ދިވެހި ވަޠަނީ ޚިދުމަތަކީ ރާއްޖޭގެ ޒުވާނުންގެ މުސްތަޤްބަލު ބިނާކުރުމަށްޓަކައި، ޤައުމީ ރޫޙާއި އިސްލާމީ އަޚްލާޤު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ހިންގާ އަސާސީ ތަމްރީންތަކުގައި 3 ބެޗެއްގެ ތަމްރީނުތައް ނިމިފައިވާއިރު 1000 އަށްވުރެ ގިނަ ދަރިވަރުން ވަނީ މި ތަމްރީންތައް ފުރިހަމަކޮށްފައެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފައްޓަވައި އަސާސީ ތަމްރީންތަކަށް ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ޒުވާނުން ވަނީ މި ތަމްރީނުތަކަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެކި ބެޗުތަކަށް ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާއިރު މިހާތަނަށް 3 ބެޗެއްގައި 1029 ޒުވާނުން ވަނީ ތަމްރީންތައް ނިންމާފައެވެ. އަދި 4ވަނަ ބެޗުގެ ތަމްރީންތައް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މި ތަމްރީނުގައި، ދިފާޢީ ދާއިރާއާ ގުޅުންހުރި ކަންކަމުގެ އިތުރަށް ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕާއި ލޭންގުއޭޖް ޕްރޮފިޝެންސީ އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ކުރިއަށް ގެންދެއެވެ. އަދި އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތަކުގެ އިތުރުން، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތަކާއެކު އަސްކަރީ ތަމްރީނުތައް ތައާރަފުކުރުންވެސް މި ތަމްރީނުތަކުގައި ހިމެނެއެވެ.
ވަޠަނީ ޚިދުމަތުގެ ތަމްރީނުތަކުގައި ބައިވެރިވާ ޒުވާނުންގެ އެވްރެޖު އުމުރަކީ 18 އަހަރެވެ. މި ތަމްރީނުތައް ނިންމާ ޒުވާނުން ފާހަގަކުރާ ގޮތުގައި މިއީ އެ ދަރިވަރުން ވަޒީފާގެ މާހައުލަށް ނުކުތުމަށް އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ތަމްރީނުތަކުގައި ދިރިއުޅުމުގެ މުހިންމު އެތައް ކަމެއް ދަސްވެގެންދާއިރު ދީނީ ގޮތުންނާއި އަޚްލާގީގޮތުން ބޭނުންވާ ޢިލްމު ލިބިގެންދާ ކަމަށް ތަމްރީނުގެ ބައިވެރިން ފާހަަކުރެއެވެ.
"ވަރަށް ގިނަ ސްކިލްސްތަކެއް ދަސްވެގެންދިޔަ. އެންމެ ބޮޑަށް ފޯކަށް ކުރެވިފައިވަނީ ކޮންމެ ކުއްޖަކީވެސް ފިޒިކަލީ އަދި ދީނީގޮތުން ރަނގަޅު ކުއްޖަކަށް ހެދުން. އެގޮތުން ފަރުޟު ފަސް ނަމާދު ވަގުތުން ވަގުތަށް ކުރުމަށް ވަރަށް ބޮޑަށް އިސްކަން ދީފައިވޭ،" އަސާސީ ތަމްރީނުގެ 3ވަނަ ބެޗުގެ ބައިވެރިއަކު ކިޔައިދިނެވެ.
މި ތަމްރީނުތަކުގައި ބައިވެރިވާ ގިނަ ޒުވާނުންގެ އަޒުމަކީ އަސާސީ ތަމްރީނުތައް ނިންމުމަށްފަހު ދިފާޢީ ޚިދުމަތާ ގުޅުމެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީވެސް ޤައުމުދެކެ ލޯބިވާ ޒުވާނުންތަކެއް ބިނާކުރުން ކަމަށްވާއިރު މި ތަމްރީނުތަކުގައި ނަގައިދެވޭ ޤައުމިއްޔަތާއި ދީނީ ފިލާވަޅުތަކުގެ ސަބަބުން ދަރިވަރުންގެ ހިތްތަކުގައި ޤައުމާއި ދީނަށް އޮންނަ ލޯބި އިތުރުވެ، ޤައުމަށް ޚިދުމަތް ކުރުމުގެ އަޒުމު އިތުރަށް ހަރުދަނާ ވެގެންދާކަމަށް އެ ޒުވާނުން ފާހަގަކުރެއެވެ.
"ޕްރޮގްރާމުން ޤައުމިއްޔަތާ ގުޅުންހުރި ވަރަށް ގިނަ ކުރީގެ ތާރީޚުގައި ވެފައިވާ ކަންކަމާއި ދިވެހި ޤައުމު ރައްކާތެރިކުރަން ކުރަންޖެހޭ ކަންކަމާއި ޤައުމު ކުރިއެރުވުމަށް އަޅުގަނޑުމެންނަށް އެހީތެރިވެވޭނެ ގޮތްތައް އަދި އަޅުގަނޑުމެން އަމިއްލަ ފިޓްނަސްއަށް އިސްކަންދޭންޖެހޭ މިންވަރު ދަސްވެގެންދިޔަ." އަސާސީ ތަމްރީނުގެ 3ވަނަ ބެޗުގެ ބައިވެރިއަކު ކިޔައިދިނެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނުތައް ނިންމާ ކޮންމެ ޒުވާނެއްގެ މޫނުމަތިވެސް ފެންނަނީ އުފާވެރިކަމެވެ. ވަޒީފާގެ މާހައުލަށާއި ދިރިއުޅުމަށް ބޭނުންވާ މުހިންމު ކަންކަން ދަންނަ، ޤައުމަށް ބޭނުންތެރި، އަޚްލާގު ރަނގަޅު ރައްޔިތަކަށް ވުމުގެ ހިތްހަމަޖެހުމެވެ.
މިއިން ކޮންމެ ޒުވާނަކުވެސް އެދެނީ މުޖުތަމަޢުގައި ބާކީވެފައި ތިބުމުގެ ބަދަލުގައި ކޮންމެ ޒުވާނަކުވެސް ސަރުކާރުން ހުޅުވާލާފައިވާ މި ފުރުސަތުގެ ބޭނުން ހިފައި، ޤައުމަށް ބޭނުންތެރި ރައްޔިތަކަށް ވުމަށެވެ.