ޚަބަރު

މިދިޔަމަހު މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ


  • 555 ދޯންޏަކުން މަސްކިރުވާފައިވޭ

  • އެކި ފެސިލިޓީތަކަށް 1،488 ޓަނުގެ މަސް ކިރުވި

މިދިޔަ މަހު މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގައި މިފްކޯއަށް 555 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މިފްކޯއަށް މަސް ކިރުވާފައިވާ ދޯނިތަކުގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ މަހު މިފްކޯއަށް 555 ދޯންޏަކުން މަސް ކިރުވާފައިވާއިރު، މިއީ ޖުލައި މަހު މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާ އަޅާބަލާއިރު 32 ދޯނި ދަށް އަދަދެކެވެ. ޖުލައި މަހު މިފްކޯއަށް 822 ދޯންޏަކުން މަސް ކިރުވާފައިވެއެވެ.

މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދު ދަށްވެފައިވާއިރު، މި ދޯނިތަކުން ކިރުވި މަހުގެ އަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން އޮގަސްޓު މަހު މިފްކޯގެ އެކި ފެސިލިޓީތަކަށް 1،488 ޓަނުގެ މަސް ކިރުވާފައިވެއެވެ. ޖުލައި މަހު މިފްކޯއަށް ކިރުވާފައިވަނީ، 2،474 ޓަނުގެ މަހެވެ. އެހެންކަމުން މިއީ 39 އިންސައްތައިގެ ދަށްވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު މިފްކޯއިން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން އޮގަސްޓު މަހު މަސްވެރިންނަށް ދޫކޮށްފައިވަނީ، 29.9 މިލިޔަން ރުފިޔާއެވެ. މިއީ، އޭގެ ކުރީ މަހު މަސްވެރިންނަށް ދޫކުރި 49.7 މިލިޔަން ރުފިޔާއާ އަޅާބަލާއިރު، 39 އިންސައްތައިގެ ދަށްވުމެކެވެ.

ރާއްޖޭގެ ސަރަހައްދަށް މަސްވެރިކަން ދަށްވެފައިވަނީ، އެންވެރިކަން ދަށްވުމާ ގުޅިގެންނެވެ. މިފްކޯގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، މިދިޔަ އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް މަސްވެރިންނަށް ދޫކުރި ފައިސާ ހުރީ 1 މިލިޔަން ރުފިޔާ އަށްވުރެ ދަށުގައެވެ. ޖޫން މަހު ބައެއް ދުވަސްތަކުގައި ބޭނި މަހަށް 500،000 އެއްހައި ރުފިޔާވެސް ދޫކޮށްފައިވެއެވެ.

މިއީ، ރާއްޖޭގެ މަސްވެރިކަމަށް އައު ކަމެއް ނޫނެވެ. މަސްވެރިކަމުގެ ތަފާސް ހިސާބުތަކާއި އަދި ޒަމާނުއްސުރެ މަސްވެރިކަން ކުރާ ގޮތަށް ބަލާލާއިރު ޖޫން މަހާއި އޯގަސްޓު މަހަކީ، އެންމެ ބޮޑަށް މަސްވެރިކަން ދަށްވާ ދުވަސްވަރެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވުމާއެކު މި ދުވަސްވަރު އެންވެރިކަން ދަށްވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް މަސްވެރިކަން ދަށަށް ދެއެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒު ހާސިލުކުރުމަށް މަސްވެރިން ބާނާ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި އެފައިސާ މަސްވެރިންނަށް ޖަމާކޮށްދެއެވެ. އަދި 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 2.2 ބިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ.