ޚަބަރު

ކުޅިވަރާއި ހަށިހެޔޮކަން، ދުޅަހެޔޮ އާބާދީއެއްގެ ބިންގާ


  • ސަރުކާރުގެ އަމާޒަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުން

  • އެތުލީޓުންގެ ލާބަޔާއި މަންފާއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިފަވޭ

  • ދާއިރާއިން ފަންނީ މީހުން ބިނާކުރުމަށް ސަރުކާރުން އިސްކަންދެއްވާ

ކޮންމެ ޤައުމެއްގެވެސް އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ އެންމެ މުހިންމު ބަހާއަކީ އެ ޤައުމެއްގެ ދުޅަހެޔޮ، ހަށިހެޔޮ ޒުވާން ޖީލެވެ. މި ހަށިހެޔޮކަން ލިބިގެންދަނީ ކުޅިވަރާއި ކަސްރަތު އެކުވެގެންނެވެ.

މި ދެކަމަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއްގެ ގޮތުގައި މަދު ބަޔަކަށް ގަބޫލުކުރެވުނުނަމަވެސް، ހަގީގަތުގައި މި ދެ ކަމަކީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި، ދުޅަހެޔޮ ޞިއްޙަތެއްގެ މައިގަނޑު ބިންގަލެވެ. މި ޙަޤީޤަތް ދަނެ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާ އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ސަރުކާރުން ދަނީ ގިނަގުނަ އަދި އަގުހުރި މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާއެވެ. މިގޮތުން، ރައްޔިތުންގެ މެދުގައި ކަސްރަތުކުރުމުގެ އާދަ އަށަގެންނެވުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ރަށްރަށުގައި ފިޓްނެސް ރެކްރިއޭޝަން ސެންޓަރުތަކާއި ޒަމާނީ އައުޓްޑޯ ޖިމްތައް ޤާއިމުކުރުމުގެ މަޝްރޫޢުތައް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.

މީގެ އިތުރުން ފުޓްބޯޅަ ދަނޑުތަކާއި، ފުޓްސަލް އަދި ވޮލީ ކޯޓުތައް ފަދަ ޒަމާނީ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ރަށްރަށުގައި ތަރައްޤީކުރެވެމުންދާ ދިއުމަކީ، ޒުވާނުން ނުބައި އާދަތަކާ ދުރުހެލިވެ، ހެޔޮ ގޮތުގައި ވަގުތު ހޭދަކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްވެސްމެއެވެ.

ހަމައެކަނި ވި ވަސީލަތްތައް ޤާއިމުކުރުމަކުން ނުފުދޭއިރު، މި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ އެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުންވެސް ބިނާކުރެވިގެންނެވެ. ސަރުކާރުން ދަނީ ކުޅިވަރުގެ އެކި ދާއިރާތަކުން ކޯޗުންނާއި، ރެފްރީން އަދި އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް މެދުކެނޑުމެއްނެތި ހިންގަމުންނެވެ. މީގެ ސަބަބުން ރާއްޖޭގެ ކުޅިވަރުގެ ފެންވަރު މަތިވެ، ބައިނަލްއަޤްވާމީ މައިދާނުގައި ވާދަކުރެވޭނެ ފަދަ ފަންނީ ޤާބިލުކަން ދަނީ އިތުރުވަމުންކަމާމެދަކު ޝައްކެތްނެތެވެ.

މި ހުރިހާ މަސައްކަތްތަކުގެ ތެރެއިންވެސް، ކުޅިވަރުގެ ހުނަރުވެރި އެތުލީޓުން ކުރިއެރުވުމަށް ސަރުކާރުން ތަޢާރަފުކޮށްފައިވާ "އަރުތަ" ޕްރޮގްރާމަކީ ފާހަގަކޮށްލަންޖެހޭ މުހިންމު ފިޔަވަޅެކެވެ. ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގެ ޤާބިލުކަން ހުރި ހުނަރުވެރި އެތުލީޓުން ދެނެގަނެ، އެ ފަރާތްތަކަށް މާލީ އެހީތެރިކަމާއި، މަތީ ފެންވަރުގެ ތަމްރީނުތައް ފޯރުކޮށްދިނުމަށް މި ޕްރޮގްރާމް މިހާރު ވަނީ ހުޅުވާލާފައެވެ. "އަރުތަ" ޕްރޮގްރާމުގެ ސަބަބުން، ހުނަރު ހުރި އެތައް ޒުވާނުންނަކަށް އެމީހުންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ކުޅިވަރުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީވެސް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ. މިގޮތުން، ބައިނަލްއަޤްވާމީ ފެންވަރުގެ ކޯޗިންގ ކޯސްތަކަށާއި މެނޭޖްމަންޓް ދާއިރާތަކަށް މީހުން ފޮނުވައިގެން ތަމްރީނުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ޚާއްޞަކޮށް، ޒަމާނީ ކުޅިވަރުގައި ކޮންމެހެން ބޭނުންތެރި ދާއިރާއެއް ކަމަށްވާ "ސްޕޯޓްސް މެޑިސިން" އަދި "ސްޕޯޓްސް ފިޒިއޮތެރަޕީ" ފަދަ މެޑިކަލް ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

އެތުލީޓުންނަށް ލިބޭ އަނިޔާތަކުން އަވަހަށް ރަނގަޅުވުމަށާއި، އަނިޔާއިން ރައްކާތެރިވުމަށް ބޭނުންވާ ފަންނީ މެޑިކަލް މީހުން ބިނާކުރުމަކީ ކުޅުންތެރިންގެ ކެރިއަރު ދިގުދެމިގެން ދިއުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހި ކުޅުންތެރިންނަށް އެންމެ އެދެވޭ ނަތީޖާ ނެރެދިނުމަށް މިއީ އެޅިގެންދާ ވަރަށް މުހިންމު ބިންގަލެކެވެ.

ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ސަރުކާރުން ކުރަމުންދާ މި މަސައްކަތްތަކަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އަގުހުރި އިންވެސްޓްމަންޓެކެވެ. ރަށްރަށުގައި ޤާއިމުކުރެވޭ ވަސީލަތްތަކާއި، ފަންނީ މީހުން ބިނާކުރުމާއި، އެތުލީޓުންނަށް ދެވޭ ޚާއްޞަ އެހީތެރިކަމުގެ ސަބަބުން، ދިވެހިރާއްޖޭގައި ކުޅިވަރުގެ އައު ޒަމާނެއް ފެށި، ދުޅަހެޔޮ، ހުނަރުވެރި ޖީލެއް ބިނާވެގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.