ސިޔާސީ

ޕީޕީއެމް "އަސްލު" ޖަލްސާ ބާއްވައިފި


23:58 - ޕީޕީއެމްގެ 5 ވަނަ އަހަރީދުވަސް ފާހަގަކުރުމުގެގޮތުން މިރޭ "އަސްލު" ޖަލްސާގެ ނަމުގައި ކުރިއަށްގެންދިޔަ ޚާއްސަ ޖަލްސާ ނިންމާލައިފި. 

23:57 - ޢަލީ އާރިފްގެ ވާހަކަފުޅު ނިންމަވާލައްވައިފި. 

23:55 - އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ތެރޭގައި ތިބީ އެއްބައެއްގެގޮތުގައި މަސައްކަތް ކުރެވޭވަރަށްވުރެ ވިސްނުމާއި ފިކުރު ތަފާތުބައެއް - ޢަލީ އާރިފް img:http://s1.psmnews.mv/images/660x400/14782861838878.jpg|ޕީޕީއެމްގެ "އަސްލު ޖަލްސާ" ގެ ތެރެއިން ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

23:53 - މިހާރު ވާހަކަފުޅުދައްކަވަނީ ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް. 

23:51 - ސަޢުދު ޙުސައިންގެ ވާހަކަފުޅު ނިންމަވާލައްވައިފި. 

23:49 - ރައީސް ޔާމީނާއެކު ފެނިގެން މިދަނީ، ޕީޕީއެމް ރޫލިން ޕާޓީއެއްގެ ދައުރު އަދާކުރާ މަންޒަރު. ވިލިނގިލީދާއިރާގެ ރައްޔިތުން އަބަދުވެސް ތިބޭނީ ރައީސް ޔާމީންގެ ފަހަތްޕުޅުގަ - ސައުދު

23:47 - ރައީސް މައުމޫނު، ޕީޕީއެމްއާ އެކު މަސައްކަތް ކުރުމަށް ސަޢުދު ގޮވާލެއްވި.

23:46 - އަސާސީ ޚިދުމަތްތަކައި، ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުރިހަމަކޮށްދެއްވުމަށްޓަކައި، ރައީސް ޔާމީންގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކީ ސުވާލެއް އުފެއްދޭނެ ކަންކަމެއްނޫންކަމަށާ، އަތޮޅުތެރޭގެ ދާއިރާގެ ތަރައްޤީއަށް މިހާބޮޑު ކުރިއެރުމެއް ގެނެސްދެއްވި ސަރުކާރެއްނެތްކަމަށް ސަޢުދު ވިދާޅުވި. 

23:44 - މިހާރު ވާހަކަފުޅުދައްކަވަނީ ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން. 

img:http://s3.psmnews.mv/images/660x400/14782847127267.jpg|ޕީޕީއެމްގެ "އަސްލު ޖަލްސާ" ގެ ތެރެއިން ޕީޕީއެމްގެ ޕާލިމެންޓްރީ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު - ފޮޓޯ: ޕީއެސްއެމް

23:39 - ނިހާން ގެ ވާހަކަފުޅު ނިންމަވާލައްވައިފި. ރައީސްޔާމީނާއެކު، މަސައްކަތްޕުޅު ކުރެއްވުމަށް އަލުން ވަޑައިގަތުމަށް ޕީޕީއެމްގެ ރައީސް މައުމޫނަށް ގޮވާލެއްވި. 

23:36 - ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުންގެ ތެރެއިން، ޚިޔާލުތަފާތުވެގެން ސަރުކާރަށް ފާޑުވިދާޅުވާ މެމްބަރުންގެ ދާއިރާތަކުގައި މިސަރުކާރުން ބިޔަ މަޝްރޫއުތަކެއް ހިންގަވާފައިވާކަމަށާ، މިއަދު އެބޭފުޅުން ސަރުކާރާ ދުރަށް ވަޑައިގަންނަވަން ޖެހުނީ ކީއްވެގެންތޯ ސުވާލު އުފެދޭކަމަށް ނިހާން ވިދާޅުވި. އަދި އެބޭފުޅުންގެ ދާއިރާތަކުގެ ރައްޔިތުންވެސް މިސުވާލު އުފެއްދުމަށް ނިހާން ގޮވާލެއްވި.. 

23:35 - ރައީސް ޔާމީންގެ ވެރިކަމުގައި މިހާތަނަށް ނިންމަވާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ތަފްސީލް ވިދާޅުވުމަށްފަހު ނިހާން ވިދާޅުވީ، މިއީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ދިވެހިރައްޔިތުން ތިބެންޖެހޭ ސަބަބުކަމަށް. 

