ޚަބަރު

ބޯހިޔާވަހިކަން: މިހާތަނަށް 36 ރަށެއްގެ މަޝްރޫޢު ހަވާލުކުރެވިފައި


  • 36 ރަށުގައި 6،363 ހައުސިން ޔުނިޓު އަޅާނެ

  • 54 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ދަނީ ކުރިއަށް

އަތޮޅުތަކުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މި ސަރުކާރު އައިފަހުން 36 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގޮދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މީގެތެރޭގައި ފްލެޓު ތަރައްޤީ ކުރުމަށް ރޯހައުސްގެ މަސައްކަތްތައް ކުރިއަށްގެންދާ ރަށްތައް ހިމެނެއެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއިން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިމާރާތް ކުރުމާއި ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ކުރިން ފަށާފައިވާ މަޝްރޫޢުތަކާއިއެކު މިވަގުތު ރާއްޖޭގެ 54 ރަށެއްގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ. އެއީ، ޖުމުލަ 8،588 ހައުސިން ޔުނިޓުގެ މަސައްކަތެވެ.

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި ފްލެޓް އެޅުމާއި، ރޯހައުސް އަދި މާލީ ދަތިކަމުގެ ސަބަބުން އަމިއްލަ ބިންތަކުގައި ގެދޮރު އަޅަން ދަތިވެފައިވާ މީހުންނަށް ސަރުކާރުގެ މަޝްރޫޢުތަކުގެ ތެރެއިން ގެ އިމާރާތްކޮށްދިނުމުގެ މަޝްރޫޢުތައް ހިމެނެއެވެ.

ނާޒިމް ވިދާޅުވީ، މީގެތެރެއިން ގިނަ މަޝްރޫޢުތަކަކީ މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ކަމަށެވެ.

"ރާއްޖޭގެ އެކި ރަށްތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެށިގެން މިހާރު ކުރިއަށްދޭ. އެގޮތުން މި ސަރުކާރުން 36 ރަށެއްގައި އަލަށް ބޯހިޔާވަހިކަމުގެ މަޝްރޫޢު ވަނީ ފަށާފައި. އެއީ، 6،363 ހައުސިން ޔުނިޓުގެ މަސައްކަތް." ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ކުރީ ސަރުކާރުތަކުގައި ހަވާލުކޮށްފައިވާ 2،250 ހައުސިން ޔުނިޓުގެ މަސައްކަތާއެކު ޖުމުލަ 8،588 ހައުސިން ޔުނިޓުގެ މަސައްކަތް މިވަގުތު އަތޮޅުތަކުގައި އަންނަނީ ކުރަމުންނެވެ.

"އަޅުގަނޑުމެން ޤަބޫލުކުރަނީ މި 5 އަހަރު ނިމޭއިރު މި ހުރިހާ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ނިމޭނެކަމަށް. ހުއްޓުމެއްނެތި މަސައްކަތްތައް ކުރިއަށް ގެންގޮސް ހަވާލުކުރާނަން." ނާޒިމް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގައި ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ 57 ރަށާއި، އެރަށްތަކުގައި އަޅާނެ ހައުސިން ޔުނިޓުގެ އަދަދުތައްވެސް އިޢުލާނުކޮށްފައެވެ. އެއީ، 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ގިނަ ރަށްތަކަށް ވަނީ، ކޮންޓްރެކްޓަރުން ހަމަޖައްސާފައެވެ. އަދި އެކި މަރުހަލާތަކުގައި ދަނީ މަސައްކަތްތައް ކުރަމުންނެވެ.

އިޢުލާންކޮށްފައިވާ ރަށްރަށުގެ ތެރެއިން 100 އިން ދަށުން ހައުސިން ޔުނިޓު އަޅަނީ، 20 ރަށެއްގައެވެ. މީގެއިތުރުން 12 ރަށެއްގައި 100 ހައުސިން ޔުނިޓު އަޅަން ހަމަޖެހިފައިވާއިރު، 2 ރަށެއްގައި 150 ހައުސިންގ ޔުނިޓު، 9 ރަށެއްގައި 200 ހައުސިން ޔުނިޓު އަދި 14 ރަށެއްގައި 200 އަށްވުރެ ގިނަ ހައުސިން ޔުނިޓު އެޅުމަށްވަނީ ހުޅުވާލާފައެވެ.

މީގެއިތުރުން ރައްޔިތުން ގެދޮރުވެރި ކުރުމަށް ސަރުކާރުން ފޯރުކޮށްދޭ ފުރުޞަތުތަކުގެ ތެރެއިން، ގޯތި އެޅުމަށް މާލީ ޤާބިލުކަން ނެތް މީހުންނަށް އިސްލާމީ އުސޫލުތަކުގެ ތެރެއިން ހެޔޮ އަގެއްގައި ލޯނު ހޯދުމުގެ ގިނަ ފުރުޞަތުތަކެއްވެސް ވަނީ ފަހިކޮށްދީފައެވެ.