ޖަޕާންގައި ބާއްވާ ކުރިއަށް އޮތް ގޭމްސްގައި އެންމެ ފެންވަރު ރަނގަޅު ކޮޓަރި ލިބޭނީ ކްރިކެޓް ކުޅުންތެރިންނަށް ކަމަށް އެ ގައުމުން ބުނެފި އެވެ.
ޖަޕާނުގެ ކްރިކެޓް އެސޯސިއޭޝަނުގެ ސީއީއޯ ނަކޯއީ އެލެކްސް މިޔާއީ ވިދާޅުވީ ގޭމްސްގައި ވާދަ ކުރާ ކްރިކެޓް ކުޅުންތެރިންގެ އެކޮމޮޑޭޝަންއާ މެދު ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށެވެ. ގޭމްސްގައި ވާދަ ކުރާ އޭޝިޔާގެ ގިނަ ގައުމުތަކަކީ ދުނިޔޭގެ ފެންވަރުގައި ވެސް ކްރިކެޓްގެ އެންމެ ގަދަ ބާރުތަކެވެ. މީގެ ތެރޭގައި ޕާކިސްތާނާއި ސްރީލަންކާ އާއި އިންޑިޔާ އާއި ބަނގްލަދޭޝް ހިމެނެ އެވެ. މި ގައުމުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޖަޕާނަކީ ކްރިކެޓް ވަރަށް މަދުން ކުޅޭ ގައުމަކަށްވެފައި ގޭމްސްގައި ކްރިކެޓް ޓީމުތަކަށް އެކަށީގެންވާ ވަސީލަކާއި ތިބުމުގެ އިންތިޒާމް ހަމަޖެހިފައި ނެތް ކަމަށް ބުނެ އެވެ.
މި ފަހަރުގެ ގޭމްސްގައި ވާދަކުރާ އެތްލީޓުންގެ އަދަދު 17000ވުރެ ގިނަ އެވެ. މިހެންވެ މި އެންމެނަށް އެކަށީގެންވާ ވަސީލަތް ނެތް ކަމަށް ގިނަ ގައުމުތަކުން ބުނެ އެވެ. އެތްލީޓުންނަށް ހާއްސަ ވިލެޖެއް ނެތްއިރު ގޭމްސް ބާއްވާ ފަރާތަކުން އިސްކަންދެނީ ކުޅުންތެރިން ކްރޫޒްލައިން ތަކާއި ވަކަރުން ހަދާފައިވާ ކޮންޓެއިނާ ކޮޓަރިތަކާއި އަދި ބައެއް އެތްލީޓުން ހޮޓަލުގައި ބައިތިއްބައިގެން ގޭމްސް ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް ކްރިކެޓަށް މަޝްހޫރު ގައުމުތަކުން ބޭނުންވަނީ އެ ގައުމުތަކުގެ މަތީ ފަންތީގެ ކުޅުންތެރިން މުބާރާތަށް ފޮނުވާތީވެ އެންމެ ފެންވަރު ރަނގަޅު އިންތިޒާމްތައް ހުރުމަށެވެ. އަދި މިކަންކަން ހަމަނުޖެހޭނަމަ އިންޑިޔާއިން މިހާރު ވެސް ވަނީ ދެ ވަނަ ފަންތީގެ ޓީމެއް މުބާރާތަށް ފޮނުވުމަށެވެ.
"އަހަރުމެންނަށް މުބާރާތަށް ތައްޔާރުވާން ލިބުނީ އެންމެ 17 މަސް. އަހަރުމެން ކްރިކެޓް ކުޅުންތެރިން ބައިތިއްބާނީ ހޮޓާތަކުގައި. އަހަރުމެން މި ތަނީ ކްރިކެޓް ގައުމުތަކާއެކު އެކަމާ މަޝްވަރާ ކުރަމުން. އެންމެ ފެންވަރު ރަނގަޅު ކޮޓަރިތައް ލިބޭނީ ކްރިކެޓް ކުޅުންތެރިންނަށް،" ސީއީއޯ ނަކޯއީ ވިދާޅުވި އެވެ.
އޭޝިއަން ގޭމްސްގައި ކްރިކެޓް ހިމެނާފައިވީ ނަމަވެސް މި މުބާރާތް ކުރިއަށް ގެންދާނީ އޭޝިއަން ކްރިކެޓް ކައުންސިލާ ގުޅިގެންނެވެ. ޖަޕާނުން ބުނީ މިހާރު ހަމަޖެހިފައިވާ ގޮތުން ކްރިކެޓް މުބާރާތް އޮންނާނީ ނަގޯޔާގައި ކަމަށާއި ކުޅުންތެރިން ތިބޭނީ ދަނޑަށް ޓްރޭނުގައި 40 މިނިޓުން ދެވޭ ހިސާބުގައި ކަމަށެވެ.