ޚަބަރު

ސިޔާސީ ކަންކަމާމެދު ސިފައިން ވިސްނަންޖެހޭނީ ހިކުމަތްތެރިކަމާއެކު


ރާއްޖޭގެ ސިޔާސީ މަސްރަޙުން ފެންނަމުންދާ ކަންކަމަށް ދިވެހި ސިފައިން ވިސްނަވަންވާނީ ހިކުމަތްތެރިކަމާއެކު ކަމަށާއި، އެވިސްނުމުގައި ސިފައިންގެ ޤާނޫނީ ވާޖިބަށް ރިޢާޔަތްކުރައްވަން ވާނެކަމުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓަރ މިކަމަށް ގޮވާލެއްވީ ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އުދުވާނީ ހަމަލާއިން ލިބުނު ނަސްރަށް 28 އަހަރުފުރުން ފާހަގަކުރެއްވުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި އެމް.އެން.ޑީ.އެފުން ނެރެމުންދާ އައްޑަނަ މަޖައްލާގެ ނަޞްރުގެ ދުވަހުގެ ޚާއްޞަ ޢަދަދު ނެރެދެއްވައި، ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ޙަމަލާއަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޢާދަމް ޝަރީފް އުމަރު ވިދާޅުވީ، ރާއްޖޭގައި އެއިރެއްގައި އޮންނަ ވެރިކަމުގެ ދަހިވެތި ކަމުގައި ކޮންމެވެސް ބަޔަކު ދިވެހި ޤައުމުގެ ސުލްޙަ މަސަލަސްކަން ނަގާލަން މަސައްކަތްކުރަމުން ގެންދާކަމަށެވެ. މިހާރުވެސް ރާއްޖޭގެ ޤާނޫނީ ވެރިކަމާއި ތޮޅެން ދުރާއި ގާތުން އަދުއްވުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށާއި، އެފަދަކަންކަން ކުރަނީ ޤައުމަށްވުރެ އަމިއްލަ އެދުން އިސްކޮށްގެން ކަމަށްވީހިނދު، މިހާރު ދިވެހި ޤައުމު އަމާންކަން މަތީ އޮންނަނީ، އަދުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީނު އަބްދުލްޤައްޔޫމްގެ ހިކުމަތްތެރި މަސައްކަތްޕުޅުން ކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

img:http://s2.psmnews.mv/images/660x400/14781540666130.jpg|ނަސްރުގެ ދުވަހުގެ ޖަލްސާގައި ޚާއްސަ ދުއާ ކުރަނީ / ފޮޓޯ: އެމްއެންޑީއެފް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ޙަމަލާއާއި އޭގެ ފަހުންވެސް ރާއްޖެއަށް ކުރިމަތިވި ބައެއްކަހަލަ ކުރިމަތިލުންތަކުން ފިލާވަޅުލިބިގަނެ، ސުލްހަ މަސަލަސްކަމާއެކު ދިރިއުޅެވޭނެ މާޙައުލެއް ޤާއިމްކުރެވޭނެ ގޮތަށް ހުރިހާ ދިވެހިން ވެސް ވިސްނަން ޖެހިފައިވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަޙުން ފެންނަމުންދާ ކަންކަމަށް ދިވެހި ސިފައިން ވިސްނަވަންވާނީ ހިކްމަތްތެރިކަމާއެކު ޤާނޫނީ ވާޖިބަށް ރިޢާޔަތް ކުރައްވައިގެންކަމަށެވެ.

"މިއަދު އަޅުގަނޑު ދެކޭގޮތުގައި ތިބޭފުޅުން ވިސްނަވަންޖެހޭ ކަމަކީ، ކުރައްވާފައިވާ ހުވާގެ މަތީގައި، ތިމާގެ އަމިއްލަ ޖަޒުބާތާއި، އަމިއްލަ މަސްލަހަތާއި، މާއްދީ ކަންތައްތަކަށްވުރެ ބޮޑަށް ކޮށްފައިވާ ހުވާގެ މަތީގައި ދެމިތިބޭ ބަޔެއްކަމުގައިވުމަށް. އެއީ ޤައުމީ އަދި ދީނީ ވާޖިބެއް" މިނިސްޓަރ ވިދާޅުވިއެވެ. 

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޚާއްސަ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީއެވެ. ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވަނީ ނަޞްރުގެ ދުވަހާ ގުޅޭ ގޮތުން ޢިބުރަތްތެރި ތާރީޚީ މުހިންމު ވާހަކަފުޅުތަކެއް ދިވެހި ސިފައިނާއި ހިއްސާކުރައްވާފައެވެ. އަޝްރަފް ވިދާޅުވީ، ދިވެހިންނަށް ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިވެދޭ މަދަދުޤާރުންނަކީ ސިފައިކަމަށްވީހިނދު، ކުރީގެ އަބްތާލުންނެކޭ އެއްފަދައިން މިއަދު ދިވެހިގައުމުގެ ދިފާއުގައި ނުކުންނަށް ތިއްބެވި ބަތަލުން ޤާނޫނީ ވެރިކަން އެކުވެރިކަމާއެކު ނެގެހެއްޓުމަށް ގޮވާލެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14781540311756.jpg|ނަސްރުގެ ދުވަހުގެ ޖަލްސާގެ ޝަރަފްވެރި މެހެމާނު ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: އެމްއެންޑީއެފް

"ހުރިހާކަމެއްގެ ތެރއިންވެސް ދިވެހި ސިފައިންގެ އެންމެ އިސްވާޖިބެއްކަމުގައި އަޅުގަނޑު ދެކެނީ، މިރާއްޖޭގެ ޤާނޫނާއި ޙުކޫމަތު ނަގަހައްޓައި، އެއިރެއްގައި އޮންނަ ޤާނޫނީ ސަރުކާރު ދެމެހެއްޓުން. އެކަމުގައި ތިޔަ ބޭފުޅުންގެ ސަފުތަކުގައި ބާގަނޑެއް އަޅުވައި، ސަފުތައް  ބައިބައި ކޮށްލެވިދާނެކަމަށް އަޅުގަނޑެއް ޤަބޫލެއް ނުކުރަން ސަބަބަކީ މިމަޤުސަދު ހާސިލުކުރުމަށް ފުރާނައިން ގުރުބާންވެވަޑައިގަންނަވަން ޖެހިއްޖެނަމަ، އެކަމަށްވެސް ތިބޭފުޅުން ތިޔަތިއްބެވީ ހުވާކުރައްވައިގެން" އަޝްރަފް ވިދާޅުވިއެވެ. 

މިރަސްމިއްޔާތުގައި ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިންގެ ހަނދާނުގައި ހައްދަވާފައިވާ ޅެމަކަށް އެމް.އެން.ޑީ.އެފް އޮކެސްޓްރާ ބޭންޑުން ތައްޔާރުކުރި ލަވައެއް ހުށަހަޅައިދީފައެވެ. ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބޭއްވި ޚާއްޞަ ޖަލްސާގައި މީގެ އަށާވީސް އަހަރުކުރިން އުދުވާނީ ޙަމަލާދިންއިރު، ސިފައިންގެ ޚިދުމަތުގައި ތިބި އަދި މިހާރު ރިޓަޔަރ ކުރައްވާފައިވާ އެކި ރޭންކުތަކުގެ ބޭފުޅުން ވަނީ ބައިވެރިވެފައެވެ. މިރަސްމިއްޔާތު ނިމިގެންދިޔައީ، ޚާއްޞަ ދުޢާއަކުންނެވެ.