މިއަހަރުގެ ދުނިޔޭގެ ނަފުސާނީ ސިއްޙަތުގެ ދުވަސް ފާހަކުރުމަށް ކ. ކާށިދޫގައި އިސްރަށްވެހިންނަށް ޚާއްސަކޮށްގެން "އިސްރަށްވެހިންގެ ސައްލާ"އެއް ކުރިއަށް ގެންގޮސްފިއެވެ.
ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުން ކުރިއަށްގެންދިޔަ މި ސައްލާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ސައްލާގައި ސިއްޙަތާއި ބެހޭ ވަޒީރު ޤީލާ އަލީވެސް ބައިވެރިވެވަޑައިގަތެވެ.
"އިސްރަށްވެހިންގެ ސައްލާ"ގައި ވާހަކަދައްކަވަމުން ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނަރަލް ފާޠިމަތު ލީނާ ވިދާޅުވީ އުމުރުން ދުވަސްވުމުން ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. މީގެ ތެރޭގައި ސިއްޙީ ހާލަތާއި އާއިލީ ކަންކަންފަދަ ކަންކަމާ ގުޅިގެން ނަފުސާނީ ހަމަޖެހުމަށް ރަނގަޅު އަދި ނޭދެވޭ އަސަރުތަކެއް ކުރާނެކަން ލީނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް އެމީހުންނާއި ވާހަކަދައްކާލާނެ މީހުން ތިބުމާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެން ދިޔުމާއި ބަލައިގަންނަ މީހުންގެ ތެރޭގައި ތިބުމަކީ ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަންކަންކަމަށް ލީނާ ވިދާޅުވިއެވެ.
"ދޮށީ އުމުުރުގެ ބޭފުޅުންނަކީ ހަމައެކަނި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ބައެއްގެ ބަދަލުގައި އެފަރާތްތަކުގެ ތަޖުރިބާއާއި ޢިލްމަކީ ނުހަނު ބޭނުންތެރި އެއްޗެއްކަން ބަލައިގަނެ އެމީހުންގެ ވާހަކަތައް އަޑު އެހުމުން އެނގޭނެ އެތައް ފިލާވަޅުތަކެއް ހުންނާނެ. ކުޑަވަގުތުކޮޅަކަށް ވާހަކަދައްކާލުމާއި ވަގުތު ހޭދަކޮށްލުމަކީ އެބޭފުޅުންގެ ހަޔާތަށް މާނަވީ ބަދަލުތަކެއް އަންނާނެކަމެއްކަން ޔަޤީން." ލީނާ ވިދާޅުވިއެވެ.
"އިސްރަށްވެހެިންގެ ސައްލާ" ގައި ވަނީ އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެކި މަޢުޟޫތަކަށް އިސްރަށްވެހިންގެ ތަޖުރިބާތަކާއި އެމީހުންގެ ހުރި ޢިލްމު ހިއްސާކޮށްފައެވެ. އަދި ޑިމެންޝިއާ އަދި ސިކުނޑީގެ ދުޅަހެޔޮކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ސައްލާގެ ތެރެއިން ވަނީ އިސްރަށްވެހިންނަށް ޚާއްސަކޮށްގެން އުފާވެރި ފިޒިކަލް ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައެވެ.