ޚަބަރު

ކުރީގެ ޕްރެސް ސެކްޓްރީކޯޓަށް ހާޒިރުކޮށްދިނުމަށް އެދިއްޖެ


ކުރީގެ ރައީސް މުޙްނަމަދު ނަޝީދު ސަރުކާރުގެ ޕްރެސް ސެކްޓްރީ މުޙަންމަދު ޒުހައިރު ކޯޓަށް ހާޒިރުކޮށްދިނުމަށް އެދިއްޖެއެވެ. 

ސިވިލް ކޯޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މ. ވައިނުޖެހޭގެ، މުހައްމަދު ޒުހައިރު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެ ކޯޓުންވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ.

ފުލުހުން މިއަދު ބުނީ ޒުހައިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނީ ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ އެނާ ހާޒިރުކުރެވިފައިނުވާތީ ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. 

ޒުހައިރުގެ އިތުރުން އިތުރު ދެ މީހަކު ވެސް ހަމަ އެ ދުވަހުގެ ކުރިން ކޯޓަށް ހާޒިރުކޮށްދިނުމަށް ސިވިލް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައެވެ. އެ ދެ މީހުންނަކީ ގދ. ގައްދޫ، ކާށިދޫގެ އުމުރުން 41 އަހަރުގެ އަލީ މުހައްމަދާއި މ. މަޑުއްވަރި، ހަވީރީނާޒު އުމުރުން 35 އަހަރުގެ މުހައްމަދު އިޝާމެވެ. 

ސިވިލް ކޯޓުގެ އަމުރާ ހަވާލާދީ ފުލުހުން ބުނީ އެ ދެ މީހުންނަކީވެސް ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެ މީހުން ކަމަށެވެ.