23:28 - އިސްލާމީ ޤައުމެއްގެ ވެރިއެއްގެ ކިބައިން ފެންނާނެ އެންމެ ފުރިހަމަ ނަމޫނާ ފެނިގެންދިޔަ ރާއްޖޭގެ ފުރަތަމަ ރައީސަކީ ރައީސް ޔާމީން - ނިހާން

23:23 - މިހާރު ވާހަކަފުޅުދައްކަވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިހާން ޙުސައިންމަނިކު.

img:http://s1.psmnews.mv/images/660x400/14782836605471.jpg|ޕީޕީއެމްގެ "އަސްލު ޖަލްސާ" ގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

23:19 - ސިޔާސީގޮތުން ކަމެއް ދިމާވާއިރަށް، ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމާއި، ސިޔާސީ ޕާޓީތައް ޙިޞާރުކޮށްގެން އުޅުމާއި، މިފަދަ ކަންކަމަކީ މިއަދު އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަންކަމެއްނޫން - ޑީއާރުޕީގެ ލީޑަރު

23:18 - 2018 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށް އަޅުގަނޑުމެން އެމަސައްކަތް ކުރާނަން - ޑީއާރުޕީގެ ލީޑަރު

img:http://s1.psmnews.mv/images/660x400/14782843009968.jpg|ޕީޕީއެމްގެ "އަސްލު ޖަލްސާ" ގެ ތެރެއިން ޑީއާރުޕީގެ ލީޑަރު މުޙައްމަދު ނަޝީދު - ފޮޓޯ: ޕީއެސްއެމް

23:15 - ރައީސް މައުމޫނަށް އަޅުގަނޑު ދަންނަވާލާނީ، މަނިކުފާނު އެބައެއްގެ ގާތަށް ތިޔަ ވަޑައިގަންނަވާ މީހުން މަނިކުފާނަކަށް ހެވެއް ނޭދޭނެއޭ، އަޅުގަނޑުމެންނާއެކު އަސްލު މަސައްކަތަށް ރުޖޫޢަވެވަޑައިގަންނަވާށޭ - ޑީއާރުޕީގެ ލީޑަރު

23:14 - މިއަދު އަޅުގަނޑުމެންނަކަށް ނެތް، ރާއްޖެ ހަލަބޮލިކަމުގެތެރެއަށް ވައްޓާލެވޭކަށް - ޑީއާރުޕީގެ ލީޑަރު

23:13 - މިޙާރު ވާހަކަފުޅުދައްކަވަނީ ޑީއާރުޕީގެ ލީޑަރު ، މުޙަންމަދު ނަޝީދު 

23:10 - ރައީސް ޔާމީންގެ ވާހަކަފުޅު ނިންމަވާލައްވައިފި. 

23:09 - ޕީޕީއެމްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، އެޕާޓީގެ އެންމެހާ މެމްބަރުން ރައީސް ޔާމީންގެ ފަހަތްޕުޅުގައި ކެތްތެރިކަމާއި ސާބިތުކަމާއެކު ތިބުމަށް އެމަނިކުފާނު ގޮވާލައްވައިފި. 

23:07 - ޕާޓީގެ ޢާއްމުމެމްބަރުންނާއި، ކައުންސިލް މެމްބަރުންނާއި، އެންމެހާ ބޭފުޅުންނަށް އަޅުގަނޑު ގޮވާލާނީ ޕާޓީގެ އުސޫލުތައް ހިފަހައްޓަން - ރައީސް ޔާމީން

23:04 - މިޕާޓީއަކީ ވަކި ބޭފުޅެއްގެ ހިޔަނީގައި އެނބުރޭ ޕާޓީއަކަށް ވެގެންނުވާނެ. މިއީ ރައީސް ޔާމީންގެ ފަހަތުން އެނބުރޭ ޕާޓީއަކަށްވެސް ވެގެން ނުވާނެ - ރައީސް ޔާމީން

23:02 - ޕީޕީއެމްގެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅުއްވި ދެ މެމްބަރުންނަކީ، ދެޙާޖީންނާއި ދަންޑަހެލުގެ ގޮތުގައި ރައީސް ޔާމީން ސިފަކުރައްވައިފި. 

img:http://s1.psmnews.mv/images/660x400/14782823445848.jpg|އަސްލު ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

