އިންޑޮނޭޝިޔާގެ އަނަކް ކްރަކަތައޮ އަލިފާން ފަރުބަދަ ގޮވައި، ވެރިރަށް ޖަކާޓާގެ ވައިގެ ސަރަޙައްދަށް ދުމާއި އަޅި ފެތުރުމުން، ޖަކާޓާގެ ބޭރުގައި އޮންނަ ސުކަރްނޯ-ހައްތާ އިންޓަނޭޝަނަލް އެއާޕޯޓުގެ އުދުހުންތައް މެދުކަނޑާލައިފިއެވެ. އެ އެއާޕޯޓުން ބުނީ، 150 ކިލޯމީޓަރަށް ވުރެ ދުރުގައި ހުރި އެ އަލިފާން ފަރުބަދައިގެ ހަރަކާތްތައް އިތުރުވުމުން، ސެޕްޓެންބަރު 6 ވަނަ ދުވަހުގެ މެންދުރުފަހު 1:30 އާ ހަމައަށް ވައިގެ އުދުހުންތައް މެދުކަނޑައިލާފައިވާ ކަމުގައެވެ. މީގެ ކުރިން ހެނދުނު 5:30 އާ ހަމައަށް ދަތުރުތައް މެދުކަނޑައިލުމުން 33 ދަތުރަކަށް އަސަރުކުރިއެވެ. އޭގެ ތެރޭގައި ބައިނަލްއަޤުވާމީ އެއާލައިންތަކުގެ 16 އުދުހުމެއް ކެންސަލްވުމާއި ހަތް ދަތުރެއް ފަސްވުން ހިމެނޭ ކަމަށް އެ ޤައުމުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުންޏެވެ.
ސިވިލް އޭވިއޭޝަންގެ ޑިރެކްޓަރ ޖެނެރަލް ލުޤްމާން އެފް ލައިސާ ވިދާޅުވީ، ވައިގެ އުދުހުންތައް މެދުކަނޑައިލާފައިވާ މުއްދަތު އިތުރުކުރީ ދަންވަރު ހެދި ޓެސްޓަކުން އެއާޕޯޓުގެ ސަރަޙައްދުގެ ވައިގެ ތެރޭޭގައި އަޅި ހުރިކަން ކަށަވަރުވުމުން ކަމުގައެވެ. އަދި، އުދުހުންތަކާ ގުޅޭ ކޮންމެ ނިންމުމެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ސަލާމަތާއި ރައްކާތެރިކަމަށް ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޙާލަތު ބަލަމުންދާނެ ކަމުގައި ވެސް ވިދާޅުވިއެވެ. މި ޙާލަތާ ގުޅިގެން ސިންގަޕޯ އެއާލައިންސްއިން ވަނީ ހޮނިހިރު ދުވަހުގެ ދެ ދަތުރު ކެންސަލްކޮށް، އިތުރު ދެ ދަތުރު އާދީއްތަ ދުވަހަށް ފަސްކޮށްފައެވެ.
ހުކުރު ދުވަހުގެ ފަހުކޮޅު ގޮވަން ފެށި އަނަކް ކްރަކަތައޮ އިން ދިޔާ އަލިފާން ފައިބަމުންދާއިރު، އަލިފާން ފަރުބަދަ ގޮވި އަޑުފަށްގަނޑު 700 ކިލޯމީޓަރު ދުރަށް އިވުނު ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އަދި، ސެޕްޓެންބަރު 6 ވަނަ ދުވަހު އެ އަލިފާން ފަރުބަދަ އިތުރު ދެ ފަހަރެއްގެ މަތިން ގޮވާފައިވާ ކަމުގައި ވެސް އެ އިދާރާއިން އިންޒާރު ދިނެވެ. މި ފަރުބަދައިގެ އަޅީގެ ވިލާގަނޑު 15،000 މީޓަރާ ހަމައަށް އުފުލުނު ނަމަވެސް، ސުނާމީގެ ނުރައްކަލެއް ވަގުތުން ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ ކަމަށް އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުންޏެވެ.
އަނަކް ކްރަކަތައޮ އުފެދުނީ 1883 ވަނަ އަހަރު ކްރަކަތޯއާ ގޮވުމަށްފަހު، 1920 ގެ އަހަރުތަކުގެ ތެރޭގައެވެ. މި ފަރުބަދަ 2018 ވަނަ އަހަރު ގޮވައި، ބައެއް ވެއްޓި އުފެދުނު ސުނާމީގައި 400 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. މި އަލިފާން ފަރުބަދަ އަލުން ގޮވަން ފެށުމަކީ، އެ ސަރަޙައްދުން ދަތުރުކުރާ މަތިންދާބޯޓުތަކުގެ އިންޖީނުތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ.