ޚަބަރު

"މަޝްރޫޢުތައް ކުރިއަށް ގެންދެވެނީ މަޖިލީހުގެ އެއްބާރުލުމާއެކު"


ސަރުކާރުން ހިންގަވާ މަޝްރޫޢުތައް އެހާ ފަސޭހަކަމާއެކު ކުރިއަށް ގެންދެވެނީ ރައްޔިތުންގެ މަޖިލީހުން ޕާޓީއަށް ލިބޭ އެއްބާރުލުމާއެކުގައި ކަމަށާއި، މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު ކަނޑުވާލުމަށް ކުރާ މަސައްކަތަކީ އެންމެ ޣައްދާރު މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީޕީއެމާ އަލަށް ގުޅުނު މެމްބަރުންގެ ފޯމް ޙަވާލުކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީޕީއެމާ އަލަށް ގުޅުނު މެންބަރުންގެ ފޯމް އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީނާ ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވޭތުވެދިޔަ 3 އަހަރަކީ ދިވެހި ތާރީޚްގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ހިންގި 3 އަހަރު ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެވުމަށް ކުރެއްވި މަސައްކަތްތައް އެހާ އަވަސްވެފައި، ފަސޭހަކަމާއެކު ކުރިއަށްގެންދެވެނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ލިބުނު އެއްބާރުލެއްވުމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރަމުންދާ މަސައްކަތްތަކުގައި ޕާލިމެންޓްރީ ގްރޫޕްގެ އިޚްލާސްތެރިކަން ސަރުކާރަށް އޮތުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ އަޣުލަބިއްޔަތު ގެއްލުވާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކަކީ ދިވެހިރައްޔިތުންގެ މަސްލަޙަތާ ދެކޮޅަށް ކުރަމުންދާ އެންމެ ޣައްދާރު މަސައްކަތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިހާ ހިސާބަށް އައިއިރު ރާޢްޖޭގެ ކަންތައްތައް މިހާ އޮމާންކަމާއެކީ ގެންދެވުނީ، ތަރައްޤީގެ މަޝްރޫޢުތަކުގައި ގިނަ ވަގުތު ހޭދަކުރަން އަޅުގަނޑަށް ވަގުތު ލިބުނީ ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން އަޅުގަނޑުމެންގެ ޕާޓީގައި ތިބީމަ. އެހެންވީމަ ރައްޔިތުންނަށް އަދާކުރެވޭނެ އެންމެ ބޮޑު އަމާނާތަކީ އެގޮތުގެ މަތީގައި ތިބެގެން ރައްޔިތުންނަށް ފައިދާހުރި ކަންތައްތައް ކޮށްދިނުމަށް ސަރުކާރަށް ވާގިދޭ ބައެއްގެ ގޮތުގައި ޕީޖީ ގްރޫޕް ތިބުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހިންގަނީ ވަކި ބަޔަކަށް ނުވަތަ ސަރަޙައްދަކަށް ޢަމާޒުކުރުމުގެ ބަދަލުގައި މުޅި ދިވެހި ރައްޔިތުންނާއި ޤައުމުގެ ފައިދާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ކަންކަން ދިވެހި ރައްޔިތުން ބަލައިގަންނަކަން ހާމަވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް އަހަރަކީވެސް ތަރައްޤީގެ އާއުސްމިންތަކަކަށް ދިވެހިރާއްޖެ ވާޞިލުވާނެ އަހަރެއް ކަމަށާއި، އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ އެކަމަށް އޮތް ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަހަރަކު އެންމެ މަދުވެގެން 2 މަޝްރޫޢު އެވަނީ ހިންގާފައި. އަޅުގަނޑުމެންގެ އަމާޒަކީ މާލެ އެކަނި ތަރައްޤީ ކުރުމެއްނޫން މި ސަރުކާރުގެ އަމާޒަކީ އަތޮޅުތެރެވެސް ތަރައްޤީކުރުން. ހަޤީޤަތުގައި ޕީ.އެސް.އައި.ޕީގެ ބޮޑުބައި ދަނީ އަތޮޅުތެރެއަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ރާއްވަވާފައިވާ ގޮތަށް ތަރައްޤީގެ މަޝްރޫޢުތައް ހިނގަމުންދާނެ ކަމަށާއި، އިޤްތިޞާދީ ކަންކަންވެސް ކުރިއަށްދަނީ ސަރުކާރުން ރާއްވަވާފައިވާ ގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން ބަޖެޓް ޑެފިސިޓްވާ މައްސަލަ ޙައްލުކުރެވި ސަރުކާރުގެ ދަރަނިތައް އަދާކޮށް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރާވާފައިވާ މަޝްރޫޢުތައް އަޅުގަނޑުމެން ރާވާފައިވާ ގޮތަށް އެބަ ތަރުތީބުވަމުންދޭ. މީގެ ނަތީޖާއަކަށް ވެގެންދާނީ ދަރަނި ފިލާނެކަމުގެ ގެރެންޓީ އަޅުގަނޑުމެންނަށް އޮތީ. މިއަހަރު މިހިނގާ މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަޝްރޫޢުތަކުގެ އިޤްތިޞާދީ ފައިދާއިން ބަދަލު އަޅުގަނޑުމެންނަށް ލިބިގެން ދިއުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަރައްޤީގެ މަޝްރޫޢުތައް އެންމެ އެދެވިގެންވާ ގޮތަށް ކުރިއަށްގެންދިއުމަށް ސަރުކާރަށް ސިޔާސީ ބާރު ލިބިދެވެންޖެހޭނެ ކަމަށާއި، ސިޔާސީ ގޮތުން ޕާޓީގެ އެތެރޭގެ ނުވަތަ ބޭރުގެ ފިއްތުންތައް ކުރިމަތި ކުރުވުމަކީ އެ މަޝްރޫޢުތަކަށް އެޅޭ ހުރަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން ތަރައްޤީގެ މަޝްރޫޢުތަކަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.