ޚަބަރު

އދ.ގެ ޢާންމު މަޖިލީހުގެ 81 ވަނަ ދައުރު ފަށައިފި


ބައިނަލްއަޤުވާމީ ގުޅުންތަކާއި ދުނިޔޭގެ ނިޒާމަށް އޮތް އިތުބާރު އަލުން ހޯދުމަކީ "މި ޒަމާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން" ކަމުގައި އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވީ، އދގެ ޢާންމު މަޖިލީހުގެ 81 ވަނަ ދައުރު ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައެވެ. މި ދައުރުގެ ޝިޢާރަކީ "އިތުބާރު އަލުން ހޯދުން، ބަދަލުތައް މެނޭޖުކުރުން: އެންމެންނަށް ނަތީޖާ ނެރެދޭ އދއެއް"، މިއެވެ. އދ ގެ ޢާންމު މަޖިލީހުގެ އައު ރައީސް ޚަލީލް އަލް-ރަޙްމާން ވެސް ވަނީ ބައިނަލްއަޤްވާމީ އެއްބާރުލުމާއި އިތުބާރު އައުކުރުމަށް ގޮވައިލައްވާފައެވެ.

ޢާންމު މަޖިލީހާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރަޙްމާނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ގުތެރޭޝް އެރުވިއެވެ. އަދި، ބައިނަލްއަޤުވާމީ ނިޒާމަށް އޮތް އިތުބާރު އަލުން ހޯދުމަކީ މެންބަރު ޤައުމުތަކުގެ އަސާސީ އިސްކަން ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. ހިނގަމުންދާ ހަނގުރާމަތަކާއި، ނިއުކްލިޔަރ ނުރައްކަލާއި، ފަގީރުކަމާއި، މޫސުމީ މައްސަލަތަކުގެ އިތުރުން ޤަވާޢިދެއް ނެތި ކުރިއަރަމުންދާ އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ބައިނަލްއަޤުވާމީ އިދާރާތަކަށް ބޮޑެތި ބުރަތަކެއް ކުރިމަތިވަމުންދާ ކަމުގައި ގުތެރޭޝް ފާހަގަކުރެއްވިއެވެ. މި ގޮތުން، އދ ގެ ސަލާމަތީ މަޖިލީހާއި ބައިނަލްއަޤުވާމީ މާލީ އިދާރާތަކަށް ހުރި ފިއްތުންތަކަށް ވެސް އޭނާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ޑިޕްލޮމެސީ ނުވަތަ ޚާރިޖީ މަޝްވަރާތައް އިސްކުރުމަށް ގޮވައިލައްވަމުން ގުތެރޭޝް ވިދާޅުވީ، "ޑިޕްލޮމެސީއާއި، މަޝްވަރާއާއި، ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން، މިއަދުގެ ސިޔާސީ މަސްރަޙުން ގެއްލިފައިވާ އިތުބާރާއި އިޚުލާޞްތެރިކަން އަލުން ބިނާކުރުމުގެ ޤާބިލުކަން މި މަޖިލީހަށް ލިބިގެންވޭ،" ކަމުގައެވެ. މީގެ އިތުރުން، ދުނިޔޭގެ ރައްޔިތުންނަށް މާ ރަނގަޅު، ދުޅަހެޔޮ، އަދި ޞުލްޙަވެރި މުސްތަޤުބަލެއް ކަށަވަރުކޮށްދިނުމުގެ ފުރުޞަތު ޢާންމު މަޖިލީހަށް އޮތް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފާއިތުވި އަށް ދަހަރު ދުވަހު އދ ދެމިއޮތުމަކީ އެ ޖަމުޢިއްޔާ އުފެދުނު އަސާސީ މަޤުޞަދު ހާސިލުވަމުންދާކަމުގެ ހެއްކެއް ކަމުގައި ރަޙްމާން ފާހަގަކުރެއްވިއެވެ. "ފާއިތުވި އަށް ދަހަރަށް ވުރެ ގިނަ ދުވަހު، ދުނިޔެ ތިންވަނަ ބޮޑު ހަނގުރާމައަކަށް ވެއްޓުނަނުދީ ސަލާމަތްކުރުމަށް އަޅުގަނޑުމެންގެ ޖަމުޢިއްޔާ ވަނީ އެހީތެރިވެދީފައި،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ އިދާރާތަކަށް އޮތް އިތުބާރު ކުޑަވަމުންދާ ކަމަށާއި، އެ ކަން ޙައްލުކުރަންޖެހެނީ މަޝްވަރާއާއި އައު އެއްބާރުލުމުގެ ތެރެއިން ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އދ އަށް އޮތް އިތުބާރު އައުކުރުމަށް މި ދައުރުގައި މަސައްކަތްތަކެއް ކުރެއްވުމަށް ވެސް ރަޙްމާން ވަޢުދުވެވަޑައިގެންނެވިއެވެ.