ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލީހުގެ 49 މަޤަމާކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި 124 ކެންޑިޑޭޓުން ކުރިމަތިލައިފިއެވެ.
އެ ޕާޓީން ވަނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހު އާންމުކޮށްފައެވެ. އެންމެ ގިނަ ބަޔަކު ކުރިމަތިލާފައިވަނީ މަތީ މަޖިލީހުގެ އާންމު މެންބަރުންގެ މަޤާމަށެވެ.
ޕީއެންސީގެ މަތީ މަޖިލީހުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލީ މި މަހުގެ 1 އިން 8 އާ ހަމައަށެވެ. އެ މުއްދަތުގައި 49 މަޤާމަށް 124 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން ވިދާޅުވެއެވެ.
އެ ޕާޓީން ނެރެފައިވާ ކެންޑިޑޭޓުންގެ ލިސްޓުން ދައްކާގޮތުގައި ޕާޓީގެ ނައިބުރައީސްގެ މަޤާމަށް 6 ބޭފުޅަކު އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު އެ މަޤާމަށް 8 ބޭފުޅުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރޭގައި 3 ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ 3 މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނުގެ އިތުރުން އެލްޖީއޭގެ ސީއީއޯ ހިމެނިވަޑައިގަންނަވައެވެ.
ޕީއެންސީގެ މަތީ މަޖިލީހުގައި އަންހެން މެންބަރުން ތަމްސީލްކުރުމަށް 10 މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު އެ މަޤާމުތަކަށް 22 ކެންޑިޑޭޓުން ކުރިމަތިލައެވެ. އަދި ޒުވާނުން ތަމްސީލުކުރާ 7 މެންބަރުންގެ މަޤާމަށް 13 ކެންޑިޑޭޓުން ވާދަކުރާއިރު އާންމު މެންބަރުންގެ 18 މަޤާމަށް 73 ކެންޑިޑޭޓުން ވާދަކުރެއެވެ.
މި އިންތިޚާބުގައި 8 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް އެއް ކެންޑިޑޭޓުންނެވެ. އެއީ އަންހެނުންގެ ހަރަކާތުގެ 4 މަޤާމާއި ޒުވާނުންގެ ހަރަކާތުގެ 4 މަޤާމެވެ.
އަންހެނުންގެ ހަރަކާތުގެ ރައީސްގެ މަޤާމަށް ކުރިމަތިލެއްވީ ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދެވެ. އެ ހަރަކާތުގެ ނައިބު ރައީސްގެ މަޤާމަށް އާމިނަތު ހުސައިން ޝަރީފް ކުރިމަތިލިއިރު ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އާމިނަތު ނާސިހާ އަދި ހަޒާންދާރުގެ މަޤާމަށް އާމިނަތު ޝިޒުމީން ވަނީ ކުރިމަތިލާފައެވެ.
ޒުވާނުންގެ ހަރަކާތުގެ ރައީސްގެ މަޤާމަށް ކުރިމަތިލީ އިބްރާހިމް އަބާން ލަތީފެވެ. އެ ހަރަކާތުގެ ނައިބު ރައީސްގެ މަޤާމަށް ހަސަން ޝަހީދު ކުރިމަތިލިއިރު ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އިސްމާއިލް އަޒްމީ އަދި ހަޒާންދާރުގެ މަޤާމަށް މުޙައްމަދު ރިފާޢު ވަނީ ކުރިމަތިލާފައެވެ.
މި މަޤާމުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓަކުން ނަން އަނބުރާ ގެންދަން ބޭނުންވާނަމަ މި މަހުގެ 15ވަނަ ދުވަހުގެ ރޭ 12:00 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ޕީއެންސީން ބުނެއެވެ.