ބަލްގޭރިއާގެ އައްސޭރިފަށުގެ ސަރަޙައްދަށް ރޭގަނޑުގެ ވަގުތެއްގައި ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއްގައި މުދާ އުފުލާ ކާގޯ އުޅަނދެއް އަޑިއަށްގޮސް، އޭގެ ފަޅުވެރިންގެ ތެރެއިން 11 މީހުން ގެއްލިއްޖެއެވެ.
މި ނުރައްކާތެރި ޙާދިސާއާ ގުޅިގެން ބަލްގޭރިއާ ސަރުކާރުން މިހާރު ވަނީ ރަޝިޔާއިން އެ ޤައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޚާރިޖިއްޔާއަށް ޙާޒިރުކޮށްފައެވެ.
ބަލްގޭރިއާގެ ކްރަޕެޓްސް އަވަށުގެ އައްސޭރިފަށާ ކައިރިން ދަތުރުކުރި އުޅަނދަކަށް ދިން މި ހަމަލާގައި 11 ފަޅުވެރިއަކު ގެއްލިފައިވާކަން އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ ފަހަކަށް އައިސް މި ސަރަޙައްދުގައި ހިނގި މިފަދަ ދެވަނަ ޙާދިސާއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަޑިއަށް ގޮސްފައިވަނީ "އަޒޯވް ކޮންކޯޑް" ނަމަކަށް ކިޔާ މުދާ އުފުލާ އުޅަނދެކެވެ. މި ޙާދިސާ ހިނގި ވަގުތު އޭގެ ތެރެއިން 5 ފަޅުވެރިއަކު ވަނީ ސަލާމަތްކުރެވިފައެވެ.
މި ހަމަލާތަކުގެ ތެރޭގައި، މޯލްޓާގެ ދިދަ ނަގައިގެން ދަތުރުކުރަމުންދިޔަ "ޗެލްސީ 3" ނަމަކަށް ކިޔާ އިތުރު އުޅަނދަކަށްވެސް ތިން ޑްރޯން ހަމަލާއެއް އަމާޒުވިއެވެ. ނަމަވެސް، އެ އުޅަނދުގައި ތިބި ޔޫކްރެއިންގެ 7 މީހުންނާއި އަޒަރުބައިޖާންގެ 8 މީހުން ހިމެނޭހެން، ހުރިހާ ފަޅުވެރިން ވަނީ ރައްކާތެރިކަމާއެކު ސަލާމަތްކޮށްފައެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިންވެސް ބަލްގޭރިއާގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ދަތުރުކުރި އުޅަނދަކަށް ދިން ހަމަލާއެއްގައި ސީރިޔާގެ 9 މީހުންނާއި މިޞްރުގެ ރައްޔިތަކު ވަނީ ގެއްލިފައެވެ.
މި ޙާދިސާތަކާ ގުޅިގެން ބަލްގޭރިއާގެ ރައީސް ރުމެން ރާދޭވް ވިދާޅުވީ، ޤައުމުގެ ސަރަޙައްދީ އިމާ ކައިރީގައި މިފަދަ ނުރައްކާތެރި ޢަމަލުތައް ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ޙާލަތުގެ ނާޖާއިޒު ފައިދާ ނަގަނީ ރަޝިޔާއިން ކަމަށް ފާހަގަކުރެއްވި ނަމަވެސް، މި ޙަމަލާތަކުގެ ފަހަތުގައިވަނީ ސީދާ ރަޝިޔާ ކަމަށް އޭނާ ތުހުމަތުކުރައްވާފައެއް ނުވެއެވެ.
މި ހަމަލާތައް ޔޫކްރެއިނާއި ވިލާތުގެ އިއްތިހާދުން ވަނީ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފައެވެ. ވިލާތުގެ އިއްތިހާދުގެ ރައީސާ އުރުސުލާ ފޮން ޑެއަރ ލަޔަން ވިދާޅުވީ، ކަޅުކަނޑަކީ ޔޫކްރެއިން ހަނގުރާމައިގެ އިތުރު ކުރިމަތިލުންތަކުގެ މައިދާނަކަށް ވެގެން ނުވާނެ ކަމަށާއި، މި ޖަރީމާތަކަށް ޒިންމާވާންޖެހޭ ފަރާތްތައް އިންޞާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.
ޔޫކްރެއިންގެ ޚާރިޖީ ވަޒީރު އަންދްރީ ސީބީހާ ވިދާޅުވީ، މި ހަމަލާތަކުން ހާމަވަނީ އާންމުންގެ ފުރާނައަށް ރަޝިޔާއިން އެއްވެސް އިޙްތިރާމެއް ނުކުރާ މިންވަރު ކަމަށެވެ. އަދި ކަޅުކަނޑަކީ މުޅި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅިފައިވާ މުހިންމު މަގެއް ކަމަށްވާއިރު، ރަޝިޔާއިން ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ރަޝިޔާއިން ޔޫކްރެއިންގެ ބަނދަރުތަކަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން، ޔޫކްރެއިނަށް ވަނީ ޑެނިއުބް ކޯރުގެ ބަނދަރުތަކާއި، ނޭޓޯގެ މެންބަރު ޤައުމުތައް ކަމަށްވާ ބަލްގޭރިއާ އަދި ރޮމޭނިއާގެ އައްސޭރިފަށުގެ ކަނޑުގެ މަގުތައް ޚިޔާރުކުރަން މަޖުބޫރުވެފައެވެ. ހަމައެއާއެކު، ޔޫކްރެއިނުންވެސް ދަނީ ކަޅުކަނޑާއި އަޒޯވް ކަނޑުގައި ޙަރަކާތްތެރިވާ ރަޝިޔާގެ ގޮވާން އުފުލާ އުޅަނދުތަކަށް އަމާޒުކޮށް ރައްދު ހަމަލާތައް ދެމުންނެވެ.