ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ޞިއްޙީ ފަރުވާ ދިނުމަށް ހަސްފަތާލުގައި އެނދުމަތިކޮށްފިއެވެ.
ރާޖަޕަކްސަގެ ސިޔާސީ ޕާޓީ، ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ)އިން ބުނީ އޭނާ ހަސްފަތާލަށް ގެންގޮސްފައި ވަނީ 12 އޮކްޓޯބަރުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. މި ވަގުތު އޭނާ އޮންނެވީ އައިސީޔޫގައި އޮބްޒަވޭޝަންގައި ކަމަށް ވެސް އެ ޕާޓީއިން ބުނެފައިވެއެވެ.
ރާޖަޕަކްސަ ހަސްފަތާލުގައި އެނދުމަތިކޮށްފައި މި ވަނީ އޭނާގެ ޢާއިލާގެ ބައެއް މެންބަރުންނާ ގުޅޭ ތަހުޤީޤުތަކެއް ސްރީ ލަންކާގެ އިދާރާތަކުން ކުރަމުންދާ ވަގުތެއްގައެވެ. އެ ގޮތުން އޭނާގެ އަނބިކަނބަލުން ޝިރާންތީއާއި ދޮށީ ދަރިކަލުން ނަމާލް ހިމެނޭ ފައިސާއާ ގުޅޭމައްސަލަތަކެއް ދަނީ ތަހުޤީޤުކުރަމުންނެވެ.
ސްރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ނަމާލްއާ ދެކޮޅަށް ބަލަމުންދާ މައްސަލައިގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައަކީ ސްރީލަންކަން އެއަރލައިންސަށް މަތިންދާބޯޓު ހޯދުމަށް ވިލާތުގެ އެއަރބަސް ކުންފުންޏާއެކު ހިންގި ބޮޑު މުޢާމަލާތުގެ ތެރެއިން، ލަންކާ ސަރުކާރުގެ އިސް މަސްއޫލުވެރިންނަށާއި ސިޔާސީ ބޭފުޅުންނަށް ބޮޑެތި ޢަދަދުތަކުން ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ނަމާލްގެ މަންމާފުޅު، ޝްރީރާންތީ ބަންދުކޮށްފައި ވަނީ މިދިޔަ ހަފްތާގައެވެ. އެއީ ސަރުކާރުގެ ހަސްފަތާލަކަށް ސްކޭން މެޝިނެއް ގަތުމަށް ހަދިޔާކޮށްފައިވާ ފައިސާ ނަހަމަގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައެވެ.
މަހިންދަ ރާޖަޕަކްސަ ސްރީ ލަންކާގެ ރައީސްގެ މަޤާމު ދެ ދައުރެއްގައި ޢަދާ ކުރައްވާފައިވެއެވެ. އެއީ 2005ވަނަ އަހަރުން2010ވަނަ އަހަރަށް، އަދި 2010ވަނަ އަހަރުން 2015ވަނަ އަހަރަށެވެ. ބޮޑުވަޒީރުގެ މަޤާމު ވެސް ތިން ފަހަރެއްގެ މަތިން ފުރުއްވާފައިވާއިރު، އެއީ 2004ން 2005އަށާއި، 2018ވަނަ އަހަރުގެ އޮކްޓޯބަރު މަހުން އެ އަހަރުގެ ޑިސެމްބަރު މަހަށާއި، 2019ން 2022އަށެވެ. 2022ވަނަ އަހަރު ސްރީ ލަންކާއަށް ކުރިމަތިވި ނާޒުކު އިޤްތިޞާދީ ޙާލަތާމެދު ހިތްހަމަނުޖެހިފައިވާ ޢާންމުންނާއި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަން ފެށުމުން އޭނާ ވަނީ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ.