ޚަބަރު

އަސީރުންނަށް ފަރުވާދިނުމުގައި ޔަހޫދީން ހިންގާ ޖަރީމާތައް އައިސީސީއަށް


ޔަހޫދީ އިސްރާއީލުގެ ސްދޭ ތެއިމާން އަސްކަރީ މަރުކަޒުގައި ހައްޔަރުކޮށްފައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ކުރަމުންދާ މައްސަލައިގައި ހިންދު ރަޖަބް ފައުންޑޭޝަނުން ޔަހޫދީ ޞިއްޙީ އިސްވެރިންނާ ދެކޮޅަށް ބައިނަލްއަޤުވާމީ ޖިނާއީ ކޯޓަށް (އައިސީސީ) މައްސަލަ ހުށަހަޅައިފިއެވެ. މި ކަން ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ ޔަހޫދީ އިސްރާއީލުގެ ނޫހަކުންނެވެ. ބެލްޖިއަމްގެ ބްރަސެލްސްގައި ހިންގާ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ހިންދު ރަޖަބް ފައުންޑޭޝަނުން އައިސީސީގެ ޕްރޮސެކިއުޓަރަށް މި މައްސަލަ ހުށަހެޅީ ރޯމް ސްޓެޓިއުޓްގެ 15 ވަނަ މާއްދާގެ ދަށުންނެވެ. ހައްޔަރުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ ސިފައިން ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު އަނިޔާތައް ދެމުންދާ ކަމުގައި އެ ފައުންޑޭޝަންގެ މައްސަލައިގައި ހާމަކޮށްފައިވެއެވެ.

2023 އޮކްޓޯބަރުން ފެށިގެން، ސްދޭ ތެއިމާން އަސްކަރީ މަރުކަޒުގައި ޣައްޒާގެ އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ގިނައީ ޢާންމުންނެވެ. އަންހެނުންނާއި، ކުޑަކުދިންނާއި، އުމޫރުންނާއި، ނޫސްވެރިންގެ އިތުރުން ޞިއްޙީ އަދި އިންސާނީ އެހީތެރިންނެވެ. ހިންދު ރަޖަބް ފައުންޑޭޝަނުން ބުނީ، އެއީ "ޤާނޫނާ ޚިލާފު ހަނގުރާމަވެރިން" ކަމަށް ކަނޑައަޅައި، އެއްވެސް ދަޢުވާއެއް ނުވަތަ ޝަރީޢަތަކާ ނުލައި އަސާސީ ޤާނޫނީ ރައްކާތެރިކަމުން އެކީގައި މަޙްރޫމްކޮށްފައިވާ ކަމުގައެވެ.

މި މައްސަލައިގައި ޔަހޫދީ ޞިއްޙީ ވުޒާރާއާއި ދިފާޢީ ވުޒާރާގެ އިސްވެރިންނާއި، ޑޮކްޓަރުންނާއި، ހަސްފަތާލުތަކުގެ އިސްވެރިންގެ އިތުރުން ޔަހޫދީ އިސްރާއީލުގެ މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) ތަޙުޤީޤުކުރުމަށް އެ ފައުންޑޭޝަނުން ވަނީ އެދިފައެވެ. އަދި، 2023 ޑިސެންބަރު 19 ގައި ޔަހޫދީ ޞިއްޙީ ވުޒާރާއިން ނެރުނު އަމުރެއްގެ ދަށުން، ހައްޔަރުކޮށްފައި ތިބި އަސީރުންނަށް ފަރުވާދޭން މަޖުބޫރުކޮށްފައި ވަނީ ނުފެންނަ ގޮތަށް ލޮލުގައި ފޮތި ބަނދެ، ބިޑިއަޅުވައިގެން ކަމުގައި ހިންދު ރަޖަބް ފައުންޑޭޝަނުން ހާމަކުރިއެވެ. އަދި، ޞިއްޙީ އެހީތެރިންގެ ނަން ހާމަނުކޮށް، ހަމައެކަނި މަޤާމުގެ ނަން ބޭނުންކޮށްގެން ލިޔެކިޔުންތަކުގައި ސޮއިކުރަން އަންގާފައިވާ ކަމަށާއި، މިއީ ފަރުދީ ޒިންމާއިން ރެކުމަށާއި އަނިޔާތައް ސިއްރުކުރުމަށް ކޮށްފައިވާ ކަމެއް ކަމުގައި ވެސް އެ ފައުންޑޭޝަނުން ބުނެފައިވެއެވެ.

ސްދޭ ތެއިމާންގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކުގެ މަޢުލޫމާތު ޔަހޫދީ ޞިއްޙީ އެހީތެރިންނާއި އެ ތަނުގައި އަނިޔާ ލިބިފައިވާ ފަލަސްޠީނުގެ ރައްޔިތުން ވަނީ ހިއްސާކޮށްފައެވެ. 2024 އެޕްރީލުގައި ޔަހޫދީ ކަމާބެހޭ ފަރާތްތަކަށް ޑޮކްޓަރަކު ލިޔުނު ސިޓީއެއްގައި ބުނީ، އަބަދު ބިޑިއެޅުވުމުގެ ސަބަބުން ލިބުނު އަނިޔާތަކާ ގުޅިގެން އެންމެ ހަފްތާއެއްގެ ތެރޭގައި ދެ މީހެއްގެ ފައި ބުރިކުރަން ޖެހުނު ކަމުގައެވެ. މީގެ އިތުރުން، އައްސިކުރުމަކާ ނުލައި އޮޕަރޭޝަންތައް ކޮށްފައިވާކަން މަންޒަރު ފެނުނު ޞިއްޙީ އެހީތެރިންނާ ހަވާލާދީ އެ ފައުންޑޭޝަނުން ބުނެފައިވެއެވެ. ޖިސްމާނީ އަނިޔާއާއި ޞިއްޙީ ފަރުވާ ނުދިނުމުގެ ސަބަބުން 2025 ނޮވެންބަރާ ހަމައަށް އެ މަރުކަޒުގައި ގާތްގަނޑަކަށް 29 މީހުން ޝަހީދުވެފައިވާ ކަން ވެސް އެ ފައުންޑޭޝަނުން ހާމަކުރިއެވެ.