ޚަބަރު

"ނިއޯނޭޓަލް ޚިދުމަތަށް ޒަމާނީ އާލަތްތައް ހޯދުމާއެކު އެ ދާއިރާއިން މީހުން ބިނާކުރަންޖެހޭ"


  • ޑޮކްޓަރުންގެ ނިންމުންތަކާއި ނަރުހުންގެ އަޅާލުމަކީ މައިންބަފައިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުން

  • އުފަންވާ ކޮންމެ ކުއްޖަކަށްވެސް ފުރިހަމަ ފަރުވާ ކަށަވަރުކޮށްދިނުމަށް ޢަޒުމް ކަނޑައަޅަން އިލްތިމާސްކުރެއްވި

ނިއޯނޭޓަލް ޚިދުމަތަށް ޒަމާނީ އާލަތްތައް ހޯދުމާއެކު އެ ދާއިރާއިން މީހުން ބިނާކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލު ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ "ނިއޯކެއަރ ކޮންފަރެންސް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލު ސާޖިދާ މުޙައްމަދުގެ ވާހަކައިގައި ވަނީ ނިއުނޯނޭޓަލް ކެއަރގެ ޚިދުމަތް ފެށިގެން އައިރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނުނަމަވެސް މުހިންމު ކުރިއެރުންތަކެއް މިދާއިރާއިން ހޯދާފައިވާކަން ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ ޑޮކްޓަރުންގެ ނިންމުންތަކާއި ނަރުހުންގެ އަޅާލުމާއެކު ދެވޭ ހިތްވަރަކީ މައިންބަފައިންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުންކަމަށެވެ.

ކޮންމެ ތަނެއްގައި އުފަންވާ ކުއްޖަކަށްވެސް އެކުއްޖާއަށް ބޭނުންވާ ފުރިހަމަ ސިއްޙީ ޚިދުމަތާއި ރައްކާތެރިކަން ލިބިދޭންޖެހޭކަން ފާހަގަކުރައްވާ ފަސްޓް ލޭޑީ ވިދާޅުވީ އެ ޚިދުމަތްތައް ފޯރުކޮށްދެވޭނީ އެކަމަށް ބޭނުންވާ ސިއްޙީ ސާމާނުގެ އިތުރުން އެކަމަށް ތަމްރީންވެފައިތިބި ސިއްޙީ ޚިދުމަތްތެރިންވެސް ލިބިގެންކަމަށެވެ. އެހެންކަމުން އެ ދާއިރާއަށް ޚާއްސަ ފެސިލިޓީއާއި ޒަމާނީ އިކުއިޕްމަންޓްތަކާއި، މެޑިކަލް ޓެކްނޮލޮޖީތައް ހޯދުމަށް އިންވެސްޓްކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެ ސާމާނުތައް ހޯދުމުގެ އިތުރަށް އެދާއިރާއަށް ޚާއްސަ މީހުން ބިނާކުރުމަކީ މުހިއްމުކަމެއްގެ ގޮތުގައި އެކަމަނީ ފާހަގަކުރެއްވިއެވެ.

"ހަމައެކަނި ޓެކްނޮލޮޖީ ފުރާނައެއް ސަލާމަތް ނުކުރެވޭނެ. މެޝިނަކުން ހިތުގެ ވިންދު މޮނިޓަރ ކުރެވޭ ނަމަވެސް ހިތުގެ ތެޅުން އަހަރެމެންނަށް ކިޔައިދޭ އެއްޗެއް އިނގުމަށް ތަމްރީން ލިބިފައިވާ މީހުން ބޭނުންވާނެ." ރައީސުލްޖުމްހޫރިއްޔާގެ އިނބިކަނބަލުން ވިދާޅުވިއެވެ.

ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ ނިއުނޯނޭޓަލްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަބަދުވެސް ތަމްރީންތައް ބޭނުންވާކަމަށާއި އެކަމަށް ޚާއްސަ ތަޢުލީމާއި، މެންޓަރޝިޕްގެ އިތުރުން ސިއްޙީ ޚިދުމަތްތެރިންނަށް އެކަކު އަނެކަކުގެ ކިބައިން ދަސްކުރުމުގެ ފުރުޞަތުތައް ބޭނުންވާކަމަށެވެ. ފަސްޓް ލޭޑީ ސާޖިދާ ވަނީ ނިއޯކެރ ކޮންފަރެންސްއިން ލިބިދޭ ފިލާވަޅުތައް ޚިދުމަތް ދޯރުކޮށްދިނުމުގައި ބޭނުންކުރުމަށާއި އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެ މަޢޫލޫމާތުތައް ހިއްސާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެކި ޞިއްޙީ މަރުކަޒުތަކުގެ ބައިވެރިން މިއަހަރު އެއްވެ ތަޖުރިބާ ހިއްސާކުރުމަކީ ދާއިރާގެ ކުރިއެރުމަށް ލިބޭ ބޮޑު ބާރާކަށް ވެގެންދާނެކަމަށްވެސް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާ ވަނީ ކުރިއަށް އޮތްތަނުގައި ނިއޯކެއާގެ ޚިދުމަތް ޤައުމީ ފެންވަރުގައި ކުރިއަރާދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ދިމާވާ ގޮންޖެހުންތައް ދެނެގަނެ ނިންމުތައް ނިންމާއިރު ޚިދުމަތްދޭ ފާރާތްތަކުން ލިއްބައިދޭ މަޢުލޫމާތުތަކުގެ މައްޗަށް ވެސް ބެލުމަށް އިލްތިމާސްކުރެއްވިއެވެ. އެކަމަނާ ވަނީ މިއަދު އުފަންވާ ކުދިންގެ އިތުރުން މާދަމާ އުފަންވާނެ ކޮންމެ ކުއްޖަކަށްވެސް ފުރިހަމަ ފަރުވާ ކަށަވަރުކޮށްދިނުމަށް ޢަޒުމް ކަނޑައަޅަންޖެހޭކަންވެސް ފާހަގަކުރައްވާފައެވެ.

"ނިއޯކެއަރ ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ "މިއޯކެއަރ އަދި އެންއައިސީޔޫ ނިއުސް ބްލެޓިން އިފްތިތާހްކޮށްފައެވެ.