ޚަބަރު

ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު މެސީ ކުޅުނު ފުރަތަމަ މެޗުގައި 2 ލަނޑު


  • މެސީ ލަނޑު ޖަހާފައިވަނީ ޑީސީ ޔުނައިޓެޑާއި ކުޅެ 4 ލަނޑު ސުން ލަނޑުން މޮޅުވި މެޗުގައި

އާޖެންޓީނާ ދުށް އެންމެ މޮޅު ކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލްކުރާ ލިއޮނެލް މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު އިންޓަރ މައާމީއަށް ކުޅުނު ފުރަތަމަ މެޗުގައި 2 ލަނޑު ކާމިޔާބު ކޮށްފިއެވެ.

މެސީ މި ދެ ލަނޑު ޖަހާފައިވަނީ އެމެރިކާގެ މޭޖަރ ލީގު ސޮކަރގައި އިންޓަރ މައާމީ އަމިއްލަ ދަނޑުގައި ޑީސީ ޔުނައިޓެޑައި ދެކޮޅަށް ކުޅުނު މެޗުގައެވެ. މިމެޗު އިންޓަރ މައާމީއިން ކާމިޔާބު ކުރީ 4 ލަނޑު ސުން ލަނޑުންނެވެ. އިންޓަރ މައާމީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މައާމީއިންނެވެ. ނަމަވެސް މިމެޗުގައި ޑީސީއިންވެސް މައާމީގެ ގޯލަށް ގިނަ ހަމަލާ ތަކެއް ފޮނުވާލާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މިމެޗުގެ ފެށުން ދިޔައީ މައާމީއިން އެންމެ ބޭނުންވިގޮތަށް މެޗުގެ ކުރީކޮޅު ލަނޑެއްޖެހާ ލީޑު ނެގިގެންނެވެ. މެޗުގެ 3 ވަނަ މިނެޓުގައި މިލަނޑު މައާމީއަށް ކާމިޔާބު ކޮށްދިނީ ލުއިސް ސުވަރޭޒްއެވެ. އަދި މެޗުގެ 39 ވަނަ މިނެޓުގައި ސުވަރޭޒްވަނީ މައާމީގެ ދެވަނަ ލަނޑު ޖަހައިދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ ސުވަރޭޒް މިސީޒަންގައި ލީގުގައި ކާމިޔާބު ކުރި 16 ވަނަ ލަނޑެވެ. މިމެޗުގައި ސުވަރޭޒްގެ ދެ ލަނޑުވެސް ޖަހާފައިވަނީ ޖަރމަން ބާރޓެރާމޭ ތަނަވަސްކޮށްދިން ދެ ފުރުސަތުގައެވެ. މިމެޗުގައި މެސީ ކާމިޔާބު ކުރި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ 2 ވަނަ މިނެޓުގައި ލުއިސް ސުވަރޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. އަދި ދެވަނަ ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި މެސީ ޖަހާފައިވަނީ އޭނާ އާއި އެކު އާޖެންޓީނާއަށް ކުޅޭ ރޮޑްރިގޯ ޑި ޕޯލް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. މިއީ އޭނާ މިސީޒަންގައި ލީގުގައި ކާމިޔާބުކުރި 23 ވަނަ ލަނޑެވެ. މެސީ އަކީ މޭޖަރ ލީގު ސޮކަރގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާއެވެ. އެންމެ ގާތުން ވާދަ ކުރާ އެފްސީ ޑެލަސްގެ ޕެޓާ މޫސާ އުޅެނީ 4 ލަނޑު ފަހަތުގައެވެ.

މެސީ ވަނީ ނިމިގެންދިޔަ ހަފްތާގައި އާޖެންޓީނާ ޤައުމީ ޓީމަށް ކުޅުނު ފަހު މެޗުގައި ބެނިން އާއި ދެކޮޅަށްވެސް ލަނޑު ޖަހާފައެވެ. އަދި އެމެޗުގައި އެޓީމުން ކާމިޔާބުކުރި އިތުރު ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކޮށްދީފައިވަނީވެސް މެސީއެވެ. އުމުރުން 39 އަހަރުގެ މެސީގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާ 2022 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާއިރު އޭނާވަނީ އިތުރު ދެ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ގެންގޮސް ދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. މެސީވަނީ އާޖެންޓީނާއަށް ކުޅުނު 208 މެޗުގައި 126 ލަނޑު ޖަހައިދީފައެވެ. އެހެން ކަމުން އޭނާ ވެފައިވަނީ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހުމުގެ އިތުރުން އެންމެ ގިނަ މެޗުވެސް ކުޅެދީފައިވާ ކުޅުންތެރިޔާ އަށެވެ.

މެސީގެ މިހާރުގެ ހުރިހާވެސް އަމާޒަކީ މިފަހަރުގެ ލީގު އިންޓަރ މައާމީއަށް ކާމިޔާބު ކޮށްދިނުމެވެ. މިލީގުގައި އެންމެ ފަހުން ޖެހިޖެހިގެން ލީގު ކާމިޔާބު ކުރެވިފައިވަނީ 2011-2012 ވަނަ ސީޒަންގައި ލޮސް އެންޖަލިސް ގެލެކްސީ އަށެވެ. މައާމީ މިހާރު އުޅެނީ އީސްޓަން ކޮންފަރެންސްގައި ނޭޝްވިލް އެފްސީގެ ފަހަތުން ދެވަނައިގައެވެ. ނަމަވެސް މިދެ ޓީމުގެ ދެމެދުގައި 14 ޕޮއިންޓްގެ ތަފާތެއް އެބަހުއްޓެވެ.