގައި ހުންނަ ފަލަސްޠީނު ސަރުކާރުން ހިންގާ އެންމެ ބޮޑު ޞިއްޙީ މަރުކަޒެވެ.

ޤައިދީންގެ ހައްޤުތަކަށް ވަކާލާތުކުރާ އަދަމީރް ޕްރިސަނަރ ސަޕޯޓް އެންޑް ހިޔުމަން ރައިޓްސް އެސޯސިއޭޝަންގެ މަރުކަޒެއްގައި ހުރި ސާމާނު ޔަހޫދީންގެ ބެލުމުގެ ދަށަށް ދަނީ ގެންދަމުންނެވެ. ޔަހޫދީ ސަލާމަތީ ބާރުތަކުން މީގެ ކުރިން ވެސް ވަނީ އެ ޖަމްޢިއްޔާގެ އޮފީސްތައް ބަންދުކޮށްފައެވެ. ރޯމާދުވާލު ޔަހޫދީން މި ފަދަ ރޭޑުތަކެއް ޖެހުމުގެ ސަބަބުން ރާމަاللهގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހިފައެވެ.

ރޭޑާ ގުޅޭ މަޢުލޫމާތު ގެނެސްދިނުމަށް އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާ ނޫސްވެރިންނަށް އަމާޒުކޮށް ވެސް ޔަހޫދީ ބާރުތަކުން ވަނީ ހަމަލާތައް ދީ ސްޓަން ގްރެނޭޑު ބޭނުންކޮށްފައެވެ. ކަރުނަ ގޭސް ޖެހުމުގެ ސަބަބުން އަލްޖަޒީރާ އަރަބިކްގެ ނޫސްވެރިއަކަށް ވެސް ޒަަޚަމްވެފައިވެއެވެ. އޭގެ އިތުރުން އަލްޚަލީލްގައި ވެސް ހަތަރު ނޫސްވެރިއަކު ޔަހޫދީންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވެއެވެ.

ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ޔަހޫދީން ލައިވް ވަޒަން ބޭނުންކުރުމުގެ ސަބަބުން ކުޑަކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ރާމަاللهއާއި އަލް-ބީރާގައި ކުރިއަށް ގެންދަމުންދާ ރޭޑުތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުންނަށް ނޭވާލުމަށް އުނދަގޫވެފައިވާ ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

އެންޖީއޯތަކާ ދެކޮޅަށް ޖަހާފައިވާ މި ރޭޑުތަކަކީ ފަލަސްޠީނުގެ މަދަނީ އިޖްތިމާޢީ ޖަމްޢިއްޔާތަކާ ދެކޮޅަށް ޔަހޫދީން ކުރަމުންދާ މަސައްކަތުގެ ދަށުން ހިންގަމުންދާ ޢަމަލެކެވެ.