ލަންޑަންގައި މިހާރު ކުރިއަށްދާ ލެވަރ ކަޕް ޓެނިސް މުބާރާތުގެ ދެވަނަ ދުވަހުގެ ކުޅުން ނިމުނުއިރުވެސް ފުރަތަމަ ދުވަހެކޭ އެއް ގޮތަށް ކުރީގައި އުޅެނީ ޓީމް ޔޫރަޕެވެ.
ނަމަވެސް ފުރަތަމަ ދުވަހާއި ހިލާފަށް ދެވަނަ ދުވަހުގެ ފެށުން ރަނގަޅުވީ ޓީމް ވޯލްޑްގެއެވެ. މިމުބާރާތުގެ ދެވަނަ ދުވަހުގެ އެންމެ ފުރަތަމަ ކުރިމަތިލުމެއްގެ ގޮތުގައި އޮތީ ދެޓީމުގައިވެސް އެންމެ މަތިން ރޭންކް ކުރެވިފައިވާ ދެކުޅުންތެރިން ކަމަށްވާ އެލެގްޒެންޑަރ ޒުވަރޭވް އާއި އެލެކްސް ޑި މިއޯގެ ކުރިމަތިލުމެވެ. މިމެޗު ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ކާމިޔާބު ކޮށްފައިވަނީ ޓީމް ވޯލްޑަށް ނިސްބަތްވާ އޮސްޓްރޭލިއާގެ ޑި މިނޯއެވެ. އޭނާ މިމެޗު ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ސެޓު ޖަރުމަނުވިލާތުގެ ޒުވަރޭވް ދެއެއް ހަޔަކުން ކާމިޔާބު ކޮށްފައިވަނިކޮށް ދެވަނަ ސެޓު ހަތެއް ހަޔަކުން ކާމިޔާބު ކޮށް ބެސްޓް އޮފް ޓެންގެ ޓައި ބްރޭކަކަށް ގޮސްގެންނެވެ. މިޓައި ބްރޭކް ޑި މިނޯ ކާމިޔާބު ކޮށްފައިވަނީ އެގާރަ ނުވަޔަކުންނެވެ.
މިދެޓީމުގެ މެދުގައި ކުޅުނު ދެވަނަ މެޗުވެސް ޓީމް ޔޫރަޕް ބަލިކޮށް ކާމިޔާބު ކޮށްފައިވަނީ ޓީމް ވޯލްޑް އެވެ. މިމެޗުގައި ޓީމް ވޯލްޑް ތަމްސީލް ކުރި އެމެރިކާގެ ލާނަރ ޓިއެންވަނީ ޓީމް ޔޫރަޕްގެ ފްލާވިއޯ ކޯބޯލީ އެއް ސެޓު އެއް ސެޓުން ދެކުޅުންތެރިން ހަމަހަމަ ވުމުން ބެސްޓް އޮފް ޓެން ޓައިބްރޭކަށް ގޮސް ކާމިޔާބު ކޮށްފައެވެ. އެއީ ހައެއް ތިނެއް، ދެއެއް ހަޔެއް އަދި ދިހައެއް ހަތަކުންނެވެ. މިދެ ކާމިޔާބީ އާއެކު ފުރަތަމަ ދުވަހު 3 ޕޮއިންޓް އެއް ޕޮއިންޓުން ކުރީގައި ޓީމް ޔޫރަޕް އޮތް ނަމަވެސް ޓީމް ވޯލްޑް އިން 5 ޕޮއިންޓް 3 ޕޮއިންޓުން ކުރި ހޯދިއެވެ.
މިމުބާރާތުގައި ދެން ފެނިގެންދިޔައީ ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި އެމެރިކާގެ ޓޭލަރ ފްރިޓްޒްގެ ކުރިމަތިލުމެވެ. މިމެޗު ވަރަށް ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބު ކޮށްފައިވަނީ އަލްކަރާޒްއެވެ. މިމެޗުގެ ފުރަތަމަ ސެޓު އަލްކަރާޒް ހައެއް ތިނަކުން ކާމިޔާބު ކުރި ނަމަވެސް ފްރިޓްޒްވަނީ ޖެހިގެން އައި ދެވަނަ ސެޓު ހަތަރެއް ހަޔަކުން ކާމިޔާބު ކޮށް ބެސްޓް އޮފް ޓެންގެ ޓައިބްރޭކަށް މިމެޗު ގެންގޮސްފައެވެ.
މިޓައިބްރޭކްގައި ވަރަށް ހަަމަހަމަކޮށް ދަމުން ގޮސް އަލްކަރާޒްއަށް ކުރި ހޯދުނީ ތޭރަ އެގާރައިންނެވެ. އަދި ދުވަހުގެ ފަހު މެޗުގެގޮތުގައި ކުޅުނު ޑަބަލްސް މެޗުގައި ޓީމް ޔޫރަޕް ތަމްސީލް ކޮށްފައިވަނީ ޒުވަރޭވް އާއި ކެސްޕަރ ރޫޑްއެވެ. އަދި ޓީމު ވޯލްޑްގެ ފަރާތުން ކުޅުނީ އެލެގްޒެންޑަރ ބުބްލިކް އާއި ބްރެންޑަން ނަކަޝީމާއެވެ. މިމެޗު ސީދާ ދެސެޓުން ކާމިޔާބުކޮށް ޓީމް ޔޫރަޕްއިން އަނެްކާވެސް ލީޑު ނެގިއެވެ. މިމެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން ކާމިޔާބު ކުރިއިރު ދެވަނަ ސެޓު ޓައިބްރޭކަކަށް ގޮސް ހަތެއް ފަހަކުން ކާމިޔާބު ކޮށްފައިވަނީ ޓީމް ޔޫރަޕްއެވެ.
މިކާމިޔާބީ އާއެކު ދެވަނަ ދުވަހުގެ ކުޅުން ޓީމް ޔޫރަޕް އިން ނިންމާލީ ހަތް ޕޮއިންޓް ފަސް ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. މިދެޓީމުގެ މެދުގައި މިފަހަރުގެ މުބާރާތުގައި މާބޮޑު ތަފާތެއް ފެންނަމުން ނުދާތީ ފަހު ދުވަހުގެ ކުޅުން އިތުރަށް ފޯރިގަދަވެގެންދާނެކަމަށް މިހާރުވަނީ ބެލެވިފައެވެ. އަދި މިފަހަރުގެ މުބާރާތް ކާމިޔާބު ވެގެންދާނީ ތިންވަނަ ދުވަހު ރަނގަޅަށް ކުޅޭ ޓީމަކަށް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.