ޚަބަރު

ބީއެމްއެލްއިން ޓެކް އިންޓާނުންނަށް ފުރުސަތު ހުޅުވާލައިފި


  • 25 ފުރުޞަތަށް ހުޅުވާލާފައިވޭ

  • 11،000 ރުފިޔާގެ އެލަވަންސްއެއް

  • މިއީ 1 އަހަރުގެ އިންޓަރންޝިޕެއް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގްރާމުގެ ދަށުން ޓެކްނޮލޮޖީ ދާއިރާއަށް ޚާއްޞަ 25 ފުރުޞަތަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ، ދިވެހި ޒުވާނުންނަށް ބޭންކުގެ ޓެކްނޮލޮޖީ އަދި އެ ނޫންވެސް އެކި ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ފުރުސަތެކެވެ. މި ޕްރޮގްރާމުގެ ދަށުން ބޭންކުގައި 1 އަހަރު ދުވަހު މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ފުރުޞަތުގައި ބޭންކުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވުމާއި، ތަޖުރިބާކާރު މުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް މަހަކު -/11,000 ރުފިޔާގެ އެލަވަންސަކާއި، ރޯދަ އިނާޔަތުގެ އިތުރުން އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި އާއިލީ ޒިންމާގެ ބޭނުމަށް 10 ދުވަސް ލިބޭނެއެވެ.

މި ފުރުޞަތަށް ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ތައުލީމު ފުރިހަމަކޮށްފައިވާ ދިވެހީންނަށް ކަމަށް ބީއެމްއެލްއިން މަޢުލޫމާތުދެއެވެ. މީގެއިތުރުން މިދާއިރާއިން ފަންނީ ހުނަރު ހުރި ފަރާތްތަކަށްވެސް ފުރުސަތުގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮގްރާމުގައި ރަނގަޅަށް މަސައްކަތް ކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ މަގުފަހިވެގެންދާނެއެވެ.

2018ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ހަތް ބެޗެއްގައި 98 އިންޓާނުން ތަމްރީނު ފުރިހަމަ ކޮށްފައިވާއިރު، އޭގެ ތެރެއިން %60 ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ވަނީ ލިބިފައެވެ.