މިމަހު 19 އިން އަންނަމަހުގެ 4 އަށް ޖަޕާނުގައި ކުރިއަށްދާ އައިޗީ - ނަގޯޔާ 2026 ނުވަތަ އޭޝިއަން ގޭމްސްގައި ވާދަކުރާނީ އުއްމީދީ ޒުވާން ސްކޮޑެއްކަމަށް މޯލްޑިވްސް އެކުއަޓިކްސްއިން ބުނެފިއެވެ.
އޭޝިއަން ގޭމްސްއަށް ޤައުމީ ސްވިމިން ޓީމުން ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އެކުއަޓިކްސްގެ ނައިބު ރައީސް އިސްމާއިލް ޢަލީ ވިދާޅުވީ މުބާރާތުގައި ވާދަކުރުމަށް އުއްމީދީ ޒުވާން ޓީމެއް ތައްޔާރުވަމުން އަންނަކަމަށެވެ.
އެގޮތުން އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ ސްކޮޑުގައި ހިމެނޭ އެތުލީޓުންގެ ތެރޭގައި ހިމެނެނީ މުހައްމަދު ރިހާން ޝިހާމް، ލޫޠު މުހައްމަދު ހުސައިން، މަލާއިކާ ލިންޑާ އިމްރާން އަދި އަމްނާ ތަޒްކިޔާ މިރްސާދުއެވެ. ގިނަ ކުރިއެރުންތަކެއް ހޯދަމުން އަންނަ ޒުވާން މި ސްކޮޑަކީ ޤައުމީ ރިކޯޑްތަކެއްވެސް ދަމަހައްޓަމުން އަންނަ ސްކޮޑެކެވެ.
އޭޝިއަން ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ އެތުލީޓުންގެ ފަރިތަކުރުންތައް ފޯރީގައި ކުރިއަށްދާއިރު، ރާއްޖޭގައި ތަމްރީނުތައް ހަދަމުން ގެންދަނީ ލިންޑާ އަދި ތަޒްކިޔާއެވެ. ރިހާންއަކީ ބަހްރައިންގައި ދިރިއުޅެމުން އަންނަ އެތްލީޓަކަށްވާއިރު، މުބާރާތުގައި ވާދަކުރުމަށް ޖަޕާނަށްވެސް އޭނާ ދިއުމަށް ހަމަޖެހިފައިވަނީ ބަހްރައިނުންނެވެ. އަދި ލޫޠު ބެންކޮކުގައި ކިޔަވަމުން އަންނައިރު އޭނާވެސް ޤައުމީ ޓީމާ ގުޅޭނީ ބެންކޮކް މަގުން ޖަޕާނަށް ގޮސްކަމަށް އިސްމާއިލްވަނީ މައުލޫމާތުދެއްވާފައެވެ.
އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ އެތުލީޓުންނަށް އިރުޝާދުދެމުން އަންނަނީ ކޯޗް އިސްމާއިލް ފަރްހާންއެވެ. މުބާރާތަށް ޤައުމީ ޓީމު ފުރުމަށް ހަމަޖެހިފައިވަނީ 15 ވަނަ ދުވަހުއެވެ.