ޚަބަރު

ބޭޒްވޯޓާ ޓެނިސް: ތަށި އުފުލާލީ ކިޔާރާ އަދި ފާއިހް


  • ކިޔާރާ ޗެމްޕިއަންކަން ހޯދީ 2-1 އިން ކަރިން ބަލިކޮށްގެން

  • ފާއިހް ޗެމްޕިއަންކަން ހޯދީ ދެ ސެޓުން ލޫޠުގެ މައްޗަށް ކުރި ހޯދައިގެން

  • މިމުބާރާތުގައި 11 ކެޓަގަރީއަކުން 110 ކުޅުންތެރިން ވާދަކުރި

ބޭޒްވޯޓާ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕްގެ ސިންގަލްސް ޗެމްޕިއަންކަން ކިޔާރާ އުސާމާ ޢަލީ އަދި ޢަބްދުﷲ ފާއިހް ފަޒީލް ހޯދައިފިއެވެ.

މާލޭ ޓެނިސް ކޯޓުގައި މިދިޔަމަހުގެ 24 އިން މިމަހުގެ 4 ގެ ނިޔަލަށް ކުރިއަށް ދިޔަ މިމުބާރާތުގައި 11 ކެޓަގަރީއަކުން 110 ކުޅުންތެރިންވަނީ ވާދަކޮށްފައެވެ. ފޯރިގަދަ މެޗުތަކަކަށްފަހު އާދިއްތަދުވަހުގެ މުބާރާތް ނިންމާލާފައިވާއިރު، ވަނަވަނައަށް ދިޔަ ކުޅުންތެރިންނަށް މެޑައްޔާއި ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މާލޭ ޓެނިސް ކޯޓުގައެވެ.

ބޭޒްވޯޓާ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަށް މެޑައްޔާއި ތަށި ހަވާލުކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުއްރައްޒާޤު އިބްރާހީމެވެ.

މިމުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ކިޔާރާ އުސާމާ ޢަލީ ހޯދީ ހޮނިހިރުދުވަހުގެ ކުޅުނު ފައިނަލުގައި އާއިޝަތު ކަރިން ސައިޒާން ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. މިމެޗުގެ ސެޓުތަކަށް ބަލާއިރު، ފުރަތަމަ ސެޓު 06-03 އިން ކަރިން ކާމިޔާބުކޮށްފައިވަނިކޮށް، ފަހަތުން އަރައި ފަހު ދެ ސެޓު 06-04 އަދި 04-01 އިން ކާމިޔާބުކޮށް ކިޔާރާވަނީ ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޢަބްދުﷲ ފާއިހް ފަޒީލް ހޯދީ އާދިއްތަދުވަހު ކުޅުނު ފައިނަލުގައި ލޫޠު އަޤްލީމް އަހްމަދު ފަސޭހަކަމާއެކު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މިމެޗުގެ ސެޓުތައް ފާއިހް ނެގީ 06-01 އަދި 06-02 އިންނެވެ.

މުބާރާތުގެ ޖޫނިއާ އޯޕަންބައިގެ ސިންގަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ އިބްރާހިމް ޒަފަޔާން މުޙައްމަދު ސަލާމާއި ކިޔާރާ އުސާމާ ޢަލީއެވެ. އަދި 12 އަހަރުންދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދާފައިވަނީ ލަޔާރާ އުސާމާ އަލީއާއި ރައިން ނިޒާއިއެވެ. 7 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަކީ ޖޫލިއަން ނާޝިޒް ބޮންޑައި އަދި އެމްބާ ޖުވެލް އަހްމަދުއެވެ.

ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލް މެޗުތައް ފެނިގެންދިޔަ މިމުބާރާތުގައި 45 އަހަރުންމަތީގެ ކުޅުންތެރިންވެސްވަނީ ވާދަކޮށްފައެވެ. ބޭޒްވޯޓާ މޯލްޑިވްސް ޓެނިސް ޗެމްޕިއަންޝިޕަކީ، ބޭޒްވޯޓާ މޯލްޑިވްސްގެ އެހީތެރިކަމާއެކު ޓެނިސް އެސޯސިއޭޝަނުން ކުރިއަށްގެންދިޔަ މުބާރާތެކެވެ.