22:59 - އެކަކު އަނެކަކުގެ ގަޔަށް ސިޔާސީ ޚަންޖަރު ހަރަމުންދިޔަ އެންމެން މިހާރުވަނީ އެއްދަލެއްގައި ބަންދުވެފަ - ރައީސް ޔާމީން

22:58 - އަޅުގަނޑުމެންގެ ސިޔާސީ ވިސްނުމަކަށް ބަދަލެއްނާދޭ. އަޅުގަނޑުމެންގެ އަމާޒަކަށް ބަދަލެއްނާދޭ. މިރޭގެ ޖަލްސާ އަސްލު ޖަލްސާއެއްގެ ގޮތުގައި މިފެންނަ ސަބަބަކީއެއީ - ރައީސް ޔާމީން

22:55 - ކުރިން އަޅުގަނޑު ދެންނެވިން 94000 ވަޒީފާ އުފެދޭނޭ. ނޫން، އެއަށްވުރެ މާގިނަ ވަޒީފާ އުފެދޭނެ. ރާއްޖޭގެ ތަރައްޤީގެ އާ މަޝްރޫޢުތަކާއި، މަސައްކަތްތައް މިހާރު ކުރިއަށްދާގޮތުން މާގިނަ ވަޒީފާ އުފެދޭނެ. - ރައީސް ޔާމީން 

22:51 - ޒުވާނުންނަށް ބޭނުންވާކަންކަން ކުރުން، މިހާރު ޢާއްމުވެގެންމިދަނީ ޒުވާނުންނަކީ މިސަރުކާރަށް މުހިންމު ބަޔަކަށްވާތީ - ރައީސް ޔާމީން

22:50 - ރާއްޖޭގެ ރަށްރަށް އަމާންވެގެން ނޫނީ ތަރައްޤީ ހާސިލެއް ނުވާނެ - ރައީސް ޔާމީން

img:http://s3.psmnews.mv/images/660x400/14782817076813.jpg|

22:44 - ޕީޕީއެމް މައްސަލާގައި ޕީޕީއެމްގެ މެމްބަރަކު ކޯޓަށް ދިޔައީ ޕާޓީގެ ރައީސް ގޮވައިގެނެއްނޫން. ޕާޓީ ހުއްޓިފައިއޮތް ހުއްޓުން ނިމުމަކަށް ގެންނަން. އެމައްސަލަ ކޯޓަށް ވެއްދި ދެ މެމްބަރުންނަށް ޝުކުރުދަންނަވަން - ރައީސް ޔާމީން

22:40 - ޕީޕީއެމްގެ 5 ވަނަ އަހަރީދުވަހުގެ މުނާސަބަތުގައި ޕީޕީއެމްގެ ލޮބުވެތި ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް ތަހުނިޔާ ދަންނަވަން - ރައީސް ޔާމީން

22:38 - މިހާރު، ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމު ވާހަކަފުޅުދައްކަވަނީ. 

22:30 - އެކި ދާއިރާތަކުން ޕީޕީއެމްއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންނާ، ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން، ބައްދަލުކުރައްވައި ސަލާމްކުރައްވަމުން އެބަގެންދަވާ. 

22:26 - މިހާރު ކުރިއަށްދަނީ ޕީޕީއެމްއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުން ތަޢާރަފްކުރުން. 

img:http://s3.psmnews.mv/images/660x400/14782802126610.jpg|މިރޭގެ ޖަލްސާގައި ޢަބްދުއްރަޙީމް އަބްދު ﷲ ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

img:http://s2.psmnews.mv/images/660x400/14782796914880.jpg|މިރޭ ކުރިއަށްދާ "އަސްލު" ޖަލްސާގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

22:11 - ޖަލްސާގައި މިހާރު ދައްކަމުންދަނީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތްއިރު، ރާއްޖޭގެ ޙާލަތު އޮތްގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެކެވެ. އޭގައި ރައީސް ޔާމީންގެ ވެރިކަމުގައި ވޭތުވެދިޔަ ދުވަސްތަކުގައި ޤައުމަށް ގެންނެވި ބަދަލު ދައްކުވައިދެއެވެ. 

