ޚަބަރު

ޔޫއޭއީގެ ޝެއިޚް އަޙްމަދު ބިން ރާޝިދު އަވަހާރަވެއްޖެ


އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ އެންމެ ހަގު ކޮއްކޯފުޅު، ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 76 އަހަރުގައި އެމަނިކުފާނު އަވަހާރަވީ މިއަދު ކަމަށް ދުބާއީގެ މީޑިއާ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ޝެއިޚް އަޙްމަދު އަވަހާރަވުމުގެ ހިތާމައިގައި، ދުބައިގެ ޝާހީ ކޯޓުން ވަނީ ހޯމަ ދުވަހުން ފެށިގެން ދުބާއީގައި ރަސްމީކޮށް ހިތާމަފާޅުކުރުމުގެ 10 ދުވަހުގެ މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގައި ދުބާއީގެ ދިދަތައް ބައިދަނޑިއަށް ތިރިކުރުމަށް ނިންމައިފައެވެ.

12 ޖުލައި 1950 ގައި ބުރް ދުބާއީ އަށް އުފަންވެވަޑައިގަތް ޝެއިޚް އަޙްމަދަކީ ދުބާއީގެ ކުރީގެ ވެރިޔާ އަލްމަރުޙޫމް ޝެއިޚް ރާޝިދު ބިން ސަޢީދު އަލް މަޚްތޫމްގެ ހަތަރުވަނަ އަދި އެންމެ ހަގު ފިރިހެން ދަރިކަލުންނެވެ.

އެމަނިކުފާނަކީ ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކުރެއްވި ޝަޚްޞިއްޔަތެކެވެ. އެގޮތުން ފުރުއްވި ބައެއް މުހިންމު މަޤާމުތަކުގެ ތެރޭގައި ދުބާޢީ ޕޮލިސް އެންޑް ޕަބްލިކް ސެކިއުރިޓީގެ ޑެޕިއުޓީ ޗެއާމަންކަމާއި، އޭ.އާރް.އެމް. ހޯލްޑިންގް އަދި ދުބާއީ ރިއަލް އެސްޓޭޓް ސެންޓަރުގެ ގްރޫޕް ޗެއާމަންކަމާއި އަދި ޔޫއޭއީ ޕްރޯ ލީގުގެ މަޝްހޫރު ކްލަބު "އަލް ވަޞްލް އެފްސީ" ގެ ޗެއާމަންކަން ހިމެނެއެވެ.

މީގެ އިތުރުން، ޖޫން 2021ގައި އަލް ޖަލީލާ ފައުންޑޭޝަން މެދުވެރިކޮށް "ހަމްދާން ބިން ރާޝިދު ކެންސަރު ޗެރިޓީ ހޮސްޕިޓަލް" ބިނާކުރުމަށްޓަކައި، ދުބާއީ ފުލުހުންގެ އިދާރާ މެދުވެރިކޮށް ދީލަތި އެހީތަކެއް ވެދެއްވުން ފާހަގަކޮށްލެވެއެވެ.

ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވުމަކީ ޔޫއޭއީގެ އިއްތިޙާދަށާއި ދުބާއީގެ ރައްޔިތުންނަށް ލިބުނު ފުން ހިތާމައެކެވެ. އެމަނިކުފާނުގެ ޖަނާޒާގެ ކަންތައްތައް ކުރިއަށްދާނީ ދުބާއީގެ ރަސްމީ އުޞޫލުތަކާއި ޝަރަފުގެ މަތިންނެވެ.