ޖަރުމަނުވިލާތުގައި ކުރިއަށްދިޔަ ފީބާ ވިމެންސް ބާސްކެޓްބޯލް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އެމެރިކާއިން ހޯދާ މިމުބާރާތުގެ ތަށި ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން އެމެރިކާއިން ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ފަރަންސޭސިވިތާއި ބައްދަލުކޮށް 97 ޕޮއިންޓް 79 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފެށުން ރަނގަޅުވީ ފަރަންސޭސި ޓީމުގެއެވެ. މިގޮތުން ފުރަތަމަ ކުއާޓަރގައި ފަރަންސޭސީީން 20 ޕޮއިންޓް ހޯދިއިރު އެމެރިކާއަށް ހޯދުނީ 17 ޕޮއިންޓެވެ. އަދި ދެވަނަ ކުއާޓަރގައި އެމެރިކާއިން 26 ޕޮއިންޓް ހޯދިއިރު ފަރަންސޭސީންވަނީ 25 ޕޮއިންޓް ހޯދައިފައެވެ. މިއާއެކު ހާފް ޓައިމް ވީއިރު ފަރަންސޭސީން އޮތީ މިފައިނަލްގައި 2 ޕޮއިންޓްގެ ލީޑެއްގައެވެ. މިމެޗުގައި އެމެރިކާއިން އެޓީމުގެ ތަފާތު ދައްކާލައިފާވަނީ ތިންވަނަ ކުއާޓަރގައެވެ. މިގޮތުން މިކުއާޓަރގައި އެޓީމުން 30 ޕޮއިންޓް ހޯދިރު ފަރަންސޭސީންނަށް ހޯދުނީ 12 ޕޮއިންޓެވެ. އަދި ފަހު ކުއާޓަރގައި އެމެރިކާއިން 24 ޕޮއިންޓް ހޯދިއިރު ފަރަންސޭސީންނަށް ހޯދުނީ 22 ޕޮއިންޓެވެ. މިއާއެކު އެމެރިކާއިން ޖެހިޖެހިގެން 5 ވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވަނީ ފައިނަލް މެޗު 18 ޕޮއިންޓްގެ ލީޑެއްގައި އޮވެ ނިންމާލައިގެންނެވެ.
މިމެޗުގައި އެމެރިކާ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓު ހޯދައިދީ 10 ރީބައުންޑް ނަގާ 4 އެސިސްޓް ކޮށްދިން ބްރެއާނާ ސްޓެވާޓްއެވެ. މީގެއިތުރުން ޖެކީ ޔަންގ ވަނީ 18 ޕޮއިންޓް ހޯދައިފީ 5 ރީބައުންޑް ނަގާ 4 އެސިސްޓް ކޮށްފައެވެ. މިމެޗުގައި ފަރަންސޭސިވިލާތުގެ ޓީމަށް ބަލާލާއިރު އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 21 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް ނަގައިދިން ޑޮމިނީކް މަލޮންގާ އާއި 20 ޕޮއިންޓް ހޯދައިދިން ގެބީ ވިލިއަމްސްއެވެ.
މިމުބާރާތުގެ ތިންވަނަ މަގާމް މުބާރާތް ބޭއްވި ޤައުމު ޖަރުމަނުވިލާތް ބަލިކޮށް ހޯދާފައިވަނީ ސްޕެއިންއެވެ. އެއީ 81 ޕޮއިންޓް 58 ޕޮއިންޓުން ތިންވަނަ ހޮވި މެޗު ކާމިޔާބު ކޮށްގެންނެވެ.