ޚަބަރު

4 އަތޮޅެއްގެ ވަޤުފު އިމާރާތްތަކުގެ މަސައްކަތްތައް ކުރިއަށް


  • ތިނަދޫއާއި ކުޅުދުއްފުއްޓާއި އައްޑޫސިޓީ ހިތަދޫގެ އިތުރުުން ގއ. ވިލިނގިލީގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރަމުން

  • އިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރަނީ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް

ރާއްޖޭގެ 4 އަތޮޅެއްގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދަނީ ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީއާއި އައްޑޫސިޓީ ހިތަދޫގެ އިތުރުުން ގއ. ވިލިނގިލީގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި ވަޤުފުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

މިގޮތުން މިހާރު ކުރިއަށްދާ މަޝްރޫޢުތަކަށް ބަލާއިރު ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީއާއި ގއ. ވިލިނގިލީގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހުގައެވެ. އަދި އައްޑޫސިޓީގައި ވަޤުފު އިމާރާތް ތަރައްޤީކުރުމަށް ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.

މިވަޤްފު މަޝްރޫޢުތަކަކީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސް އެކެވެ.

މި އިމާރާތްތަކަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރާ އިމާރާތްތަކެކެވެ. ތިނަދޫއާއި، ކުޅުދުއްފުއްޓާއި، ވިލިނގިލީގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމަށް މިއިން ކޮންމެ މަޝްރޫޢަކަށް 10 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. އަދި އައްޑޫގައި ކުރިއަށްގެންދާ މަޝްރޫޢަށް 20 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

އަތޮޅުތަކުގައި ޤާއިމްކުރާ ވަޤުފް އިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ. މި އިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުންނެވެ.

މާލެއާއި ހުޅުމާލޭގައިވެސް ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. މާލޭގައި ތަރައްޤީކުރާ ވަޤުފު އިމާރާތުން އަހަރަކު 10 މިލިޔަނަށްވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭއިރު ހުޅުމާލޭގައި ތަރައްޤީކުރާ ވަޤުފު އިމާރާތުން އަހަރަކު 60 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެއެވެ.

މިތަންތަނުން ލިބޭ އާމްދަނީގެ %20 ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް އަދި ބާކީ ހުރި %80 އިސްލާމިކް ވަޤްފު ފަންޑަށް ޖަމާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.