ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން މިއަދުވެސް ގޯސްވާނެކަމަށާއި، ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށްއޮތް 2 ދުވަހުވެސް އާންމުކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.
ކުރިއަށްއޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި، ހުޅަނގު އުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެ އިދާރާއިން ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެެވެ. އަދި އެހެން ހިސާބުތަކަށް ކަނޑުތައް ގަދަވާނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި 5-3 ހުންނާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިނުގައި 7-4 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، މޫސުން އަލިވާން ފަށާނެކަމަށް ބެލެވެނީ ހޯމަ ދުވަހުން ފެށިގެންކަމަށެވެ. އެހެންނަމަވެސް ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމުން ހޯމައިގެ ފަހުންވެސް ބައެއް ހިސާބުތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.
ކުރިއަށްއޮތް 2 ދުުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުންވެސް، ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.