ޔަހޫދީން އިސްތިޢުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ޤުޞްރާ އަވަށުގެ ގެތަކަށް، މޫނު ނިވާކޮށްގެން ތިބި ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިންގެ ބައިގަނޑަކުން ހަމަލާދީފިއެވެ. މިއީ، މި މަހުގެ ކުރީކޮޅު އެ ސަރަޙައްދުގައި ޔަހޫދީ ވަޒަންވެރިން ހިންގި ޙިޞާރާ ގުޅިގެން ބައިނަލްއަޤުވާމީ ފާޑުކިޔުންތައް އަމާޒުވި ފަހުން މި ފަދަ ލާއިންސާނީ ޖަރީމާތަކެއްގެ ރިޕޯޓު ކޮށްފައިވާ ފުރަތަމަ ފަހަރެވެ. މި ހާދިސާގައި ޔަހޫދީ ވަޒަންވެރިން ވަނީ ފަލަސްޠީނު ހަތް ރައްޔިތަކު ތިބި ގެއެއް ވަށައިލުމަށްފަހު، އެ މީހުންނަށް ހަމަލާދިނުމަށް ގައު އުކާފައެވެ.
އެ ގޭގައި ތާށިވި ޞިއްޙީ ޚިދުމަތްތެރިއެއް ކަމުގައިވާ ޞައްދާމް ޢުދައްޔު އަދި ގޭގެ ވެރިޔާ ލުޢައްޔު ބައިރޫތީ ބުނީ، އެހީއަށް އެދުމުން އައި ޔަހޫދީ ސިފައިން ގޭތެރެއަށް ކަރުނަގޭސް ޖަހައި، އެތެރޭގައި ތިބި މީހުން ހައްޔަރުކޮށް، ސިފައިންގެ އުޅަނދަކަށް އަރުވައި އަނިޔާކޮށްފައިވާ ކަމުގައެވެ. އަދި، ޖަރީމާ ހިންގި ހައްދުފަހަނައެޅި ޔަހޫދީ ވަޒަންވެރިން މިނިވަންކަމާއެކު ފިލައިގެން ދިޔުމުގެ ފުރުޞަތު ދީފައިވާ ކަމުގައެވެ. މި ހާދިސާގައި ކަރުނަގޭހާއި ވަޒަންވެރިން އުކި ގައުތަކުގެ ސަބަބުން ގޭތެރޭގައި ތިބި ހަ މީހަކު ވަނީ ޒަޚަމުވެފައެވެ.
ޔަހޫދީ އަސްކަރިއްޔާއިން ބުނީ އެ ސަރަޙައްދަށް ސިފައިން ފޮނުވާފައި ވަނީ ހަމަނުޖެހުން ހިންގަމުންދިޔަ ވަޒަންވެރިން ދުރުކޮށް، ގޭތެރޭގައި ތިބި މީހުން ރައްކާތެރިކުރުމަށް ކަމުގައެވެ. ނަމަވެސް، ޔަހޫދީ ސިފައިން ޢަމަލު ކޮށްފައި ވަނީ ދިމާ އިދިކޮޅަށް ކަމުގައި މަންޒަރު ފެނުނު މީހުން ބުނެއެވެ. އަދި، އެ ގޭގެ ރައްޔިތުން ހައްޔަރުކޮށް އަނިޔާކުރި ސަބަބު ހާމަކޮށްދިނުމަށް ޔަހޫދީ ފައުޖުން ވަނީ އިންކާރު ކޮށްފައެވެ. ގެތައް ޙިޞާރުކޮށް ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ޔަހޫދީ ވަޒަންވެރިންގެ ޢަމަލުތައް ކުށްވެރިކުރުމަށް އެމެރިކާއިން ދަނީ ޞިހްޔޫނީންގެ ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ. މީގެ އިތުރުން، ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ހިންގާ މި ފަދަ އަނިޔާވެރި ޢަމަލުތަކުގައި ޔަހޫދީ އިދާރާތަކުގެ ސީދާ ބައިވެރިވުން އޮންނަކަން އެކުވެރި ދައުލަތްތަކުގެ (އދ) ތަޙުޤީޤަކުން ވަނީ ހާމަވެފައެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނީ، ޔަހޫދީ ވަޒަންވެރިންގެ ޢަމަލުތަކަކީ ފަލަސްޠީނުގެ އިތުރު ބިންތައް ފޭރިގަތުމަށް ނިޒާމީ ގޮތެއްގައި ރާވައިގެން ހިންގާ ޖަރީމާއެއް ކަމުގައެވެ. ނަތަންޔާހޫގެ ސަރުކާރުން ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވަމުންދާއިރު، އެ މީހުންގެ އަނިޔާވެރިކަން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން ޣައިރުޤާނޫނީ ކުށެއް ކަމުގައި އދ އިންނާއި ގިނަ ޤައުމުތަކުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، ޔަހޫދީންނަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބޯލަނބާ ބަޔެއް ނޫން ކަމުގައި މަސްރަޙުގެ ދާރިސުން ފާހަގަކުރެއެވެ.