22:08 - ރައީސް ޔާމީނަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގެ "މެސީ" - އަބްދުއްރަޙީމް

22:05 - ޕީޕީއެމް އުފެއްދުމަށް ރައީސް މައުމޫނަށް ޚިޔާލު ދެއްވީ ރައީސް ޔާމީން، ޢުމަރު ނަސީރު، އޭރު ވިދާޅުވީ، އާޕާޓީއެއް އުފެއްދިޔަސް އެޕާޓީއަށް ވަންނާނެ ބަޔަކު ނުވާނެއޭ - އަބްދުއްރަޙީމް 

22:00 - ރައީސް މައުމޫނަށް ވަފާތެރީވެސް އިޚްލާސްތެރީވެސް އަޅުގަނޑުމެން. މިހާރު ބަޔަކު އުޅެނީ ރައީސް މައުމޫނަށް ކަންކަން އޮޅުވާލައިގެން. - އަބްދުއްރަޙީމް

21:58 - އަޅުގަނޑުމެންނަށް ލިބޭނީ ތޮށިގަނޑޭ ވިދާޅުވި ބޭފުޅުންނަށް ދަންނަވާލަން އޮތީ މިރޭގެ ޖަލްސާއަކީ، މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމޭ. މިއީތޯއޭ ތޮށިގަނޑަކީ. - އަބްދުއްރަހީމް

21:55 - މިހާރު ވާހަކަފުޅުދައްކަވަނީ، ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ . 

21:53 - ރައީސް އިރުޝާދު ދެއްވަނީ، މައްސަލަތަކަށް ޙައްލު ހޯދުމަށް އާގޮތްތައް ހޯދުމަށް، ތޮށިގަނޑު ފަޅާލާފައި ބޭރަށް ނުކުތުމަށް، ކުދިރަށްރަށުގައި ތިބި ދަރިވަރުންނަށްވެސް ޚިދުމަތް ދެވޭނެގޮތަކަށް ކަންކަން ރޭވުމަށް - ޑރ.ޢާއިޝަތު ޝިހާމް

21:50 - ޤައުމަށް މިއަދު ތަރައްޤީ ގެނެވޭނީ ތޮށިގަނޑު ފަޅާލާފައި ނުކުންނަން ކެރޭ ބޭފުޅަކަށް. ރައީސް ޔާމީނަކީ އެފަދަ ކެރޭ ހިތްވަރުގަދަ ޤާބިލް ލީޑަރެއް - ޑރ.ޢާއިޝަތު ޝިހާމް

21:46 - މިހާރު ވާހަކަފުޅުދައްކަވަނީ އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޝިހާމް. 

21:40 - މިހާރު ކުރިއަށްދަނީ ޚާއްސަ ވީޑިއޯ ލަވައެއް ދެއްކުން. މިއީ މިރޭގެ ޖަލްސާއަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ލަވައެއް. 

img:http://s2.psmnews.mv/images/660x400/14782777659272.jpg|ރައީސް ޔާމީން މިރޭގެ ޖަލްސާއަށް ވަޑައިގަންނަވަނީ - ފޮޓޯ: ޕީއެސްއެމް

21:37 - ޤައުމުގެ މުސްތަޤުބަލަށްޓަކައި، ޤައުމުގެ އިޤްތިޞާދު ހަރުދަނާކަންމަތީ ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ފުރިހަމަކުރުމަށްޓަކައި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން އިންތިޚާބުކުރަންޖެހޭ - މޫސާ ޒަމީރު

21:32 - ރާއްޖޭގައި މިހާތަނަށް އެއްބޭފުޅެއްގެ ތަޞައްވުރު, އެންމެ ކާމިޔާބު ބޭފުޅަކީ ރައީސް ޔާމީން - މޫސާ ޒަމީރު

21:31 - މިރޭގެ ޖަލްސާއަށް 12000 އަށްވުރެ ގިނަ މީހުން ވަނީ ޖަމާވެފައި - މޫސާ ޒަމީރު

21:29 - ޖަލްސާގައި އެންމެފުރަތަމަ ވާހަކަފުޅުދައްކަވަނީ، ޕީޕީއެމްގެ ނައިބުރައީސް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. 

img:http://s3.psmnews.mv/images/660x400/14782771671311.jpg|

21:24 - މިރޭގެ ޖަލްސާ ފެށުމުގެގޮތުން ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވެދެއްވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، އަލްޤާރީ އަޙްމަދު ރަޝީދު އަބްދުލްޤާދިރެވެ. 

21:21- ދިވެހިރާއްޖޭގެ އެންމެ މެމްބަރުން ގިނަ އަދި ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ބާއްވާ "އަސްލު ޕީޕީއެމް ޖަލްސާ" ފަށައިފިއެވެ. މިޖަލްސާގައި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާއި ޕީޕީއެމްގެ އިސްބޭފުޅުންނާއި ގިނަ އަދަދެއްގެ އާއްމު މެމްބަރުން ބައިވެރިވެއެވެ.