ޚަބަރު

އޮޑިޓު އޮފީހުގެ އައު އިމާރާތް އަންނަ އަހަރު ނިންމަނީ


  • 50% މަސައްކަތް ނިމިފައި

  • 2027ގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހު އިމާރާތަށް ބަދަލުވެވޭނެ

އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތް އަންނަ އަހަރު ނިމޭނެ ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ އެ އޮފީހުގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިދެއްވުމަށްފަހު މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު ޢިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައެވެ. 6 ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނައިރު، އެ އިމާރާތުގެ މަސައްކަތް ލަސްވުމުގެ ކަންބޮޑުވުން މާލިއްޔަތު ކޮމިޓީގެ މެންބަރުން ވަނީ ފާޅުކުރައްވާފައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ، ދައުލަތުގެ ކޭޝްފްލޯ ހުރިގޮތުން އިމާރާތްކުރުމުގެ ދާއިރާގެ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް އެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތް މަޑުނުޖެހި ކުރަމުންދާ ކަމަށެވެ. މިމަސައްކަތުގެ ދަށުން މިހާތަނަށް މުޅި މަޝްރޫއުގެ %50 މަސައްކަތް ނިމިފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ވިދާޅުވިއެވެ.

"މިހާރު ކޮންސްޓްރަކްޝަން ގޮސްފައިވަނީ، އޭގެ %50 އާ ހަމައަށް ނިމިފައިމިވަނީ. އަޅުގަނޑުމެން މިހާރު އެމްޓީސީސީއާއެކު މަސައްކަތު ޕްލޭނަށް ބަލާއިރު އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރަށް އެ ބިލްޑިންގ އެއްކޮށް ނިންމާލާފައި އަޅުގަނޑުމެންނަށް އެތަނަށް ވަދެވޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ." އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވިއެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ، މިހާރު އޮފީސް ހިންގަމުންދަނީ ކުއްޔަށް ހިފައިގެން އުޅޭ އިމާރާތެއްގައި ކަމަށްވާއިރު އައު އިމާރާތަށް ބަދަލުވުމުން ކުލީގެ ގޮތުގައި ދައްކާ ފައިސާ ބަޖެޓުން އުނިކުރެވޭނެ ކަމަށެވެ. އަދި ބަދަލުވާތާ 10 އަހަރު ނުވަތަ 12 އަހަރުގެ ތެރޭގައި ކުއްޔަށް ހޭދަކުރާ ފައިސާ އެއްކޮށް ސަލާމަތް ކުރެވޭނެކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 138.6 މިލިޔަން ރުފިޔާއަށެވެ. މީގެ ތެރެއިން މިހާތަނަށް 74.5 މިލިޔަން ރުފިޔާ އެ ކުންފުންޏަށް ދައްކާފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ.