ޚަބަރު

ޝެންގހާއީ މާސްޓަރސް އިން ޖޯކޮވިޗް ކަޓައިފި


  • ޖޯކޮވިޗް ކެޓީ ހުބަރޓް ހާކާޒް އާއި ބައްދަލުކުރި މެޗުން ސީދާ 2 ސެޓުން ބަލިވުމުން

ޝެންގހާއީ މާސްޓަރސް ޓެނިސް މުބާރާތުގެ ދެވަނަ ބުރުން މިމުބާރާތުގައި 10 ވަނައަށް ސީޑު ކުރެވިފައވާ ސަރބިއާގެ ނޯވަކް ޖޯކޮވިޗް ކަޓައިފިއެވެ.

މިމުބާރާތުގެ ދެވަނަ ބުރުން ޖޯކޮވިޗް ބަލިވެފައިވަނީ ޕޯލަންޑްގެ ހުބަރޓް ހާކާޒް އާއި ބައްދަލުކުރި މެޗުން ސީދާ ދެސެޓުންނެވެ. މިއީ ޖޯކޮވިޗްގެ މައްޗަށް ހާކާޒްއަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. މިމެޗު ހާކާޒް ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ. މިމެޗާއި ޖޯކޮވިޗް ކުރިމަތިލާފައިވަނީ ވަރަށް ފަހުން ނިމިގެންދިޔަ ޗައިނާ އޯޕަން 8 ވަނަ ފަހަރަށް މިދިޔަ އަންގާރަ ދުވަހު ކާމިޔާބު ކުރުމަށްފަހު ވަރަށް ފޯމުގައި ހުރެއެވެ. އެހެން ކަމުން މިނަތީޖާގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިގެން ގޮސްފައެވެ.

ގްރޭން ސްލޭމް 24 މުބާރާތް ކާމިޔާބު ކޮށްފައިވާ ޖޯކޮވިޗަށް އެންމެ ފަހުން ޝެންގހާއީ މާސްޓަރސް ކާމިޔާބު ކުރެވިފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި މިމެޗާއި މިދެ ކުޅުންތެރިން ކުރިމަތިލީއިރު މީގެ ކުރިން ވާދަކުރި 8 ފަހަރުވެސް ޖޯކޮވިޗް ވަނީ ކުރި ހޯދައިފައެވެ. އެއް ގަޑިއިރާއި 27 މިނެޓަށް ދެމިގެންދިޔަ މިމެޗުގައި ހާކާޒް ފެނިގެންދިޔައީ ޖޯކޮވިޗްއަށް ވުރެ ހުރިހާ ގޮތަކުންވެސް މިމެޗަށް ތައްޔާރުވެފައިވީ ތަނެވެ. މިގޮތުން މިމެޗުގައި ހާކާޒްގެ ސަރވްގައި ޖޯކޮވިޗްއަށް މާބޮޑު ކުރި އެރުން ތަކެއް ނުހޯދުނު އިރު ހާކާޒްވަނީ މިމެޗުގައި 13 އޭސް ސަރވް ކޮށްފައެވެ.

މިމުބާރާތުގެ ތިންވަނަ ބުރުގައި ހާކާޒް ބައްދަލުކުރާނީ ޗައިނާގެ ޒޫ ޔީ އާއެވެ. މިމުބާރާތުގެ ތިންވަނަ ބުރުން ޒޫ ޖާގަހޯދީ ދެވަނަ ބުރުގައި 24 ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީ އާއި ބައްދަލުކުރި މެޗު ދެ ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިގޮތުން ފުރަތަމަ ސެޓު ޓައި ބްރޭކަކަށް ގޮސް ނުވައެއް ހަތަކުން ޒޫ ކާމިޔާބު ކުރިއިރު ދެވަނަ ސެޓު މުސޭޓީ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. އަދި ފަހު ސެޓު ޓައި ބްރޭކަކަށް ގޮސް ޒޫ ކުރި ހޯދީ ހަތެއް އެކަކުންނެވެ.

މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް އާއި ޗައިނާގެ ވޫ ޔީބިންގ ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްފައިވަނީ ޒުވަރޭވްއެވެ. މިގޮތުން ފުރަތަމަ ސެޓު ހައެއް ހަތަރަކުން ޒުވަރޭވް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ޒުވަރޭވް ކާމިޔާބު ކޮށްފައިވަނީ ޓައިބްރޭކަކަށް ގޮސް ހަތެއް ހަތަރަކުންނެވެ. މިމުބާރާތުގެ ތިންވަނަ ބުރުގައި ޒުވަރޭވް ބައްދަލުކުރާނީ ދެވަނަ ބުރުގައި ބެލްޖިއަމްގެ އެލެގްޒެންޑަރ ބްލޮކްސް ބަލިކުރި ފަރަންސޭސިވިލާތުގެ ކުއެންޓިން ހެލީސް އާއެވެ.

މީގެއިތުރުން ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ބެން ޝެލްޓަންވެސްވަނީ މިމުބާރާތުގެ ތިންވަނަ ބުރުން ޖާގަހޯދައިފައެވެ. އެއީ ޖަރުމަނުވިލާތުގެ ޑަނިއެލް އަލްޓްމައަރ އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ.