ތިމާވެށި

ކޮޕް 22 - ޖަޒީރާ ޤައުމުތަކަށް ލިބޭ ގެއްލުން ކުޑަކުރުން މުހިއްމު


"އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސޭޓްސް" އޭއޯސިސްގެ ޗެއަރގެ ހައިސިއްޔަތުން މިފަހަރުގެ "ކޮޕް 22" ސަމިޓުގައި ރާއްޖޭގެ ފަރާތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤަޢުމުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މާލީގޮތުން އެހީތެރިކަން ހޯއްދެވުމަށްކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ، މޮރޮކޯގެ މަރަކޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސް އޮފް ދަ ޕާޓީޒް ނުވަތަ "ކޮޕް 22" ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން އެއަރޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، މިފަހަރުގެ ސަމިޓަކީ ވަރަށް ތާރީޚީ އަދި އެހާމެ މުހިއްމު ސަމިޓަކަށް ވެގެންދާނެކަމަށެވެ. މި ސަމިޓަކީ، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ވީހާވެސް ކުޑަކުރުމަށް ދުނިޔޭގެ ޤައުމުތަކަށް ބާރު އެޅުމުގެ ގޮތުން ބޭއްވޭ އެންމެ ކާމިޔާބު ބައްދަލުވުންކަން ފާހަގަކުރައްވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ، މިފަހަރުގެ ސަމިޓުގައިވެސް ރާއްޖޭގެ ފަރާތުން މުހިއްމު މަސައްކަތްތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސޭޓްސް" އޭއޯސިސްގެ ޗެއަރގެ ހައިސިއްޔަތުން މިފަހަރުގެ ސަމިޓުގައި އެންމެ ބޮޑު އިސްކަމެއްދޭނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤަޢުމުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތްތަކަށް މާލީގޮތުން އެހީތެރިކަން ހޯއްދެވުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަހަރުގެ ސަމިޓުގެ ޙަވާސާގެ ތެރެއިން، އޭއޯސިސްގެ މެމްބަރު ޤައުމުތަކުގެ މެދުގައި މިނިސްޓީރިއަލް ފެންވަރުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، މި ބައްދަލުވުމުގައި ޕެރިސް އެގްރީމެންޓް ތަސްދީޤު ނުކުރާ ޤައުމުތަކަށް، އެ އެގްރީމެންޓް ވީހާވެސް އަވަހަކަށް ތަސްތީޤު ކުރުމަށް ރާއްޖޭގެ ފަރާތުން ބާރު އަޅުއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިފަހަރުގެ ސަމިޓުގައި މެމްބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި، ޕެރިސް އެގްރީމެންޓް އިތުރަށް ބާރުވެރިކުރުވާ، މި އެއްބަސްވުމުގައި ހިމެނޭ ކަންކަން ތަންފީޒުކުރުމުގައި އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.